ދައުރު ނިމުމުގެ ކުރިން މާލީ ބަޔާން ހުށަހަޅަން ރައީސަށް ވަނީ ފުރުސަތު ދީފައި: ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން އެމަނިކުފާނުގެ މާލީ ބަޔާންތައް ހުށަހަޅަން އޮޑިޓާ ޖެނެރަލް ދާދި ފަހުން ފުރުސަތު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.


ރައީސް ޔާމީންގެ މާލީ ބަޔާން ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އޮޑިޓާ ޖެނެރަލަށް ހުށަހަޅާފައި ނުވާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ލަފާ ދީފަ އެވެ. އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި އެ މައްސަލާގައި އެ ކޮމިޝަނުން ނިންމާފައިވަނީ އެ މައްސަލަ އެ ކޮމިޝަނަށް ނުބެލޭނެ ކަމަށާއި އެކަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހެޅިދާނެ ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަހަރު ހިމަނައިގެން ރައީސްގެ މާލީ ބަޔާން ހުށަހެޅުއްވުމުގެ ފުރުސަތު ދެއްވައި، އޮޑިޓާ ޖެނެރަލް މީގެ ދެތިން ދުވަސް ކުރިން ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި މާލީ ބަޔާނާ ގުޅޭ އެންމެހައި މަޝްވަރާތައް އޮޮޑިޓާ ޖެނެރަލްގެ ލަފަޔާ އެއްކޮށް ކުރެވިފައިވާ ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.

މުއާޒްގެ ޓްވީޓް

މުއާޒު ވިދާޅުވީ މާލީ ބަޔާން ހުށަހަޅުއްވާފައި ނެތް ރައީސުން ވެސް އެބަ ތިއްބެވި ކަމަށާއި އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރާ ކަމަށެވެ.

މުއާޒްގެ ޓްވީޓް

ރައީސް ޔާމީންގެ މާލީ ބަޔާން ހުށަނާޅުއްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަން ފެށުމުން ރައީސް އޮފީހުން ކުރިން ބުނެފައިވަނީ އެމަނިކުފާނު މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މާލީ ބަޔާން ހުށަހެޅުއްވި ކަމަށެވެ. އެކަމަކު މާލީ ބަޔާނުގެ އާ ފޯމެޓެއް އޮޑިޓް އޮފީހުން ނެރެފައިވާތީ އެ ފޯމެޓާ އެއްގޮތަށް އެމަނިކުފާނުގެ މާލީ ބަޔާން ހުށަހަޅުއްވާނެ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވެ އެވެ.