ވީއައިއޭ ރަންވޭ މަރާމާތުކުރާތީ ބައެއް ފްލައިޓްތައް ކެންސަލްވެ، ގިނަ ފްލައިޓުތަކެއް ޑިލޭވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ރަންވޭ މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާތީ ބައެއް މަތިންދާބޯޓުތަކުގެ ދަތުރުތަކަށް މިއަދު ބުރޫއަރާފައިވާ ކަމަށް އައިލެންޑު އޭވިއޭޝަނުން ބުނެފި އެވެ.


ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ރަންވޭގެ މެއިންޓަނަންސް ބައެއް މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ބައެއް ފްލައިޓުތަކުގެ ދަތުރުރަކަށް ބުރޫއަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރަންވޭ ބަންދެއް ނުކުރަން. އެކަމަކު، އެ ގަޑީގައި ރަންވޭއަށް ނުޖެއްސޭނީ އިންޓަނޭޝަނަލް ފްލައިޓްތައް އެކަނި. ޑޮމެސްޓިކް ފްލައިޓްތައް އެ ގަޑީގައި ވެސް އޮޕަރޭޓް ކުރެވޭނެ،" އާދިލް ވިދާޅުވި އެވެ.

މޯލްޑިވިއަން އިން އޮޕަރޭޓް ކުރާ އެންމެ ބޮޑު މަތިންދާބޯޓުން އިންޑިއާގެ ޓްރިވެންޑްރަމަށް މިރޭ ކުރަން ހަމަޖެހިފައި އޮތް ދަތުރު ވެސް ވަނީ ރަންވޭގެ މަރާމާތުގެ މަސައްކަތާ ގުޅިގެން ކެންސަލް ކޮށްފައި ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ. އަދި އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ބައެއް މަތިންދާބޯޓުތަކުގެ ދަތުރުތައް ވެސް ލަސްވެފައި ވެ އެވެ.

މޯލްޑިވިއަނުން ޓްރިވެންޑްރަމަށް މިރޭ ފުރަން ހަމަޖެހިފައި އޮތް މަތިންދާބޯޓުގެ ދަތުރު ކެންސަލް ކުރީ 17 މީހަކު ޗެކިން ވެސް ކުރި ފަހުން، ކުއްލި ގޮތަކަށެވެ. ޓްރިވެންޑްރަމްގެ ދަތުރު ކެންސަލްވިކަން ފަސިންޖަރުންނަށް އެންގީ ފުރުމަށްޓަކައި މިއަދު ހަވީރު އެއާޕޯޓުގެ ޗެކިން ކައުންޓަރައް ދިއުމުންނެވެ. ފްލައިޓް ކެންސަލްވިކަން އޭގެ ކުރިން ފަސިންޖަރުންނަށް ނާންގަ އެވެ.

ޓްރިވެންޑްރަމް ދަތުރު ދެން ބާއްވަނީ މާދަމާ ހެނދުނު ކަމަށް އައިލެންޑު އޭވިއޭޝަނުން މިހާރު ވަނީ ފަސިންޖަރުންނަށް އަންގައިފަ އެވެ.

މަރާމާތުގެ މަސައްކަތަށް ރަންވޭ ބަންދު ނުކުރާ ކަމަށް އެމްއޭސީއެލް އިން ބުނި ނަމަވެސް އައިލެންޑް އޭވީއޭޝަނުން ބުނަނީ މޯލްޑިވިއަން އެއާލައިންގެ ދަތުރުތަކަށް ބުރޫއަރާފައި ވަނީ ރަންވޭ ބަންދު ކުރުމުން ކަމަށެވެ.

"ދެ ފަހަރެއްގެ މަތިން މިއަދު ވަނީ ރަންވޭ ބަންދުކޮށްފައި. އަދި މިރޭ 12 ޖަހާއިރު ވެސް ރަންވޭ ބަންދުކުރޭ. ހުރިހާ ފްލައިޓަކަށް ވެސް މި މައްސަލަ ދިމާވި. މިހާރު އަޅުގަނޑުމެން ވާނީ ކަސްޓަމަރުންނަށް ވެސް މިކަން އަންގާފައި. ދެން ހަމަޖެހިފައިވާ ގޮތެއް ވެސް ކަސްޓަމަރުންނަށް އަންގާފައި ވާނީ،" އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، ސްރީ ލަންކާގެ ކޮލަމްބޯ އަށް މިއަދު ހަވީރު ފުރަން އޮތް އެމިރޭޓްސް އެއާލައިނުގެ ބޯޓެއް ވެސް ވަނީ ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ލަސްވެފަ އެވެ.

"ހަތަރެއް ޖެހިއިރު ބޯޓަށް އެރި ގޮތަށް އަދިވެސް މި ތިބީ. އަދި ކިރިޔާ މި ގުޑާލީ. ކީއްވެގެން ކަމެއް ނާންގާ،" ކޮލަމްބޯ އަށް ދަތުރު ކުރާ އެމިރޭޓްސްގެ ބޯޓުގައި އިން މީހަކު ބުންޏެވެ.