ރައީސް އަބްދުﷲ ޔާމީން ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް އިއްޔެ ފުރާވަޑައިގެންފި އެވެ.
ރައީސް ޔާމީން އަމިއްލަފުޅު ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންނެވިއިރު، ނައިބު ރައީސް އަބްދުﷲ ޖިހާދު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގަ އެވެ.
ރައީސް ޔާމީން ސިންގަޕޫރަށް ވަޑައިގެންނެވި ސަބަބެއް އަދި އެ މަނިކުފާނު އެނބުރި ވަޑައިގަންނަވާނެ ދުވަހެއް ރައީސް އޮފީހަކުން ނުބުނެ އެވެ.
ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ "ރައީސްގެ ދަތުރުފުޅުތަކާ ގުޅޭ ގޮތުން ހާމަކުރަން ޖެހޭ މައުލޫމާތު އެ އޮފީހުން ހާމަކުރާނެ" ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ނައިބު ރައީސް މެލޭޝިއާ އަށް ވަޑައިގެންނެވީ ބްލޫ އޯޝަން ސްޓްރެޓެޖީގެ ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގެ ސަރުކާރުން ދިން ދައުވަތެއްގަ އެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް ޖިހާދު ވަނީ މެލޭޝިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.
ކޮންފަރެންސަށް ފަހު ނައިބު ރައީސް މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.