ކްރިމިނަލް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުންނާ އެކު އިންސާފެއް ނުލިބޭނެ: ސުއޫދު

ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނާއެކު އިންސާފު ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް މަރުގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަައް ތަހުގީގުކުރަން ރައީސް އުފެއްދެވި ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.


ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ސުއޫދު ވިދާޅުވީ ކޮމިޝަނުން ބަލަމުުން އަންނަ މައްސަލައް ކިތަންމެ ރަނގަޅަށް ތަހުގީގު ކުރިޔަސް ޝަރުއީ ނިޒާމު އޮތް ގޮތުން އެ މަސައްކަތުން ނަތީޖާއެއް ނުނެރެވުން އެކަށީގެންވާ ކަމަށެވެ.

މިއީ ރާއްޖޭގެ ކޯޓުތަކާއި ފަނޑިޔާރުންނާ ބެހޭ ގޮތުން ގާނޫނީ ދާއިރާގެ ތަޖުރިބާކާރަކު މިހާ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ. ސުއޫދަކީ ކުރިން ބަންޑާރަނައިބުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

"އެެހެންވީމާ މި ސަބަބަކާ ހުރެ އަޅުގަނޑުމެންނަކަށް ވެސް އުއްމީދެއް ނެތް، އިތުބާރެއް ނެތް މިހާރު ތިބި ފަނޑިޔާރުން ބައިތިއްބައިގެން ކްރިމިނަލް ކޯޓުގައި އަޅުގަނޑުމެނަށް އިންސާފު ލިބިދާނެތޯ. އަޅުގަނޑުމެން ކިތަންމެ ރަނގަޅަކަށް ތަހުގީގުކޮށްފައި ފޮނުވިޔަސް ކްރިމިނަލް ކޯޓުގައި މިހާރު އެތިބި ގާޒީން، ފަނޑިޔާރުން ބައިތިއްބައިގެން އިންސާފު ލިބިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

ކޮމިޝަނުން ބެލުމަށް މި ވަގުތަށް ކަނޑައެޅިފައިވާ މައްސަލަތައް

ކޯޓުތަކަށް ބައެއް ވިޔަފާރިވެރިންނާއި ގޭންގުތަކުން ނުފޫޒު ފޯރުވާ ގޮތުގެ ވާހަކަ ސުއޫދު މިއަދު ތަފުސީލާ އެކު ދެއްކެވި އެވެ. އެގޮތުން މަރުގެ ބައެއް މައްސަލަކުގައި ފަނޑިޔާރުންނާއި ގޭންގުތައް ގުޅިގެން މީހުން ކުށުން ބަރީއަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހެއްކަށް ނުފޫޒު ފޯރުވުމާއި ސިއްރު ހެކިންގެ މައުލޫމާތު ގޭންގުތަކަށް ދިނުމަކީ ވެސް ކޯޓުތަކުގެ ތެރެއިން ކޮށްފައިވާ ކަންތައްތައް ކަމަށް ވެސް ވިދާޅުވި އެވެ.

"އަދި ބައެއް ފަހަރަށް ބަންދުކުރަން އެދޭ މީހުންނަށް ބަންދުގެ އަމުރު ނުލިބުން. ބަންދުކުރަން ނުޖެހޭ މީހަކު ބަންދުކުރުން. ބަންދުގެ މުއްދަތު ޖަހައި ދިނުން. މިކަހަލަ އިތުބާރު ގެއްލޭ ބާވަތުގެ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ބައެއް މައްސަލަތަކުގައި ކޯޓުގެ ނިޒާމުގެ ތެރެއިން މީހުން ދޫވެފައި އެބަހުރި ކަމަށެވެ.

ސުއޫދު ވިދާޅުވީ ނުފޫޒުގައި ހެކި ގެއްލުވާލައި އަދުލު އިންސާފަށް ހުރަސްއެޅުމުގެ ގިނަ ކަންތައްތަކެއް ހިނގަމުން އަންނަ ކަމަށާއި އެކަންތައް ދެމި އޮތްހާ ހިނދަކު ރައްޔިތުންނަށް ނުރައްކާ އެބަ އޮތް ކަމަށެވެ. ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ނުހުއްޓުވައި ކުރާ މަސައްކަތަކީ "ފޫނެތް ފަޔަށް ފެން ފުރުން ފަދަ ކަމަކަށް ވެދާނެ" ކަމަށް ވިދާޅުވި އެވެ.

"އެކަންތައްތައް ދެމި އޮތްހާ ހިނދަކު އަޅުގަނޑުމެންނަށް ރިސްކް އޮންނާނެ. މިއީ ބާރު ގަދަ ފަރާތްތަކެއްގެ ވާހަކަ މި ދައްކަނީ. ގޭންގްތަކުގެ ބާރު ގަދަ ކަމުގެ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ އެފަދަ ފަނޑިޔާރުންގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލައި އެ ފަނޑިޔާރުންނާ މެދު ގޮތެއް ނިންމަވަން އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ނުފޫޒުތަކުގައި ޖެހިފައި ތިބީ ކޮން ފަނޑިޔާރުންނެއްތޯ އާއި އެ ފަނޑިޔާރުން ޖެހިފައި ތިބީ ކޮން ކޮން ނުފޫޒުތަކެއްގައިތޯ ބަލަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަން އިރާދަކުރެއްވިއްޔާ ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރައްވާނެ،" ސުއޫދު ވިދާޅުވި އެވެ.

މަރުގެ މައްސަލަތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލަން އުފައްދާފައިވާ ކޮމިޝަނަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ވެސް އޭނާ މިއަދު ވާހަކަ ދެއްކެވި އެވެ. އެގޮތުން އެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް މަޖިލީހަށް ހުށަހެޅި ބިލަށް ގެނެސްފައިވާ ބަދަލުތަކާ މެދު ހިތްހަމަނުޖެހޭ ކަމަށް ވިދާޅުވި އެވެ.

ކޮމިޝަނުން މިހައިތަނަށް ކުރި މައްސައްކަތްތަކުގެ ތެރެއިން އުނދަގޫވި އެއްކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ މައުލާތު ދޭން އަންނަން ކޮމިޝަނުން އެންގި މީހަކު މައުލޫމާތު ދޭން ހާޒިރު ނުވުމެވެ. އެއީ ސީދާ ކާކުކަން ވިދާޅު ނުވެ ވިދާޅުވީ އެއީ "ހަރުކުލައިގެ މީހެއް" ކަމަށެވެ.