ރާއްޖެ އާއި އިންޑިއާގެ އަސްކަރިއްޔާއާ ދެމެދު މައްސަލަތަކެއް ނެތް: ޝިޔާމް

ރާއްޖެ އާއި އިންޑިއާގެ އަސްކަރިއްޔާއާ ދެމެދު މައްސަލަތަކެއް ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.


އިންޑިއާގެ ކޮޗިންގައި މާދަމާ ފަށާ 10 ވަނަ "އިންޑިއަން އޯޝަން ނޭވަލް ސިމްޕޯޒިއަމް" ގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރައްވާ ދަތުރުގެ ތެރެއިން، ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (ސީއެންއައި) އަށް ދެއްވި އިންޓަވިއުއެެއްގައި ޝިޔާމް ވިދާޅުވީ، ދެ ގައުމުގެ އަސްކަރިއްޔާގެ ދެމެދުގައި އެއްވެސް އިރެއްގައި އެއްވެސް މައްސަލަތަކެއް ނެތް ކަމަށެވެ. ނަމަވެސް، ސިޔާސީ ކަންކަމަކީ ސިފައިންގެ އަތްމަތީގައިވާ ކަންކަމަށް ނުވުމުން، އެކަމާ މެދު އެއްޗެއް ނުދެވެންނެވޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިލިޓަރީ ޓު މިލިޓަރީ، އަޅުގަނޑުމެންގެ އެއްވެސް އިރެއްގައި އެއްވެސް މައްސަލައެއް ނެތް. ސިޔާސީ ކަންކަމަކީ އަޅުގަނޑުމެންގެ ދާއިރާއިން މުޅިން ބޭރުގައިވާ ކަމެއް. އެހެންވީމާ އެކަމާ ކޮމެންޓެއް ކުރަން އަޅުގަނޑަށް ވަރަށް ދަތި،" ސީއެންއައި އިން ދެންނެވި ސުވާލަަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވި އެވެ.

ސީއެންއައިގެ އެސޯސިއޭޓް އެެޑިޓަރު އަމީތާބް ރަވީ ވަނީ، ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައި ބަދަލާ ގުޅިގެން ރާއްޖެއިން އިންޑިއާ އަށް އަލުން އެއްބާރުލުން ދޭން ފެށީތޯ ޝިޔާމަށް ސުވާލު ދަންނަވައިފަ އެވެ. ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ޝިޔާމް އެ ޖަވާބު ދެއްވީ އެހެންވެ އެވެ.

މި އިންޓަވިއުގައި ޝިޔާމް ވަނީ އިންޑިއާ އަސްކަރިއްޔާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. އެގޮތުން، ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް އެހީތެރިވި ގޮތަކީ ދުނިޔެ އަށް ހުރި މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ ގައުމުތަކަކުން މި މިސާލަށް ތަބާވެއްޖެ ނަމަ މުޅި ދުނިޔެ ވެސް ވާނީ މި އަށް ވުރެ ރަނގަޅު ތަނަކަށް،" އޭނާ ވިދާޅުވި އެވެ.

އަސްކަރީ ގޮތުން ރާއްޖެއަށް އެހީތެރިވުމަށް އިންޑިއާއަށް އިތުރަށް ކުރެވޭނީ ކޮންކަމެއްތޯ ދެންނެވުމުން، ޝިޔާމް ވިދާޅުވީ އެ ގައުމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން، ދިވެހި ސިފައިން ތަމްރީން ކުރުމަށް ހާއްސަކޮށް އިންޑިއާ އިން އެހީތެރިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އިތުރު އުޅަނދުތައް ހޯދުމަށް އިންޑިއާ އާއި އެހެން ގައުމުތަކުގެ އެހީ ވެސް އަބަދުވެސް ރާއްޖެއަށް ބޭނުންވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް އުޅަނދުތަކުގެ ބޭނުން އަބަދުވެސް އޮންނަނީ ޖެހިފައި. އަޅުގަނޑުމެންނަށް އަބަދުވެސް އޮންނަނީ ރަނގަޅު މުވާސަލާތީ އާލާތްތަކުގެ ބޭނުން ޖެހިފައި،" ޝިޔާމް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާގެ ސިޔާސީ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވީ ނަމަވެސް، އަންނަ ހޮނިހިރު ދުވަހު ހުވާ ކުރައްވާ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމާ އެކު، ދެ ގައުމުގެ ގޮތުން ރަނގަޅުވާނެ މަންޒަރުތައް ވަނީ ފެންނަން ފަށައިފަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިބޫ ހުވާ ކުރައްވާ ކުލަގަދަ ރަސްމިއްޔާތަށް ވަޑައިގަތުމަށް ނިންމެވުމެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، މި ސަރަހައްދުގެ ހުރިހާ ގައުމަކަށް މޯދީ ވަޑައިގެންފައިވާއިރު، އެ ޝަރަފް ނުލިބޭ ހަމައެކަނި ގައުމަކީ ރާއްޖެ އެވެ. އޭގެ ސަބަބަކީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވުން ކަމަށް ބެލެވެ އެވެ.