ލޯންޗު ގޮއްވާލި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން، ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކުރި 15 އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފް މާދަމާ ހައި ކޯޓުގައި ބާއްވަން ތާވަލްކޮށްފި އެވެ.


އަދީބުގެ މައްސަލައެއް ހައި ކޯޓުގައި ތާވަލްކޮށްފައި މިވަނީ، އަދީބުގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނިކޮށެވެ. ނަމަވެސް އަދީބުގެ ޝަރީއަތެއް ހައި ކޯޓުގައި ތާޗަލުކޮށް ވަކީލުންނަށް ޗިޓު ފޮނުވާފައި ވަނީ އަދީބު އެޑްމިޓް ކުރުމުގެ ކުރިންނެވެ.

އެހެންވެ، އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާ އަށް ކޯޓަށް ވަޑައިނުގެންނެވޭނެތީ ކޯޓުގައި ތާވަލްކޮށްފައި އޮތް އިސްތިއުނާފް އަޑުއެހުން ކެންސަލްވާނެ ކަމަށް ބެލެވެ އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ "މިހާރު" އަށް ވިދާޅުވީ އަދީބުގެ ހާލަތު އަދިވެސް ސްޓޭބަލް ނޫން ކަމަށެވެ. ހަށިގަނޑުގެ ތެރެއަށް ހޮޅިއެއް ލައްވާފައި ވާތީ، ކޮޅަށް ތެދުވެ، ހިނގައި ހެދުމަކީ އަދީބަށް އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ނަޝްވާ ވިދާޅުވި އެވެ.

"އަދީބެއް މާދަމާ ކޯޓަކަށް ނުދާނެ. ކަރެކްޝަނަލް ސާވިސްއަކުން ވެސް އަދީބު ކޯޓަކަށް ނުގެންދާނެ. އެއީ އަދީބު ކޯޓަށް ދާކަށް ސިއްހީ ހާލަތު ތަން ނުދޭތީ،" ނަޝްވާ ވިދާޅުވި އެވެ.

ނަޝްވާ ވިދާޅުވީ އަދީބަށް ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް މާދަމާ ސިޓީއަކުން އަންގާނެ ކަމަށެވެ.

އަދީބު މީގެ ދެ ހަފުތާ ކުރިން އެޑްމިޓްކުރީ ކިޑްނީގައި ހިލަ އުފެދުމާ ގުޅިގެންނެވެ. އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަތައް ބޭސް ދީގެން ވެސް ނައްތާނުލެވުނު އިރު، ކިޑްނީ ދުޅަވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުންޏެވެ. އަދި މި ފަހުން ހިލަ ނައްތާލުމަށް އޮޕަރޭޝަނެއް ވެސް ކުރި އެވެ.

ނަޝްވާ ވިދާޅުވީ ކިޑްނީގައި ހިލަ އުފެދުމުގެ އިތުރުން އަދީބުގެ ހަށިގަނޑުގައި ސިސްޓުތަކެއް ވަނީ އުފެދިފައިވާ ކަމަށެވެ. އަދި ލޮލުގެ ފެނުމަށް އަސަރުކުރާ ބައްޔެއް ކަމަށްވާ ގްލޫކޯމާ އަށް ވެސް އަދީބު ބޭސް ކުރެ އެވެ.

ކުރީގެ ނައިބު ރައީސް އަދީބު ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަތާ ތިން އަހަރު ވެފައިވާއިރު އޭނާ ހުކުމް ތަންފީޒުކުރަނީ ޓެރަރިޒަމްގެ މައްސަލައިގައި އިއްވި ހުކުމްގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެންނެވެ. އަދީބުގެ އިތުރު މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ޔާމީންގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ ވަޑައިގެން، އެއާޕޯޓުން މާލެ އަށް ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލީ ސެޕްޓެމްބަރު 28، 2015 ގަ އެވެ. އެ ހާދިސާގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާއި އެހެން ބައެއް ބޭފުޅުން ޒަހަމްވި އެވެ.