ރިނބުދޫ ދަރިވަރުންނަށް ކިރާއި ދޮންކެޔޮ އަދި ބިސް ހިލޭ

ދ. ރިނބުދޫ ކައުންސިލްގެ ހަދިޔާއެއްގެ ގޮތުން އެ ރަށު ސްކޫލުގެ ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ކިރާއި ދޮންކޭލާއި ބިސް ހިލޭ ދޭން ފަށައިފި އެވެ.


އެ ރަށު ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް މިރޭ ވިދާޅުވީ "އީޓް ރައިޓް ރިނބުދޫ" (އީއާރުއާރު) ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަށް ދަ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓާއި އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެ އެހީއާއެކު ރިނބުދޫ ކައުންސިލުން އަންނަނީ މެއި، 10، 2018 އިން ފެށިގެން ކޮންމެ ދުވަހަކު ކޮންމެ ކުއްޖަކަށް ކިރުތައްޓަކާއި ދޮންކެޔޮވަކާއި ބިހެއް ދެމުންނެވެ.

ގްރޭޑް 1-10 އަށް ކިޔަވައިދޭ ރިނބުދޫ ސްކޫލުގައި 62 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

ދޮންކޭލާއި ބިސް ފޯރުކޮށްދެނީ ވޮއްމުލި ރިސޯޓުންނެވެ. އެސްޓީއޯއިން ދެނީ ކިރު ޕެކެޓެވެ. އެ އެއްޗެހި ދަރިވަރުން އުޅޭ ގެތަކަށް ރިނބުދޫ ކައުންސިލުން ދެނީ އީޓް ރައިޓް ރިނބުދޫ ލިޔެފައިވާ ކޮތަޅެއްގައި ޕެކޭޖެއް ގޮތުގައި، ހަފުތާގެ ހަތް ދުވަހަށް ވާ ވަރަށެވެ.

ހާތިމް ވިދާޅުވީ އީއާރުއާރު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ޕްލޭންކުރަމުން އަންނަތާ ހަތް އަހަރު ވެފައިވާ ކަމަށެވެ. ނަމަވެސް އެކަން ހަގީގަތަކަށް ހެދިފައިވަނީ ވޮއްމުލި ރިސޯޓާއި އެސްޓީއޯގެ އެހީތެރިކަމާ އެކުގަ އެވެ.

"އަޅުގަނޑުމެން ހަފުތާއަކަށް ވާ ވަރަށް ދަރިވަރުންނަށް ޕެކޭޖު މި ދެނީ. އޭރުން ދަރިވަރުން ސްކޫލަށް ދާނީ ކިރުތައްޓާއި ދޮންކޭލާއި ބިސް ކައިގެން. އަނެއްކާ ވެސް ހަތް ދުވަސް ވާއިރަށް އަޅުގަނޑުމެން ގެތަކަށް ގޮސް އެ ޕެކޭޖު ހަވާލުކުރާނެ. ހެލްތު ސެންޓަރުގެ އޮފިޝަލުން މޮނީޓާ ކުރާނެ މި ދޭ ކާނާގެ ކޮލެޓީ ވެސް،" ހާތިމް ވިދާޅުވި އެވެ.

ކިރުތައްޓާއި ދޮންކެޔޮވަކާއި ބިސް ހިމެނޭ ޕެކޭޖު، އެ ރަށު ސްކޫލުގެ ބެލެނިވެރިއަކަށް ހަވާލުކުރަނީ.-- ފޮޓޯ: ރިނބުދޫ ކައުންސިލް

އޭނާ ވިދާޅުވީ ކައުންސިލުން އިސްނަގައިގެން އެފަދަ ކަމެއް ކުރުމުގެ ބޭނުމަކީ، ހެނދުނުގެ ނާސްތާގެ މުހިއްމު ކަން އަންގައިދިނުމަށެވެ. އޭގެ އިތުރުން ޑައިޓީޝަނުން ގެންގޮސް ބެލެނިވެރިންނަށާއި ދަރިވަރުންނަށް ވެސް ރަނގަޅު ކާނާއާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ ސްކޫލު ޕްރިންސިޕަލް މަތިޔަޒް ހަގަން ވިދާޅުވީ ހެނދުނުގެ ނާސްތާ ދޭން ފެށިފަހުން ދަރިވަރުންނަށާއި ބެލެނިވެރިންނަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ގަވާއިދުން ހެނދުނުގެ ނާސްތާ ނަގައި ދަރިވަރުންގެ ކިބައިގައި ރަނގަޅު ކާނާ ކެއުމުގެ އާދަ ހަރުލާން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ސްކޫލުގައި ހިންގާ ހަރަކާތްތަކުގައި ވެސް ކުރިއަށް ވުރެ ދަރިވަރުންގެ ބައިވެރިވުން އިތުރުވެ ކިޔެވުމުގައި އިތުރަށް ހަރަކާތްތެރިވަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދަރިވަރުންނަށް ހެނދުނުގެ ނާސްތާއެއްގެ ގޮތުގެ ކިރުތައްޓާއި ދޮންކެޔޮ ފޯރުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި މިދިޔަ ސެޕްޓެމްބަރު 23ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ ހެނދުނުގެ ނާސްތާއަކަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ކިރާއި ދޮންކެޔޮ ފޯރުކޮށްދޭނެކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެހެންވެ ރިނބުދޫ ކައުންސިލުން މިހާރު އުއްމީދުކުރަނީ ސަރުކާރުން އެ ޕްރޮގްރާމް ކުރިއަށްގެންދާނެ ކަމަށެވެ.