ޕީރިއަޑް ވުމުން އަންހެނުން ބޭނުންކުރަން ޖެހޭ ޒަރޫރީ ބާވަތްތަކުން ޓެކްސް އުވާލަން ރައްޔިތުންގެ މަޖިލީހުގެ 68 މެމްބަރުންގެ އިއްތިފާގުން މިރޭ ފާސްކޮށްފި އެވެ.
މައްސަރު ކަންތައް ޖެހުމުން ބޭނުން ކުރާ ޕެޑަކީ އަސާސީ އެއްޗެއް ކަމަށް، ޖީއެސްޓީ ނަގާ އިރު ނުބަލަ އެވެ. އެހެންވެ އާއްމު ރޭޓުން ހަ ޕަސެންޓުގެ ޖީއެސްޓީއެއް ޕެޑުން ވެސް އަންނަނީ ނަގަމުންނެވެ.
ޕެޑުން ޓެކްސް ނެގުން އުވާލަން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ އެވެ.
ޕެޑުން ޓެކްސް ނެގުން އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވެވަޑައިގެންނެވި ވައުދެކެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ކުރާނެ ކަންތައްތަކުގައި ޕެޑުން ޓެކްސް ނެގުން އުވާލަން ހިމަނާފައިވެ އެވެ.
ބިލަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ އެ ޓެކްސް އުވާލަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޓެކްސް ކަނޑައިލުމުން، ފިހާރަތަކުން ޕެޑްގެ އަގު ހެޔޮކުރަން ޖެހޭނެ ކަމަށާއި އަގު ހެޔޮ ކުރޭތޯ ބަލަން ވެސް ބައެއް މެމްބަރުން ސަރުކާރަށް ގޮވާލެއްވި އެވެ.
ބިލް ހުށަހެޅުއްވި ބާރީ ވިދާޅުވީ ޕެޑުން ޓެކްސް ނަގާތީ އާންމުންގެ ގިނަ ޝަކުވާތަކެއް ހުރި ކަމަށެވެ. ބިލް ހުށަހެޅުއްވީ ވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެޑުން ޓެކްސް ނެގުން ހުއްޓާލަން ގޮވާލައި 2016 ގައި ސޯޝަލް މީޑިއާގައި #Massarutax" ނަމުގައި ކެމްޕެއިނެއް ވެސް ފެށި އެވެ. އަދި އެކަމަކާ ދެކޮޅަށް އޮންލައިން ޕެޓިޝަނެއް ވެސް ހެދި އެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުން ވަނީ އަންހެނުން ބޭނުންކުރާ އަސާސީ ބައެއް އެއްޗެހިން ޓެކްސް ނެގުން ހުއްޓާލައިފަ އެވެ.