މޯދީ ވަޑައިގަތުމުގެ ތައްޔާރީތަކަށް އެޑްވާންސްޓީމް ރާއްޖޭގައި

އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖެ ވަޑައިގަތުމުގެ ތައްޔާރީތަކަށް އެ ގައުމުގެ އެޑްވާންސް ޓީމެއް ރާއްޖެއަށް އަތުވެއްޖެ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.


އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ "ދަ ވަޔާ" ނޫހުން ބުނީ އެޑްވާންސް ޓީމް ރާއްޖެއަށް އައީ އިއްޔެ ކަމަށެވެ. އެ ނޫހުން ބުނީ މިއީ މޯދީ ރާއްޖެ ވަޑައިގަންނަވާނެކަން ވަރަށް ބޮޑަށް ޔަގީންވުން ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ރަސްމީކޮށް އިންޑިއާ ސަރުކާރުން ވާހަކައެއް ނުދައްކަ އެވެ. މޯދީ މިހާރު ބުރަކޮށް އުޅުއްވަނީ ކުރިއަށް އޮތް އިންތިހާބުތަކުގެ ކެމްޕޭނުގައެވެ.

އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ހޮނިހިރުދުވަހު ވިދާޅުވީ، މޯދީގެ އިތުރުން އެހެން ގައުމުތަކުގެ ބޭފުޅުންނަށް ވެސް އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް ދައުވަތު ދީފައި ވާއިރު އެ ކަންކަން ޑިޕްލޮމެޓިކް ޗެނަލްތަކުން ޕްރޮސެސްވަމުން އަންނަ ކަމަށެވެ. ނަމަވެސް މޯދީ ވަޑައިގަންނަވާނެ ކަމަކަށް ވިދާޅެއް ނުވެ އެވެ.

"އިހަށް ދުވަހަކު ދެއްތޯ މި ނިންމާލެވުނީ ކޮން ދުވަހެއްގައިކަން [އިބޫ] ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހިންގާނީ. ރައްޔިތުންގެ މަޖިލީހުން ނިންމުމާ ގުޅިގެން އަޅުގަނޑުމެން މި ދަނީ މިކަންކަން ޑިޕްލޮމެޓިކް ޗެނަލުން ޕްރޮސެސްކުރަމުން،" މާރިޔާ ވިދާޅުވި އެވެ.

އިބޫ، ރައީސްކަމުގެ ހުވާކުރައްވާނީ މި މަހުގެ 17 ވަަނަ ދުވަހު އެވެ. މި ރަސްމިއްޔާތު އާންމުކޮށް ހުޅުވާލައިގެން ބާއްވަން ކުރިން ނިންމާފައި އޮތް އޮތުން މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

ސަރަހައްދީ ގައުމުތަކުގެ ތެރެއިން މޯދީ މިހާތަނަށް ވަޑައިނުގަންނަވަނީ ރާއްޖެ އަށް އެކަންޏެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.