ޔާމީން މަސައްކަތް ކުރެއްވީ އިންޑިއާ އާއި ޗައިނާ ޖައްސުވަން: ޝާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސައްކަތް ކޮށްފައި އޮތީ އިންޑިއާ އާއި ޗައިނާއިން އެއްބަޔަކު އަނެއް ބަޔަކަށް ތޮޅުވަން ކަމަށާއި ނަތީޖާއެއްގެ ގޮތުން ގެއްލުންވީ ދިވެހިންނަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހައިސިއްޔަތުން އިންޑިއާއަށް މިއަދު ފައްޓަވާ ފުރަތަމަ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން، މިދިޔަ ހުކުރު ދުވަހު "މިހާރު" އަށް ޝާހިދު ވިދާޅުވީ އިންޑިއާ އާއި ޗައިނާގެ ވެރިން އެއް ފަހަރަށް ވުރެ ގިނަ ފަހަރު މިދިޔަ ފަސް އަހަރު ބައްދަލުކުރެއްވި ކަމަށެވެ. ދެ ގައުމުން ވެސް އަނެއް ގައުމުގައި އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުތައް ކުރަމުން ދިޔަ އެވެ.

"ދެ ގައުމު ގުޅިގެން މިލިޓަރީ އެކްސަސައިޒްތައް އެ ދެ ގައުމުގެ ދެމެދުގައި ބާއްވަމުން ގެންދެވި. އެކަމަކު، ރައީސް ޔާމީންގެ މަސައްކަތްޕުޅުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ނުތަނަވަސްކަމާއި ހައްސާސްކަން އައުން ފިޔަވައި އިތުރު ކަމެއް ނުވޭ،" ޔާމީން ވެރިކަމުގައި ރާއްޖޭގެ ބަދަލުގައި އިންޑިއާ އާއި ޗައިނާގެ ގުޅުން އެ ދެ ގައުމުން ވަރަށް ބޮޑަށް ބަދަހިކުރި ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.

"ގަސްދުގައި ރައީސް ޔާމީން އެކަން [ރާއްޖެ-އިންޑިއާގެ ގުޅުން ހީނަރުކުރުން] ކުރެއްވީ. ވަކިވަކި ފިޔަވަޅު އަޅުއްވައިގެން އިންޑިއާއަށް ދަތިކުރަން ރައީސް ޔާމީން މަސައްކަތް ކުރެއްވީ. ޔާމީން މަސައްކަތް ކުރެއްވީ އިންޑިއާ އާއި ޗައިނާ ދެ ގައުމުން އެއް ބަޔަކު އަނެއް ބަޔަކަށް ތޮޅުވަން. ހާ ތަޅުވާ ސީދީ ހެދިގެން އުޅުއްވާފައި އޮތީ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، އެމަނިކުފާނު އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ގައިގައި ބައްދާލައްވަނީ: ރައީސް، މިއަދު ހެނދުނު އިންޑިއާއަށް ފުރާވަޑައިގަންނަވާނެ.--- ފޮޓޯ: އޭއެފްޕީ

ޔާމީންގެ ވެރިކަމުގައި ޗައިނާއަށް ޚާއްސަ ގޮތެއް ގެންގުޅެފައިވާއިރު، ޒަމާނުއްސުރެ ރާއްޖެއާ އަވަށްޓެރި އިންޑިއާގެ ގުޅުން އޮތީ އެ ދުވަސްވަރު ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ޔާމީންގެ ފަސް އަހަރުގެ ވެރިކަން މިދިޔަ ސެޕްޓެމްބަރު 23 އާ ހަމައަށް ނިންމައިލިއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވައިފައެއް ނުވެ އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ބޮޑު ތަފާތަކުން ޔާމީން ބަލިކޮށް، ރިޔާސީ އިންތިޚާބު ކާމިޔާބުކުރި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިންޑިއާއާ އެކު ގެންގުޅުނު ފަދަ ގާތްކަމެއް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަންނަނީ ބާއްވަމުންނެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް ކުރައްވަނީ އިންޑިއާ އަށެވެ.

ޝާހިދު ވިދާޅުވީ، ޔާމީނަށް ވިސްނިވަޑައިގެންފައި އޮތީ އިންޑިއާ އާއި ރާއްޖެ "ތަޅުވައިގެން" އެއް ބައެއްގެ އަތުން "ތަންކޮޅެއް ގިނައިން ލާރި ލިބޭނެ" ކަމަށެވެ. އަދި އެއީ ޚާރިޖީ ކަންތައްތަކުގައި ކޮށިވުމުން އަންނަ ވިސްނުންފުޅެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު (ވ) އާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ސަލާމް ކުރައްވަނީ.---ފޮޓޯ: މިހާރު

"މައުލޫމާތު ރަނގަޅަށް އެނގިވަޑައި ނުގެން ކުރައްވާފައި ހުންނަ ކަންތައްތައް އެ ހުންނަނީ. އެއީ ނުބައި ޖަޖްމަންޓެއް. ޚާރިޖީ ދާއިރާގައި އެންމެންނާ ގުޅިގެން އުޅުނީމާ ގައުމަށް އެންމެ ފައިދާ ވާނީ. ވަކި ބަޔަކާ ގުޅުން ކަނޑާލައިގެން އުޅުނީމާ ފަހަރެއްގައި ތިމާއަށް ބޭނުންވާ ކުރިއެރުންތަކެއް، މާލީ ފައިދާތަކެއް އަތުވެދާނެ ކަން ނޭނގޭ. ހަމަ ގައިމު ވެސް ދުނިޔޭގައި ސާބިތުވެފައި އޮތް ހަގީގަތަކީ އެންމެ ރަނގަޅަށް އެ ގައުމަކަށް ފައިދާ ކުރަނީ ވީހާ ވެސް ގިނަ ގައުމުތަކަކާ ގުޅިގެން، ބައިވެރިވެގެން އުޅެން ދަސްވީމާ،" މައުމޫންގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މި ސަރުކާރުން އިންޑިއާ އާއި ޗައިނާއާ އެކު ގެންގުޅޭނީ ރަހުމަތްތެރިކަމުގެ ބަދަހި ގުޅުމެކެވެ. އަދި ރާއްޖެއަށް ކުރިމަތިވާ ބޮޑު ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީވަނީ އިންޑިއާ ކަމަށާއި އެ ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށެވެ. އެކަން އެގޮތަށް ހިނގަނީ އިންޑިއާ އަކީ ވަސީލަތްތައް ހުރި އަދި ޖިއޮގްރަފިކަލީ ގޮތުން ރާއްޖެއާ އެންމެ ކައިރި ގައުމަށް ވާތީ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގެ ކުރީގެ ރައީސް ޔާމީން 2014 ވަނަ އަހަރު އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވަނީ: މިހާރުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ ގުޅުން ޔާމީން ގަސްދުގައި ހީނަރު ކުރުވި ކަމަށް.

"އަދި ފެންނަން އޮތް އޮތް ހަގީގަތަކީ ރާއްޖެއަށް ކުއްލި ހާލަތް ދިމާވާ ކޮންމެ ފަހަރަކު ދުރުގައި އޮތަސް އެހެން ގައުމުތަކުން ވެސް އަޅުގަނޑުމެންނަށް އެހީވާކަން. އެހެންވީމާ އެ ގައުމުތަކާ އެކު އަޅުގަނޑުމެން ގާތް ގުޅުން ބާއްވާނަން. ޗައިނާ އަކީ ރާއްޖެއަށް ވަރަށް ބޮޑެތި އެހީތަކެއް މި ވޭތުވެދިޔަ ދުވަސްތަކުގައި ދީފައި އޮތް، ރާއްޖެއާ ރަހުމަތްތެރި ގައުމެއް. އެހެންވީމާ، ޗައިނާއާ އެކު އޮތް ގުޅުމުގެ އަގު އަޅުގަނޑުމެން ވަޒަން ކުރާނަން. ގާތް ގުޅުމެއް ބާއްވާނަން،" ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، އިޒްރޭލް ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް ވިސާ ދޫކުރުމުގައި ވެސް މި ސަރުކާރުން އެއްވެސް ހިފެހެއްޓުމެއް ނުގެންގުޅޭނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވީ، ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ރާއްޖެ އަންނަން ބޭނުންވި އިންޑިއާގެ މީހުންނަށް ގަސްދުގައި ވިސާ ނުދީ ހިފަހައްޓާފައިވާ ކަމުގެ ތުހުމަތާ އެކު އެވެ.

ޝާހިދު ވިދާޅުވިގޮތުގައި އިންޑިއާ މީހުންނަށް ގަސްދުގައި ވިސާ ނުދީ، ކުރިން ހިފަހައްޓާފައި އޮތް އޮތުން ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެއާ އެކު، އިންޑިއާ އަށް ތަފާތު ބޭނުންތަކުގައި ދާން ބޭނުންވާ ދިވެހިންނަށް ވިސާގެ ބޮޑެތި ލުއިތަކެއް އެ ގައުމުން ދޭން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިންޑިއާ ދަތުރުފުޅުގައި ވިސާގެ ބޮޑެތި ލުއިތަކެއް ރާއްޖެއަށް ލިބޭ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ އެވެ.

ޝާހިދު ވިދާޅުވެފައި ވަނީ އެއީ އިންޑިއާއިން އެއްވެސް ގައުމަކާ ދޭތެރޭގައި ކުރެވޭނެ އެންމެ މިނިވަން އަދި އެންމެ ދީލަތި ވިސާ ކަމަށެވެ.