ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެމްޑީޕީއާ މިރޭ ގުޅިވަޑައިގެންފި އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު މުހައްމާގެ ފޯމު ހަވާލުކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ހަސަން ލަތީފާ އެވެ. ސޮއިކުރެއްވުން އޮތީ ނަޝީދުގެ އަނބިކަނބަލުން އަދި ނަޝީދު ދިރިއުޅުއްވާ ގެކޮޅު މ. ޔާގޫތުގޭގަ އެވެ.
އެމްޑީޕީއަށް ސޮއިކުރެއްވި ސަބަބާ ގުޅޭގޮތުން މުހައްމާ "މިހާރު" އަށް ވިދާޅުވީ، އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ ކުރިއްސުރެ ގެންގުޅުއްވި ހިޔާލެއް ކަމަށެވެ. އެމްޑީޕީ އަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވާދަ ކުރެއްވުމަށް އެ ޕާޓީގެ ޓިކެޓު ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުހައްމާ ވިދާޅުވި އެވެ.
މުހައްމާ ވިދާޅުވި ގޮތުގައި، އެމްޑީޕީއާ ގުޅިވަޑައިގަތީ އަންނަ އަހަރުގެ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ޓިކެޓު އޭނާ އަށް އެ ޕާޓީން ދޭނެ ކަމުގެ ޔަގީން ދީގެނެއް ނޫނެވެ. އަދި ވިދާޅުވީ، އޭނާ ޓިކެޓު ހޯއްދަވާނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވައިގެން ކަމަށެވެ.
"އިހަވަންދޫ ދާއިރާއަށް ކުރިމަތިލާނަން. އެމްޑީޕީގެ ޓިކެޓް ހޯދަން ޖެހެނީ ޕްރައިމަރީއަކުން. އަޅުގަނޑު ވެސް ޖެހޭނީ ވެސް އެގޮތަށް،" އެމްޑީޕީގެ ސަޕޯޓު ބޮޑު އިހަވަންދުއަށް އުފަން މުހައްމާ ވިދާޅުވި އެވެ.
އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރުން ވެސް އޭނާ ކުރެއްވި މަސައްކަތް ގަބޫލު ކުރާ ކަމަށާއި އެހެންކަމުން ޕްރައިމަރީއެއްގައި ވާދަކޮށް އެ ޕާޓީގެ ޓިކެޓު ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މުހައްމާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވި މުހައްމާ ވަނީ ފަހުން ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ. ޕީޕީއެމްގައި ހުންނަވައި އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރަން ހުށަހެޅި މައްސަލައިގައި ސޮއިކުރެއްވުމުން ޕީޕީއެމުން ވަނީ އޭނާ އެ ޕާޓީން ވަކިކޮށްފަ އެވެ. ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ޕީޕީއެމްގެ ސަރުކާރުން ފާސްކުރި ގާނޫނާ އެކު މުހައްމާގެ ގޮނޑި ގެއްލުނު ކަމަށް އޭރު އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ.
އިތުރު 11 މެމްބަރުންނާ އެކު ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިތާ 14 މަސް ފަހުން، ސުޕްރީމް ކޯޓުން ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ.