ރުއްގަސް ނަގާ މައްސަލަ އީޕީއޭ އިން ތަހުގީގު ކުރަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކުން ގަވާއިދާ ޚިލާފަށް ރުއްގަސް ނަގައި ވިއްކުމުގެ މައްސަލަ ފެންމަތި ވުމުން، އެ މައްސަލަ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން (އީޕީއޭ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.


މައްސަލަ ތަހުގީގު ކުރާ ކަން އީޕީއޭ އިން މި ހާމަކުރީ، ގަވާއިދާ ޚިލާފަށް ރުއްގަސް ނަގާ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ.

ގަވާއިދާ ހިލާފާށް ރުއްގަސް ނެގުމާ ގުޅޭ ގޮތުން އީޕީއޭ އިން ކުރި ޓްވީޓް

އީޕީއޭ އިން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ފުލުހުންނާ ގުޅިގެން ކަމަށެވެ. ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ބަޔަކު ހިންގަމުންދާ ގޯސްތަކުގެ މައުލޫމާތު، ހާމަކުރަމުން އަންނާތީ، އެ މުއައްސަސާ އިން ވަނީ ރައްޔިތުންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ރާއްޖޭގެ އެކި ރަށްރަށުން ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ވިއްކުމުގެ މަސައްކަތް ކުރާ މައްސަލަ ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްލައިފަ އެވެ. އޭގެތޭރޭގައި ކުނި ގޮނޑަކާއި ކުޑަކުދިންގެ ޕާކެއް ހެދުމުގެ ނަމުގައި ށ. ޅައިމަގުން 500 ރުއް ނެގި މައްސަލަ ހިމެނެ އެވެ.

މި ރަށުން ނެގި ރުށްތައް ވިއްކީ މާލެ އަތޮޅުގައި ހިއްކައިގެން ހަދަމުން އަންނަ ރިސޯޓުތައް ފެހިކުރުމަށެވެ.

ރާއްޖޭގެ ރަށްތަކުން ރުއް ނަގައިގެން ބޭރަށް ގެންދަން އުޅޭ ކަން ވެސް ވަނީ ފަޅާ އަރައިފަ އެވެ.