ރައީސް، އަންނަ މަހު އިންޑިއާއަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ މަހު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.


މިއީ، މި މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

"ޓައިމްސް އޮފް އިންޑިއާ" ގައި ބުނެފައިވާ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ވަޑައިގަންނަވާ ތާރީޚަކީ އަންނަ މަހުގެ 17 ކަމަށް ކަނޑައެޅުއްވީ، މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖު ބޭއްވެވި ބައްދަލުވުމުގަ އެވެ. ރައީސްގެ އެ ދަތުރުފުޅާ ގުޅޭ ތަފްސީލެއް އަދި ދެ ގައުމުން ވެސް ހާމައެއް ނުކުރެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެ އާއި އިންޑިއާގެ ގުޅުން އަންނަނީ ވަރަށް ބޮޑަށް ބަދަހި ކުރައްވަމުންނެވެ. އެމަނިކުފާނު މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ވަޑައިގެންނެވިއިރު، އާ ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދު ރަސްމީ ދަތުރެއްގައި އެންމެ ފުރަތަމަ ވަޑައިގަތީ ވެސް އިންޑިއާ އަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ، އިންޑިއާ

ޝާހިދާއި ސުޝްމާގެ ބައްދަލުވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ދީފައިވާ ކަމަށެވެ.

އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު ދަތުރުފަތުރު ކުރުމުގައި ދެ ގައުމުގެ މީހުންނަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ވިސާގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މުހިންމު ކަމާ މެދު ޝާހިދާއި ސުޝްމާ ވެސް އެއްބަސްވެވަޑައިގެންނެވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ދިވެހި ދައުލަތުގެ ބަޖެޓްގެ ތާށިކަން ފިލުވުމަށްޓަކައި އިންޑިޔާ އިން 250 މިލިއަން ޑޮލަރާއި 350 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ފައިސާ ބޭނުންވާ ކަމަށާއި އެކަން އިންޑިއާ ސަރުކާރާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް ފޮރިން މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ރާއްޖެ އަށް އެ ވަރުގެ އެހީއެއް ބޭނުންވާކަން އިންޑިއާގެ ބޮޑުވަޒީރު މޯދީ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

"ބަޖެޓްގެ ދަތިކަމުގެ މައްސަލަ ހައްލު ކުރަން އަޅުގަނޑުމެންނަށް މިހާރުން މިހާރަށް 250-350 މިލިއަން ޑޮލަރު ބޭނުންވޭ. އަޅުގަނޑުމެންގެ ގައުމަށް ވަނީ ހަގީގީ ދަތިކަމަކާ ކުރިމަތިވެފައި. މާދަމާ [މިއަދު] އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރާ ބައްދަލުވީމާ އަޅުގަނޑު މި މައުލޫމާތު ހިއްސާ ކުރާނަން. ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު ވަގުތުން ރައީސް ސޯލިހް ވަނީ މި މައުލޫމާތު ބޮޑުވަޒީރު މޯދީ އަށް ދެއްވާފައި،" އެސްއެންއައި އަށް އިއްޔެ ދެއްވި އިންޓަވިއުގައި ޝާހިދު ވިދާޅުވި އެވެ.