ރަށްރަށާއި ފަޅުތައް އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޭން ނިންމީ ޔާމީން: ޒިޔަތު

އެމްއެމްޕީއާރުސީގެ މެންޑޭޓް ފުޅާކޮށް، ސަރުކާރުގެ ޓޫރިޒަމްގެ ވައުދުތައް ފުއްދުމަށް 2014 ވަނަ އަހަރު ރަށްރަށާއި ފަޅުތައް އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދިނުމަށް ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.


އެތަންތަން ކުއްޔަށް ދޫކުރުމަށް ފަހު ލިބޭ ފައިސާ މީރާ އަށް ދިނުމުގެ ބަދަލުގައި އެމްއެމްޕީއާރުސީ އަށް ޖަމާ ކުރުމަށް ނިންމައި އެކަމަށް ހުއްދަ ދެއްވީ ވެސް ޔާމީންގެ އެންގެވުމުގެ މަތިން އޭރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލަތަކާއި ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދުމަށް ސަރުކާރުން އުފެއްދި ކޮމިޝަނަށް އެހީތެރިވެ، ގެއްލުނު ފައިސާތައް ހޯދައި ދިނުމަށް އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދާ ޒިޔަތު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ނުހައްގު ދައުވާއެއްކޮށް ޖަލަށްލީ ސިޔާސީ ބޭނުމެއްގައި ކަމަށާއި މި ސަރުކާރުން އެކަމުގައި އިންސާފު ހޯދައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާ އަށް އޭނާ ހިޔާނާތްތެރިވި ކަމަށް ބުނާ ވާހަކަ ޒިޔަތު ދޮގުކުރެއްވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރިސޯޓު ހެދުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމަށް ކުރި އެންމެހައި މުއާމަލާތްތަކުގެ ފުރިހަމަ މައުލޫމާތު ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެ މައުލޫމާތުތައް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ޔާމީނާ ހިއްސާ ކުރެއްވި ކަމަށް ޒިޔަތުގެ ބަޔާނުގައިވެ އެވެ.

"ފިނިފެންމާ ލޯންޗުގައި ހިނގި ހާދިސާއަށް ފަހު ޔާމީނާއި އަދީބާ މެދު ޖެހުނު މައްސަލައިގައި އަޅުގަނޑު ރައީސް އޮފީހަށް ހާޒިރުކޮށް، އަދީބާ ދެކޮޅަށް ބަޔާން ދިނުމަށް އަޅުގަނޑު އިންކާރު ކުރުމުން ކުޑައިރުކޮޅެއްގެ ތެރޭގައި އަޅުގަނޑު ހައްޔަރު ކުރި އެވެ،" ޒިޔަތު ނެރުއްވި ބަޔާނުގައިވެ އެވެ.

ދޫނިދޫ ކުޑަގޮޅީގައި އެކަހެރިކޮށް، ބާއްވައި މަޖުބޫރުން ބަޔާން ނެގިކަން ފާހަގަ ކުރައްވައި، ޒިޔަތު ވިދާޅުވީ އެމްއެމްޕީއާރުސީގެ އެއްވެސް ޗެކެއް އަދި ޕޭމަންޓެއް އަދީބާ ހަވާލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާ އަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީގެ ޗެކުތަކެއް އެހެން ކުންފުނިތަކަކަށް ޖަމާކޮށްފައި ވަނީ އެމްއެމްޕީއާރުސީގެ ބޯޑުގެ ނިންމުމާއި ބީއެމްއެލް އިން އަމަލު ކުރަމުން އަންނަ އުސޫލުތަކާ ހިލާފަށް ބާރުގަދަ ބައެއްގެ ނުފޫޒުގެ ދަށުން ކަމަށެވެ. އެކަމަކު، ބީއެމްއެލްގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ އެމްއެމްޕީއާރުސީއާ ގުޅޭ ހުރިހާ މުއާމަލާތްތައް ބޭންކް ތެރެއިން ހިންގާފައި ވާނީ "ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް" ކަމަށެވެ.

"އަޅުގަނޑު ބަންދުގައި ތިން އަހަރު ވެގެން ދިޔައިރު، ބަހެއް ނުބުނެ ހުރީ އަޅުގަނޑަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ޖެހިލުންވާތީ އެވެ. ނަމަވެސް މި ބަޔާން ނެރުމަށް ނިންމީ މި ސަރުކާރުން އިންސާފު ގާއިމުކޮށްދޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ،" ޒިޔަތުގެ ބަޔާނުގައިވެ އެވެ.

ބަންދުގައި ހުރި އިރު ސިއްހީ އަދި ނަފްސާނީ އެތައް މައްސަލަތަކެއް ކުރިމަތިވިކަން ފާހަގަ ކުރައްވައި ޒިޔަތު ވިދާޅުވީ އެމްއެމްޕީއާރުސީގެ ތެރޭގައި ހިނގައިދިޔަ ކަންކަން ބަޔަކު ފަސް އަޅައި ފޮރުވަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އިންސާފުވެރި ތަހުގީގެއްކޮށް ހަގީގަތް ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އިންސާފުވެރި ޝަރީއަތަކުން ކުށް ސާބިތުވާނަމަ، އެކަމުގެ ހައްގު އަދަބު ލިބިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ޒިޔަތު ނެރުއްވި ބަޔާނުގައިވެ އެވެ.