މޯލްޑިވިއަން އިން އެތެރޭގެ ޓިކެޓް އަގުހެޔޮކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވައުދުވެފައިވާ ގޮތަށް އައިލެންޑް އޭވިއޭޝަނުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު މި މަހު 10 އިން ފެށިގެން ހެޔޮކުރަން ނިންމައި އާ އަގުތައް މިއަދު އިއުލާންކޮށްފި އެވެ.


އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ރިޒްވީ "މިހާރު" އަށް ވިދާޅުވީ އެތެރޭގެ ދަތުރުތަކުގެ ޓިކެޓްގެ އަގު 25 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހެޔޮކޮށްފައި ވާނެ ކަމަށެވެ.

"މިސާލަކަށް އައްޑުއަށް ކުރިން ދެކޮޅު ޓިކެޓް އެންމެ ބޮޑުކޮށް ހުންނާނީ 3500 ރުފިޔާއާ ހަމައަށް. އެކަމަކު މިހާރު 2600 ރުފިޔާއަށް ވުރެ ބޮޑެއް ނުވާނެ،" ރިޒްވީ ވިދާޅުވި އެވެ.

މޯލްޑިވިއަން އޮޕަރޭޓްކުރާ ސަރުކާރުގެ ކުންފުނިން މި ގެނައި ބަދަލުތަކަށް ވަރަށް ގިނަ ބަޔަކު ތިބީ އިންތިޒާރުކޮށްގެންނެވެ. އެކަމަކު އާ އަގުތަކަށް ބަލާއިރު، ބައެއް ދަތުރުވެރިން ބުނީ، މިހާރު ޓިކެޓް ލިބެން ހުރި އަގަށް ވުރެ 25 ޕަސެންޓް ބޮޑު ނޫން ކަމަށެވެ.

އެގޮތުން އެއް ދަތުރުވެރިޔަކު ބުނި ގޮތުގައި ދަރަވަންދުއަށް އޭނާ މިއަދު ވެސް އެއް ކޮޅަށް ޓިކެޓް ނެގީ 599ރ އަށެވެ. އެކަމަކު އަލަށް އިއުލާންކުރި އެންމެ ހެޔޮ އަގަށް ބަލާ ނަމަ، ތިރިވެފައި އެ ވަނީ ގާތްގަނޑަކަށް 100ރ އެވެ.

އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފައި ވަނީ އެންމެ ހެޔޮކޮށް ޓިކެޓް ލިބޭނެ އަގާއި އެންމެ ބޮޑުކޮށް ލިބޭނެ އަގެވެ. އެގޮތުން ބަލާއިރު، މިސާލަކަށް ހދ. ހަނިމާދުއަށް މިހާރު ދަތުރުކުރެވޭ ނިސްބަތުން ގާތްގަނޑަކަށް 25 ޕަސެންޓް ހެޔޮވެ އެވެ.

މިއަދު ހަނިމާދޫން މާލެއަށް އެއްކޮޅު ޓިކެޓެއް އުޅުނީ 1444ރ އަށެވެ. ދެކޮޅަށް ގާތްގަނޑަކަށް 2800ރ ވަރު ޖެހެ އެވެ. އެކަމަކު މިހާރު އިއުލާންކޮށްފައިވާ ގޮތުން ނަމަ އެންމެ އަގުބޮޑުކޮށް ވެސް މާލެ/ހަނިމާދޫގެ ރިޓާން ޓިކެޓްގެ އަގު ޖެނުއަރީ 10 އިން ފެށިގެން، އުޅޭނީ 2،226ރ ގަ އެވެ. އެންމެ އަގުހެޔޮކޮށް ބަލާ ނަމަ، އިއުލާންކޮށްފައި ވަނީ 1،610ރ އެވެ. އެ ރޭޓުގައި އެއްކޮޅަށް ޓިކެޓް ލިބެން ހުންނަ ނަމަ ޖެހޭނީ ގާތްގަނޑަކަށް 805ރ އެވެ.

މޯލްޑިވިއަންގެ ޓިކެޓަށް ގެނައި ބަދަލުތައް

މާލެ/ހަނިމާދޫ/މާލެ: 1،610-2،226ރ

މާލެ/އިފުރު/މާލެ: 1،500-2056ރ

މާލެ/ދަރަވަންދޫ/މާލެ 1098-1562ރ

މާލެ/ކުޑަހުވަދޫ/މާލެ: 1،500-2056ރ

މާލެ/ތިމަރަފުށި/މާލެ: 1،610-2،226ރ

މާލެ/ކައްދޫ/މާލެ: 1،610-2،226ރ

މާލެ/ކޫއްޑޫ/މާލެ: 1،652-2442ރ

މާލެ/ކާޑެއްދޫ/މާލެ: 1،652-2442ރ

މާލެ/ފުވައްމުލައް/މާލެ: 1،698-2،598ރ

މާލެ/ގަން/މާލެ: 1،698-2،666

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ދާދި ފަހުން ވިދާޅުވެފައި ވަނީ އެތެރޭގެ ވައިގެ ދަތުރުފަތުރަށް އަންނާނީ ރައްޔިތުން އުފާވާ ކަހަލަ ހެޔޮ ބަދަލެއް ކަމަށެވެ.

އަގު ހެޔޮވި މިންވަރާ މެދު އާއްމުންގެ ހުރެދާނެ ބައެއް ޝަކުވާތަކާ މެދު ރިޒްވީ ވިދާޅުވީ ރަނގަޅަށް އަޅާބަލައިފި ނަމަ އަގު ހެޔޮވި މިންވަރާ މެދު ހިތްހަމަޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަސްޓަމަރުންގެ ޝަކުވާތަކުގެ ތެރޭގައި އެންމެ ދަށް ރޭޓުގައި ގިނަ ފަހަރަށް ޖާގަ ނުލިބޭ ކަމުގެ ޝަކުވާ ހިމެނެ އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، އެ އަގުގައި ގިނަ ބަޔަކަށް ދެން ޖާގަ ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެގޮތުން ކޮންމެ މަހަކު އަގުހެޔޮ ރޭންޖްގައި 15،000 ސީޓް ލިބޭ ގޮތަށް ހެދުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

"އެވަރަށް ޖާގަ ދޭ އިރު ވަރަށް ގިނަ ބޭފުޅުންނަށް އޮންނާނީ އަގުހެޔޮކޮށް ޓިކެޓް ލިބިފައި،" ރިޒްވީ ވިދާޅުވި އެވެ.