ދިވެހިންގެ ނިންމުމާ އެއްގޮތަށް ކަންކަން ދާނެ ކަމުގެ ޔަގީންކަން އެބައޮތް: އިންޑިއާ

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ދިވެހިން ނިންމި ނިންމުމާ އެއްގޮތަށް ކަންކަން ދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިންޑިއާއިން މިއަދު ބުނެފި އެވެ.


އިންޑިއާއިން އެ ގޮތަށް ބުނީ، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގެ މިހާރުގެ ވެރިކަމުގެ ބާރުތައް އާ ސަރުކާރަށް ބަދަލުކުރުމާއި ރާއްޖެއާ އެކު އޮތް ގުޅުމާ ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ.

ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާން ރަވީޝް ކުމާރް ވިދާޅުވީ، ރައްޔިތުންގެ ނިންމުމާއި ޑިމޮކްރަސީގެ ހަމަތައް ހިފަހައްޓަން ރާއްޖެއަށް އިންޑިއާއިން ކުރިން ވެސް ގޮވާލާފައިވާނެ ކަމަށެވެ. އަދި، ރިޔާސީ އިންތިޚާބުން ހާމަވީ، ޑިމޮކްރަސީ އާއި ގާނޫނުގެ ވެރިކަން ދަމަހައްޓަން ދިވެހިން ބޭނުންވެފައިވާ މިންވަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކަންކަން ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރަވީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަވަށްޓެރި ގައުމުތަކުގެ ތެރެއިން އެންމެ ގާތް ގައުމުގެ ގޮތުގައި ރާއްޖެއާ މެދު އިންޑިއާއިން ދެކޭ ގޮތް ދެމެހެއްޓުމުގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިންޑިއާއިން ބޭނުންވެ އެވެ. އަދި ރައްޔިތުންގެ ނިންމުން މިހާރުގެ ސަރުކާރުން ގަބޫލު ކޮށްފައި ވާތީ އެކަމަށް އިންޑިއާ އިން މަރުހަބާ ކިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ ވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އެ ގައުމަށް ވަޑައިގަތުމަށް މޯދީ ވަނީ އިބޫއަށް ދައުވަތު ވެސް އަރުވައިފަ އެވެ.