ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދިނުމަށް ކުރި ކެމްޕޭނަށް، ގަވާއިދާ ޚިލާފަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު ހޭދައެއް ކުރި މައްސަލަ ބެލުމަށް ހާއްސަ އޮޑިޓެއް ކުރަން އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފި އެވެ.
އޮޑިޓް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލިބިފައިވާ މައުލޫމާތުތަކަށް ބަލައި އެޗްޑީސީގެ ހާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ނިންމަވާފައިވާ ކަމަށެވެ. އެކަމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމަށް ޓީމެއް ހަމަޖެއްސުމާއި ޕްލޭންތައް ހެދުން ފަދަ މަސައްކަތްތައް މިހާރު ކުރަމުން މި އަންނަނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެޗްޑީސީގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ އެ ކުންފުނީގެ ހާލަތު ބުނެދިނުމަށް އޮޑިޓް އޮފީހަށާއި އޭސީސީ އަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ. ނަމަވެސް އެ ޕެޓިޝަނުގައި ބުނެފައިވާ ކަންކަމުގެ ތަފްސީލެއް ނޭނގެ އެވެ.
އޮޑިޓް އޮފީހުން އެޗްޑީސީގެ ހާއްސަ އޮޑިޓެއް ކުރަން ނިންމާފައިވާ އިރު އެ ކުންފުނިން ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ ލިޔެކިޔުންތަކެއް ނައްތާލާ ކަމުގެ މައްސަލައެއް މިއަދު ވަނީ ފެންމަތިވެފަ އެވެ.
ރައީސް ޔާމީންގެ ކެމްޕޭންގައި، ހުޅުމާލޭގައި މައި ޖަގަހައެއްގެ ގޮތުގައި އެޗްޑީސީން އިމާރާތް ކުރަމުން އަންނަ ޕްރީ ސްކޫލް ބޭނުން ކޮށްފައިވާ އިރު، މިލިއަނުން ފައިސާ ހޭދަކުރި ކަން ވެސް އެ ކުންފުނީގެ ލިޔެކިޔުންތަކުން ވަނީ ފަޅާއަރައިފަ އެވެ.
ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކަށް، ނުވަތަ ކެންޑިޑޭޓެއްގެ ކެމްޕޭނަށް ވިޔަސް ދައުލަތުގެ ބަޖެޓުން ހޭދަކޮށް، މުދަލާއި ވަސީލަތްތައް ބޭނުން ކުރުމަކީ ކޮރަޕްޝަންގެ އަމަލެކެވެ. މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޔާމީނަށް ތާއީދު ހޯދަން، އެޗްޑީސީގެ ވަސީލަތްތައް ބޭނުންކުރުމުގެ އިތުރުން މުވައްޒަފުން ލައްވައި ވެސް ވަނީ މަސައްކަތް ކުރުވައިފަ އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 400،000ރ.ގެ ރޭޓުން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން ސަރުކާރުން ނިންމީ، އެޗްޑީސީ އަށް މާލީ ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށެވެ.