ހެއްކާ ގުޅޭ ގޮތުން މައުމޫން ކުރެއްވި ޓްވީޓް ޑިލީޓް ކުރައްވައިފި

ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑު ކިއުންތަކެއް އެމަނިކުފާނަށް އަމާޒުވެފައި ވަނިކޮށް ޓްވިޓާ އިން އެ ޓްވީޓް ރޭ ޑިލީޓް ކުރައްވައިފި އެވެ.


ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސިއްރު ލިޔުންތަކަކާއި ސިއްރު ހެކިންތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން ނިންމެވުމުން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށެވެ.

މައުމޫން ރޭ ކުރެއްވި ޓްވީޓް. އެމަނިކުފާނު ފަހުން ވަނީ އެ ޓްވީޓް ޑިލީޓް ކުރައްވާފައި.

ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި އަދި އެއްވެސް އިމާމެއްގެ ބަސްފުޅުގައި ސިއްރު ހެކި ބަހުގެ ވާހަކަ ނެތް ކަމަށް ވެސް މައުމޫން ވިދާޅުވެފައި ވެ އެވެ. އެކަމަކު، އެ ޓްވީޓަށް އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް ޓްވިޓާ މެދުވެރިކޮށް ހާމަކުރުމުން، މައުމޫން ވަނީ ޓްވީޓް ޑިލީޓް ކުރައްވައިފަ އެވެ.

މައުމޫނަށް ފާޑު ކީ ބައެއް މީހުން ބުނި ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުރަތަމަ ސިއްރު ހެކި ބަސް ނަގައިގެން ޝަރީއަތް ހިންގަން ފެށީ މައުމޫންގެ ވެރިކަމުގަ އެވެ. މައުމޫންގެ ވެރިކަމުގައި ސިއްރު ހެކި ބަސް ދޭން ފެށުމުން އެކަމާ ދެކޮޅު ނުހެއްދެވީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު ކުރި އެވެ.

މީގެ އިތުރުން، 2013 ގެ ރިޔާސީ އިންތިޚާބު ބާތިލް ކުރީ ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ސިއްރު ހެކި ބަހުގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހު ކަމަށާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި އޭރު ރައީސް މައުމޫން ހުންނެވި އިރު، އެކަން ވެސް ނުހުއްޓުވީ ކީއްވެތޯ ބައެއް މީހުން ސުވާލު ކުރި އެވެ.

ބައެއް މީހުން ބުނި ގޮތުގައި، ސިއްރު ހެކި ބަސް ދިނުމާ ދެކޮޅަށް މައުމޫން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކެވީ އެމަނިކުފާނު ހައްޔަރު ކުރި ފަހުންނެވެ. މީގެ ކުރިން އެ ވާހަކަ ނުދެއްކެވީ ކީއްވެތޯ ވެސް ބައެއް މީހުން މައުމޫނާ ސުވާލު ކުރި އެވެ.

މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރުކުރީ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ.

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް މައުމޫންގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގައި އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިިދިޔަ ޖުލައި މަހު ހުކުމް ކުރި އެވެ.

އެކަމަކު، ހައި ކޯޓުން ވަނީ ކަފާލާތުގެ ދަށުން މައުމޫން މިނިވަން ކުރަން އަމުރުކޮށްފަ އެވެ.