ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު މޮދީ ވަޑައިގެން، ދެބޭފުޅުން ބައްދާލައްވަނީ.---ފޮޓޯ: އޭއެފްޕީ
16 ޑިސެމްބަރ 2018 - 10:17
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
މިދިޔަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ފުރާވަޑައިގަތީ އެ ގައުމުގެ ސަރުކާރުން ފޮނުވި ޚާއްސަ މަތިންދާބޯޓެއްގަ އެވެ.
އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ރައީސް، އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމާ އެކު ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް އެއްބަސްވުމަކީ ދިވެހިންނަށް އިންޑިއާގެ ވިސާގެ ބޮޑެތި ލުއިތަކެއް ލިބޭ އެއްބަސްވުމެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި އިންފްރާސްޓްރަކްޗަ މިނިސްޓަރު މުހައްމަދު އަސްލްމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައި ވަނީ މިއީ އިންޑިއާއިން އެއްވެސް ގައުމަކާ ދޭތެރޭގައި ކުރެވޭނެ އެންމެ މިނިވަން އަދި އެންމެ ދީލަތި ވިސާ ކަމަށެވެ. އަދި މިއީ ދިވެހިންނަށް މިހާތަނަށް އިންޑިއާގެ ފަރާތުން ލިބޭ ވިސާގެ އެންމެ ބޮޑު ލުއިކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
- - ޓޫރިޒަމާއި ބޭސްފަރުވާ އާއި ވިޔަފާރިއާ ގުޅޭ މަސައްކަތްތައް ކުރުމަށްޓަކައި 90 ދުވަހުގެ ވިސާ ލިބޭނެ. (ކޮންމެ ހަ މަހަކުން ގިނަވެގެން 90 ދުވަސް)
- ޓޫރިސްޓު ވިސާގައި އިންޑިއާއަށް އެތެރެވުމަށް ފަހު، ކުރިމަތިވާ ސިއްހީ ކުއްލި ކަމަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އެ ގައުމުގައި މަޑުކުރަން ޖެހިއްޖެ ނަމަ، ރާއްޖެ ނައިސް މެޑިކަލް ވިސާ ހަމަޖެހޭނެ. އެ ހާލަތުގައި އެހީތެރިންނަށް ވެސް މެޑިކަލް ވިސާ ލިބޭނެ.
- ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހޭ މީހުން އެންމެ ގިނަ ވެގެން ހަ މަސް، ނުވަތަ ހާލަތަށް ބަލައި އެއް އަހަރާ ހަމައަށް އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވިސާ ދޫކުރާނެ. އެފަދަ ހާލަތެއްގައި ވިސާ ދޫކުރާނީ ދެ އެހީތެރިންނާ އެކު.
- އިންޑިއާގައި ކިޔަވަން ހުންނަ މުއްދަތަށް ނަމަ، މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ދޫކުރާނެ.
- އުމުރުން 18 އަހަރުން ދަށުގެ ދަރިވަރުންގެ ބެލެނިވެރިންނަށް، އެ ދަރިވަރެއްގެ ވިސާގެ މުއްދަތަށް މަލްޓިޕަލް އެންޓްރީ ވިސާ ލިބޭނެ.
- މަތީ ތައުލީމަށް ކިޔަވަން ނުވަތަ އެކި ކަންކަމާ ގުޅޭ ރިސާޗް ހެދުމަށްޓަކައި އިންޑިއާގައި ތިބޭ ދަރިވަރުންގެ ކުދިން (18 އަހަރުން ދަށް ނަމަ) އަނބިންނާއި ފިރިން އަދި މައިންބަފައިންނަށް ވެސް ވިސޭ ހަމަޖައްސައި ދޭނެ.
- އިންޑިއާގައި ކިޔަވަން ތިބޭ ބެލެނިވެރިންގެ 18 އަހަރުން ދަށުގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ހާލަތަށް ބަލައި އެ މީހުންނަށް ވެސް ވިސާ ލިބޭނެ.
ރައީސްގެ ދަތުރުފުޅުގައި، އިންޑިއާ ސަރުކާރުން ރާއްޖެއަށް ބަޖެޓް ސަޕޯޓް އަދި ކޮންސެޝަނަލް ލޯނު ދިނުމާ ގުޅޭ އެއްބަސްވުމުގައި ސޮއިނުކުރި ނަމަވެސް އެ ގައުުން އެކަމަށް އެއްބަސްވާނެ ކަމަށް ޝާހިދު ވިދާޅުވެފައި ވެ އެވެ. އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ބަޖެޓުގެ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށާއި އެހެންވެ، ބަޖެޓަށް އިތުރަށް ބޭނުންވާ 200 ވަރަކަށް މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ހޯދުމަށް ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"އޭގެ ތެރެއިން ހަމަ ރަނގަޅު އަދަދެއް ހިލޭ އެހީގެ ގޮތުގައި އިންޑިއާގެ ސަރުކާރުން ދެއްވާނެ. އަދި އަޅުގަނޑުމެންނާ ރައްޓެހި އެހެން ގައުމުތައް، އެއީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ސައޫދީއަރަބިއްޔާއިން ވެސް މިހާރު އެ މަސައްކަތް އެބަކުރައްވާ. އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަން ފިލުވުމަށް އެބޭފުޅުން މަސައްކަތް ކުރައްވާ،" ފޮރިން މިނިސްޓަރު މިދިޔަ ހުކުރު ދުވަހު "މިހާރު" އަށް ވިދާޅުވެފައި ވެ އެވެ.
ރައީސްގެ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި ދިއްލީގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމުގެ އިންވެސްޓަރުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.
ރައީސްގެ މި ތާރީޚީ ދަތުރުފުޅުގައި ރާއްޖޭގެ ބައެއް މީޑިއާ ވެސް ބައިވެރި ކުރައްވަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިންޑިއާއަށް ވަޑައިގަންނަވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، ދިވެހިންގެ އިތުރުން އިންޑިއާ މީހުންނަށް ވެސް އެއް ގައުމުން އަނެއް ގައުމަށް ދިއުމަށްޓަކައި ވިސާގެ ދަތިތައް އެކި ގޮތްގޮތުން ކުރިމަތިވި އެވެ. އަދި ސިޔާސީ ފެންވަރުގައި ވެސް ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސް، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވަނީ ތިން ފަހަރަށް ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ.
ނަމަވެސް، މިހާރުގެ ސަރުކާރުން އަންނަނީ ރާއްޖެ-އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް އެކި ދާއިރާތަކުން އެ ގައުމުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީމާހު
17 December 2018
ދިވެހިރާއްޖެ އަޅުވެތި ކުރުމުގެ ބާބުގެ ފެށުން. ތަރައްޤީ އާއި އަމިއްލަ ފައިމައްޗަށް ތެދުވުން ދެން ހަނދާން ނައްތާލާ. ޖަހާލަން ބޭނުންވާ އިންޖެކްޝަންއެއްވެސް ގެންނަން ދެން ޖެހޭނީ ސަލާން ޖަހަން.
އަހުމަދު އިބްރާހިމް
16 December 2018
އިންޑިއާ އިން ދިވެހިންނަށް ހެވެއް ނޭދޭނެކަން މާޒީން އެބަ އެނގޭ.... ކޮންމެވެސް ތަނެއް އަތުލައިގަތުން ނޫން ކަމެއް ފެންނާކަށް ނެތް.... ދާހިލީ ކަންކަމާއި ބެހުމާއި ގޮނޑިކޮއްކޮ ހެއްދުން.... މޯދީގެ ގަނޑުވަރުގައި ރައީސް ހުންނެވުމަކީ ވިސްނަން ޖެހޭ ކަމެއް...
1952
16 December 2018
ދިވެހި ރާއްޖެއިން ކްންތަނެއްތަ އިންޑިއާއިން އަތުލައިގެންފައިވަނީ. އަދި ގޮނޑިކޮއްކޮ ހައްދައިގެން ކޮށްފައިވަނީ ކޮންކަމެއްތަ؟ ރައީސް ހުންނަވަނީ މޯދީގެ ގަނޑުވަރުގައެއްނޫ.
ނުކިޔަވާ
16 December 2018
ގައުމުގަ ނުވިއްކާތަންކޮޅެއްް ހުންނާނެބާ؟؟؟ އަހަރަމެން ނިކުންނާނެން އިންޑިޔާ ސިފައިން ބޭރުކުރަން ވަރަށް އަވަހަށް!
ހަޒީމް
16 December 2018
މިފަސް އަހަރު ނިމޭއިރު ދިވެހީން އިންޑިއާގެ ފުރިހަމަ އިސްތިއުމާރުގެ ތެރެއައްވެޓި އުމުރައް ތަޅުލެވޭނެކަމުގެ އަލިގަދަ ހެކި ފެންނަންފަށައިފި.. މިހާރު އިންޑިއާގަ ވެރިކަން ކުރާ ބީޖޭޕީއަކީ މިކަންކަން ރާވައިގެން ހިންގަމުންގެންދާ ބަޔެއް.. ރާއްޖޭގައި މިހާރު އޮތް ސަރުކާރަކީ މިހާތަނައް ވެރިކަމައް އެރި އެންމެ ބީތާ ވިސްނުން ގޯސް ސަރުކާރު.
ޔަހޫނާ
16 December 2018
އިންޑިއާއައްގޮސް އެތާ އޮވެބަލަ ޕޫރީކާން..
ބުރުހާނުއްދީން
16 December 2018
ސުރުހީގާ އޮންނަންޖެހޭނީ މިހެން "އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ ދިވެހިރާއްޖޭގެ ޗީފް މިނިސްޓަރު އިބުރާހީމް މުހައްމަދު ސޯލިހު އިންޑޔާގެ ރައީސްކައިރިޔަށް ސަލާންޖަހަން ވަޑައިގެންފި"
ކޮންނަން
16 December 2018
އަހަރެންނަކީ ޢިންޑިޔާގައި ކިޔަވަން ހުންނަ ކުއްޖެއް. ޥިސާ ގައި އޮތީ މިހާރުވެސްސްސq އޮތް ގޮތް ބަދަލެއް ނެއް. ޙަމަ އެކަނި ޓްރިޕަލް އެންޓްރީ މަލްޓިޕަލް އަށްބަދަލުކުރުމަކީ އެހާބޮޑު ލުޔެއްނޫން. ދެނީވެސް އެއް އަހަރަށް. ޢެކީ ކިޔަވާ އެފްރިކާ ކުދިން އަތުގައި 3 އަހަރަށް އެއްކޮށް ވިސާ އޮވޭ. ކޮބާ ލުއިވެފއި
ވަތޮނީ
16 December 2018
ނުދެއްކޭ ވަރުގެ ލޯނުތައް ނެގުމާ ގައުމުގެ ތަންތަން މިނިވަންކަމާ އިސްތިޤުލާލަށް ބުރޫ އަރާފަދަ ގޮތްގޮތަށް ހިންދުކަރައާ އެކު އެއްބަސް ނުވުމަށް ގައުމުގެ ގިނަ ދަރިން އާދޭހާއެކު އެދޭނެކަން ޔަގީނެވެ. ކުރާކަމަކުން ގައުމަށް ދެރައެއް ވެއްޖެނަމަ ތި ރައީސް ސޭޓް ޒައީމު ޝޭޚް ޒިންމާނަގަން ޖެހޭނެ. ޔާމީނު 5 އަހަރު ގައުމަށް ބޮޑެތި ތަރަށްގީ ގެނެސް މުސާރަތައް ހަމަ އަށް ދިނީ ގައުމަށް ނުދެއްކޭވަރުގެ ލޯނުތައް ނުނަގާ މިނިވަންކަމާ އިސްތިޤުލާލަށް ބުރޫއަރުވާނުލައެވެ.
ބާގިރު
16 December 2018
މިސަރުކާރަށް ވޯޓުދެވުނު މޮޔަ މަހީވޭ މިހާރު. 30ދުވަސް ތެރޭގައި އިންޑިޔާ އިންޑިޔާ ގޮވި އަދަދުވެސް ނޭނގެ. މީ ދިވެހިންގެ ވެރިކަމެއްތޯ؟
މޯޑް
16 December 2018
އަޅެ ވިސާ ހަމަ ނުޖެހިގެންތަ މިއުޅެނީ. ތި ދައްކަނީ މީގެ 15 ނޫނީ 20 އަހަރު ކުރިން ދައްކަންޖެހޭ ވާހަކަ. ވިސާ ހަމަ ޖެހުނު ވާހަކަ މާ ބޮޑުކޮށްގެން. މިހާރު ދިވެހިން ބޭނުން ވަނީ މި ޤައުމަށް ބޮޑެތި ޕްރޮޖެކްޓްތައް ގެނެސް ގައުމު ތަރައްޤީ ކުރަން. ތިކަހަލަ ބަޔެއްގެ އަތުން ވިސާ ނުލިބުނަސް ހެޔޮ