އެމްޑީޕީ އާއި އިދިކޮޅު އިއްތިހާދު ގުޅިގެން ބޭއްވި އެއްވުމެއްގައި ބަޔަކު ބައިވެރިވަނީ. އެމްޑީޕީގެ ގިނަ އަދަދެއްގެ ފޯމުތަކެއް އިލެކްޝަންސް ކޮމިޝަންގައި ތާށިވެފައި ހުރި ކަމަށް އެ ޕާޓީން ބުނޭ. ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
21 އޯގަސްޓް 2016 - 14:58
އެމްޑީޕީ އަށް ވަންނަން ބޭނުންވެގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި 6000 ފޯމެއް ޕްރޮސެސް ނުވެ ލަސްވާ ކަމަށް ބުނެ އެ ޕާޓީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ މެމްބާޝިޕް އިތުރު ކުރަން ހިންގި ޕްރޮގްރާމްގައި އެމްޑީޕީ އަށް ވަނުމަށް އެދި ފުރިހަމަ ކުރި ހުރިހާ ފޯމް ކޮމިޝަނަށް ފޮނުވާފައިވާނެ ކަމަށެވެ.
ނަމަވެސް ޕީޕީއެމާއި އެމްޑީއޭއިން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްވާ ކަމަށާއި މިކަމުގައި ތަފާތު ކުރުން ގެންގުޅޭތީ ކޮމިޝަންގެ ސަމާލު ކަމަށް އެކަން ގެނައި ނަމަވެސް، އެ ކޮމިޝަނުން އެކަށީގެންވާ ޖަވާބެއް ދީފައި ނުވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
"ދެ މަހު ލިބުނު ފޯމްތައް އެއީ. ޖަވާބެއް ނުދޭ މިކަމުގައި. ޕާޓީން ކެނޑޭ ފޯމު ބަރާބަރަށް ޕްރޮސެސް ކުރެވޭ. އެމްޑީއޭ އާއި ޕީޕީއެމްގެ މެމްބާޝިޕް ޕްރޮސެސް އެބަދޭ ބަރާބަރަށް،" ނިޔާޒް ވިދާޅުވި އެވެ.
އެމްޑީޕީ އާއި އިދިކޮޅު އިއްތިހާދު ގުޅިގެން މާލޭގައި ބޭއްވި އެއްވުމެއްގައި ބަޔަކު ބައިވެރިވަނީ. ގިނަ އަދަދެއްގެ ފޯމު ޕްރޮސެސް ނުވާތީ އެމްޑީޕީން ވަނީ ކަންބޮޑުވެފައި. ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ސިޔާސީ ޕާޓީގެ ގާނޫނު އައުމުގެ ކުރިން އިނގިލީގެ ނިޝާން ހުށަނާޅާ މެމްބަރުން ޕާޓީތަކުން ވަކިވާނެ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި އިސްލާހު މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އެ ގާނޫނަށް އަމަލުކުރަން ފަށާނީ އެ އިސްލާހު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ހިސާބުންނެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި އެ ގާނޫނަށް އަމަލު ކުރަން ފަށައިފިނަމަ، އެމްޑީޕީގެ 23،000 މެމްބަރުން ގެއްލިދާނެ އެވެ. އެއީ ގާނޫނު އައުމުގެ ކުރިން އިނގިލީގެ ނިޝާން ހުށަނާޅާ ޕާޓީ އަށް ވަންނަން ފޯމް ފުރި މީހުންނެވެ.
އެމްޑީޕީން ބުނީ ޕްރޮސެސިންގެ އެކިއެކި މަރުހަލާތަކުގައި 10،000 އެއްހާ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅާ އެބަހުރި ކަމަށެވެ. އަދި ފޯމުތައް އިލެކްޝަނަށް ފޮނުވަނީ އަނބުރާ ފޮނުވާނުލެވޭ ވަރަށް ވެރިފައި ކުރުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް، 23،000 މެމްބަރުންނަށް ވުރެ ގިނަ މެމްބަރުން އެއްކުރެވޭނެ ކަމުގެ. ޕްރޮގްރާމްތައް ހިންގާނަން ކުރިއަށް އޮތް ތަނުގައި،" ނިޔާޒް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ކުރިއާ ހިލާފަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތައް ޕްރޮސެސްވާލެއް މިހާރު ވަރަށް އަވަސްވާނެ ކަމަށެވެ.
ޕާޓީތަކުން މެމްބަރުން ހޯދައިގެން ކޮމިޝަނަށް ފޯމް ފޮނުވާއިރު، އެ ފޯމުތައް ލަސްނުކޮށް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އަކްރަމް ވިދާޅުވި ގޮތުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ސިޔާސީ އެއްވެސް ޕާޓީއަކުން އެހާ ގިނަ އަދަދެއްގެ ފޯމުތަކެއް ކޮމިޝަނަށް ހުށަހަޅާފައެއް ނެތެވެ.
މުޒާހަރާއެއް ކޮންޓްރޯލްކުރުމުގައި ފުލުހުން ހަރަކާތްތެރިވާއިރު ނިޔާޒް މުޒާހަރާގެ ކުރީ ސަފުގައި. --ފޮޓޯ: އަހްމަދު އަންވަރު (ސިމް)
"އިލެކްޝަންސް ކޮމިޝަނުން އެއްވެސް ޕާޓީއެއްގެ ފޯމެއް ނުހިފަހައްޓަން. އިލެކްޝަންސް ކޮމިޝަނުން ދަނީ ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ލަސްކަމެއް ނެތި ކުރިއަށް ގެންދަމުން،" އަކްރަމް ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ ކުރިއަށް އޮތް މަހުން ފެށިގެން ފޯމުތައް ޕްރޮސެސްވުމުގައި ލަސްތަކެއް އުޅެދާނެ ކަމަށެވެ. އެއީ އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމުގެ ތައްޔާރީތައް ކޮމިޝަނުން ފަށާތީ އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި ޕާޓީއަކުން ކެނޑެން ބޭނުންވެގެން ހުށަހަޅާ ފޯމުތަކުގައި ބަލަން ޖެހޭ މާ ބޮޑު ކަމެއް ނޯންނާނެ އެވެ. އެކަމަކު މެމްބާޝިޕް ފޯމުތައް ބަލައިގަތުމުގައި ފިންގާ ޕްރިންޓް ފަދަ އެއްޗެހި ބަލަން ޖެހޭއިރު، ފޯމްތައް ކަށަވަރު ކުރުމުގައި އިތުރަށް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީއަކުން ކެނޑޭނަމަ، މަދު އަދަދެއްގެ ފޯމުތަކެއް އަންނާނީ ކޮމިޝަނަށް. ޕާޓީތަކުން އެކަން ފުރިހަމަކޮށްފަ އިލެކްޝަންސްގައި އެދެނީ. އެހެންވީމަ އިތުރަށް ބަލަން ޖެހޭ ކަމެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ނިޔާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަނީ ޕީޕީއެމްއަކީ އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަށް ހެދުމަށް ކަމަށެވެ. އެހެންވެ، ހަމަހަމަކަމާއެކު އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ސިޔާސީ ޕާޓީގެ ގާނޫނަށް އަމަލު ކުރަން ފެށުމަށްފަހު ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންނަށް، އިނގިލީގެ ނިޝާން ހުށަހަޅަން އެއް މަސް ދުވަހުގެ މުއްދަތެއް ދޭންޖެހޭނެ އެވެ. އަދި އެ މުއްދަތުގައި އިނގިލީގެ ނިޝާން ހުށަނާޅައިފި ނަމަ ޕާޓީގެ މެމްބަރު ކަމުން ވަކިވާނެ އެވެ.
އިލެކްޝަންސް ކޮމިޝަނާ ހަވާލާދީ އެމްޑީޕީން ބުނި ގޮތުގައި އެ ޕާޓީގައި ތިބީ 45،109 މެމްބަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިއުޓިފުލް މައިންޑްސް
25 August 2016
ހީވާގޮތުން ބެންޑް ގިނަ ހޮޅި ހިމަވީމަހެން ތިހާ ތާށިކަން ބޮޑީ
ސައްޕު
21 August 2016
އެމްޑީޕީގެ ނިޔާޒު ވިދާޅުވަނީ "ޕާޓީން ކެނޑޭ ފޯމު ބަރާބަރަށް ޕްރޮސެސް ކުރެވޭ. އެމްޑީއޭ އާއި ޕީޕީއެމްގެ މެމްބާޝިޕް ޕްރޮސެސް އެބަދޭ ބަރާބަރަށް،" މީގެ މާނައަކީ، މެންބަރުންކޮޅު ޕާޓީން ކެޑިގެން، އެމްޑީއޭ އަށާ ޕީޕީއެމްއަށް ދަނީއޭތޯ؟
ސައްޕު
22 August 2016
އޭގެ މާނަ އަކީ އަލަށް ހެދި ޕީޕީއެމް އަށް މެމްބަރުން އިތުރު ކުރާ ގަވާއިދުގައިވާ ގޮތަށް އިގިލީގެ ނިޝާނު ޖަހާފައި ނުވާ މެމްބަރުން އުނިވާކަމަށް..
ޞުރޭ
21 August 2016
މުށުތެރޭ އޮތް ބައެއް އިލެކްސަން ކޮމިސަން އަކީ
އަލިދީދީއައްޑޫސިޓީ
21 August 2016
ދެން ކީއްވެތަ ރީކޯ މޫސަ އެމްޑީޕީ އިން ވަކިކުރުން ލަސްވެގެން އުޅެނީ.
ހުއްބުލްވަޠަން
21 August 2016
މިހާރު ނިޒާމު އޮތް ގޮތުން ތިކަހަލަ ކަންތައް ރަނގަޅެއް ނުވާާނެ. ރައްޔިތުންގެ މަޖިލިސް މިނިވަން ނުވެ އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ. އެގޮތުން މަޖިލިސް މިނިވަން ކުރުމަށްޓަކައި އިންތިޚާބު ވުމުން އެލިބޭ ފަސް އަހަރު ގެރެންޓީ ނުލިބޭ ގޮތް ހަދަން ޖެހޭ. ދާއިރާގެ ރައްޔިތުންގެ ކޮންމެވެސް ޕަސެންޓެއް ސޮއިކޮށްފައި ލުމުން އެދާއިރާގައި ފެންނަ ނުފެންނަ ވޯޓެއް ލެވޭނެ ގޮތް ނެހެދި އެއްވެސް ހަމަޖެހުމެއް މި ޤައުމަކަށް ނާންޏާނެ.! ވަރަށް ސަލާމް
ސައްޕު
21 August 2016
ހ ވަތަން، ތިކަން ވެއްޖިއްޔާ ކިތަންމެ ހާވެސް ރަގަޅު! ނުވާނެކަން ވަރަށް ޔަގީން! ސަބަބަކީ، ޖޭޕީގެ ލީޑަރު ވިދާޅުވިހެން މަޖިލިސް މެންބަރަކަށް ވުމުގެ ކުރިން ކޮފީއަކަށް އަރާލާފައި ބިލްކަޑާލެވޭނެ ވަރުވެސް ނެތް މީހުން، ދެ އަހަރެއްހާ ދުވަސްތެރޭގައި ޕާޓީ ބަދަލުކޮށްލުމުން އެހެރަވަނީ ހައެއްކަ މިލިއަން ރުފިޔާ ދީފައި މާލޭން ގޯތި ގަނެލެވޭވަރު! މެލޭޝިޔާއިން ފްލެޓްގަނެލެވޭ ވަރު! އެންމެ ފަހުގެ ބީއެމްޑަބްލިޔު ކާރު ގަނެލެވޭވަރު! މިހެންގޮސް ކިޔާނެކަމެއްނެތް!
ނޮޓް އެމްޑީޕީ އަލޯން
21 August 2016
އަދާލަތު ޕާރޓީ އަށް 3 ފަހަރު ސޮއި ކޮށްފިން އެކަމަކު އަދިވެސް ރަޖިސްޓްރީ ނުވޭ.