އިދިކޮޅު އެއްވުމަށް ނުކުތް ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް ފިޔަވަޅު އަޅަނީ

މިދިޔަ ހޮނިހިރު ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން، ފުލުސް އޮފީހަށް ހާޒިރު ކުރާތީ އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު ޖުމްހޫރީ ޕާޓީގެ ތިން މެމްބަރަކު ތިއްބެވި މައްސަލަ އެ ޕާޓީން ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެ އެވެ.


ޔާމީންގެ ދިފާއުގައި އެމަނިކުފާނުގެ ސަޕޯޓަރުން ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ތިން މެމްބަރުންނަކީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ. މި ތިން ބޭފުޅުންނަކީ ވަރަށް ފަހަކާ ޖެހެންދެން ޕީޕީއެމްގައި މަސައްކަތް ކުރެއްވުމަށް ފަހު ޕާޓީން ވަކިވެވަޑައިގެންނެވި މެމްބަރުންނެވެ.

ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވާ، ރިޔާޒް ވީޓީވީގައި ވިދާޅުވީ އެ ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ އެކު އޮތް އިރު، އެއްވެސް މެމްބަރަކު، އިދިކޮޅު އެއްވުމެއްގައި ބައިވެރިވެވަޑައިގަތުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެއީ ޖޭޕީގެ އުސޫލުތަކާ ހިލާފަށް، ގޯސްކޮށް ތިން މެމްބަރުން ކުރެއްވި ކަމެއް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"އެކަން އަޅުގަނޑު ހަމަގައިމު ވެސް ކުށްވެރި ކުރަން،" ރިޔާޒް ވިދާޅުވި އެވެ.

"ކޮންމެ ޕާޓީއެއްގައި އޮންނާނެ އުސޫލުތަކާއި ހަމަތަކެއް. އެއާ އެއްގޮތަށް ޕާޓީގެ މެމްބަރުން ވެސް އާންމު މެމްބަރުން ވެސް މަޖިލިސް މެމްބަރުން ވެސް އަމަލު ކުރަންވާނީ."

ރިޔާޒް ވިދާޅުވީ، އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންނާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސުވާލު ކުރައްވާފައިވާ ކަމަށެވެ. އަދި މެމްބަރުން އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ ބަލައި، އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ކޯލިޝަން ސަރުކާރެއްގައި މަސައްކަތް ކުރާއިރު، ޖޭޕީން ތިބެން ޖެހޭނީ ސަރުކާރުން ކުރާ ކަންތައްތަކުގައި އެހީތެރިވާ ބަޔަކަށެވެ.

ޔާމީނަކީ މިހާތަނަށް ރާއްޖޭގައި އެންމެ ބޮޑެތި ޖަރީމާތަކެއް ހިންގެވުމުގައި އިސްކޮށް އުޅުއްވި ވެރިއެއް ކަމަށާއި އެމަނިކުފާނަކީ ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވިފައިވާ ބޭފުޅެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެހެންވެ، ޔާމީންގެ ދިފާއުގައި ޖޭޕީގެ މެމްބަރުން ނުކުންނަވައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނު ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ފަހު، ނޫސްވެރިންނާ ބައްދަލު ކުރައްވައި ޔާމީން ވިދާޅުވީ ފުލުހުން ގެންދިޔައީ މައުލޫމާތެއް ސާފުކޮށްލަން ކަމަށެވެ. އަދި އެމަނިކުފާނާ ދެކޮޅަށް ފުލުހުން އެއްވެސް ތުހުމަތެއް ކޮށްފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް، ފުލުހުން ވަނީ ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފްރީޒްކޮށްފަ އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ