ކޮލިފިކޭޝަން އޮތޯރިޓީ އާއި ޕޮލިޓެކްނިކަށް ސީއީއޯ އިން އައްޔަން ކުރައްވައިފި

ކޮލިފިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޕޮލިޓެކްނިކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ސީއީއޯ އިން އައްޔަން ކުރައްވައިފި އެވެ.


ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯގެ މަގާމަށް ހަމަޖެއްސެވީ ޑރ. އަބްދުލް ހަންނާނެވެ. ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގައި ޕޮލިޓެކްނިކްގެ ސީއީއޯ އަކަށް ހަމަޖެއްސެވީ ގދ. ގައްދޫ، ފަހާގޭ އަހުމަދު ނާސިރެވެ.

ނާސިރު ވަނީ އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިއާ އިން ބިޒްނަސްގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވައިފަ އެވެ. އަދި އޭނާ ވަނީ ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނޭޖްމަންޓާއި ދައުލަތުގެ މީޑިއާ އިން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

ޓިވެކް އޮތޯރިޓީގެ ކައުންސިލް މެމްބަރުކަމާއި ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓާއި ވިލާ ކޮލެޖާއި މަންދު ކޮލެޖުގައި ވެސް ނާސިރު ވަނީ ޕާޓް ޓައިމް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

ހަންނާނަކީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން އަދާކުރައްވާފައި ވަނީ މޯލްޑިވްސް ބިޒްނަސް ސްޓެންޑާޑްގެ އެޑިޓަރެއްގެ މަގާމެވެ.

ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯގެ މަގާމަށް ޑރ. އަބްދުލްހަންނާން އައްޔަން ކުރެއްވުމާ އެކު، މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުން އަދި އެ ފެންވަރުގެ މަގާމުތަކުގެ އަދަދު 47 އަށް އެރީ އެވެ. އޭގެ ތެރެއިން ނުވަ ބޭފުޅަކު ތިއްބަވަނީ ރައީސް އޮފީހުގަ އެވެ.

ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ އަކަށް ނާސިރު އައްޔަން ކުރެއްވުމާ އެކު، މި ސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރުން އަދި އެ ފެންވަރުގެ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންގެ އަދަދަކީ 53 އެވެ. އަދި އޭގެ ތެރެއިން 10 ބޭފުޅަކު ތިއްބަވަނީ ރައީސް އޮފީހުގަ އެވެ.

ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ. އެހެންވެ، ކޮންމެ ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.