ޚަބަރު / ޓެކްސީ ޑްރައިވަރުން

ޓެކްސީ އަގުތަކާ ގުޅޭ ފޯރަމް: އާންމުންނާއި ޑްރައިވަރުންނާ ދެމެދު ބަހުގެ ހަމަލާތައް

ޓެކްސީގެެ އަގުތަކާ ގުޅޭ ފޯރަމްގައި މިނިސްޓަރު ނަހުލާ ބައިވެރިވެ ވަޑައިގަންނަވަނީ: ޓެކްސީގެ އަގުތަކާއި ޚިދުމަތާ ބެހޭގޮތުން އާންމުންނާއި ޑްރައިވަރުންނާ ދެމެދުގެ ބަހުގެ ހަމަލާތަކެއް ބަދަލުކުރި --މިހާރު ފޮޓޯ/ހުސައިން ވަހީދު

ޓެކްސީ ޚިދުމަތުގެ އަގުތަކާ ގުޅޭގޮތުން ޚިޔާލު ހޯދުމަށް ބޭއްވި ފޯރަމްގައި ޑްރައިވަރުންނާއި އާންމުންނާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

ޓެކްސީގެ ޚިދުމަތާ ގުޅޭގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން މިރޭ ފޯރަމެއް ބޭއްވީ ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކަށް ސަރުކާރުން ކަނޑައެޅި 40ރ. ގެ އަގުގެ ބަދަލުގައި 100ރ. ޓެކްސީތަކުން ނަގާ މައްސަލަ ބޮޑުވުމުންނެވެ. ބޮޑު އަގު ނެގުން ހުއްޓުވަން ސަރުކާރުން ފުރަތަމަ މަސައްކަތް ކުރިޔަސް، ޑްރައިވަރުން އިހްތިޖާޖް ކުރަން ފެށުމުން ސަރުކާރުން ނިންމީ ޚިޔާލު ހޯދައިގެން ގޮތެއް ނިމެންދެން ޑްރައިވަރުން ނަގާ އަގެއްގައި ދަތުރު ކުރުމުގެ ހުއްދަ ދިނުމަށެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ފޯރަމްގައި ގިނައިން ބައިވެރިވެ، ވާހަކަ ދެއްކީ ވެސް ޓެކްސީ ޑްރައިވަރުންނެވެ. ވާހަކަ ދެއްކި ހުރިހާ ޓެކްސީ ޑްރައިވަރުން ވެސް ބުނީ ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކަށް ނަގާ 100ރ. ބޮޑު ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ޑްރައިވަރުން ފާހަގަކުރި އެންމެ ބޮޑު މައްސަލައަކީ ދިރިއުޅުމުގެ ޚަރަދާއި ތަކެތީގެ އަގު ބޮޑުވުމެވެ. ކުއްޔާއި ދިރިއުޅުމުގެ ޚަރަދުގެ އިތުރުން ކާރުގެ މަރާމާތާއި އެހެނިހެން ޚަރަދުތައް އެތައް ގުނައަކަށް ބޮޑުވެފައިވާ ކަން ޑްރައިވަރުން ފާހަގަކުރި އެވެ.

"މިތަނުގައި މިތިބި 95 ޕަސެންޓް ޑްރައިވަރުންނަކީ މި ޓެކްސީ އިން ލިބޭ އެއްޗަކުން މިތަނުގައި ކުލި ދައްކައިގެން ކަރަންޓް ބިލް ދައްކައިގެން، އަނބިދަރިން ގޮވައިގެން އުޅޭ ބައެއް. އެހެންވީމަ ލިބޭ އެއްޗަކުން އަޅުގަނޑުމެންނަށް ގިނަ ފަހަރު އޮންނަނީ ދެކޮޅު ނުޖެހިފައި. އެހެން އުޅެނިކޮށް ކާރުގައި ރިޕެއަރިންއެއް އަތުވެއްޖިއްޔާމު އަޅުގަނޑުމެންނަށް ޖެހެނީ ކޮންމެވެސް އެހެން މީހެއްގެ އަތުން ލާރި ހޯދައިގެން އަނެއް ދުވަހު ކާން ބޯން ނިކުމެވޭނެ ގޮތެއް ހޯދަން." އެއް ޑްރައިވަރަކު ބުންޏެވެ.

މީގެ އިތުރުން މާލޭގެ މަގުތައް ހުރިގޮތުން މާލޭގައި ކުރާ ދަތުރުތަކުގެ ވަގުތު ދިގުވުމުން އާމްދަނީ މަދުވާ މައްސަލަ އާއި ޕާކިންގެ މައްސަލަ ވެސް ޑްރައިވަރުން ފާހަގަކުރި އެވެ.

"އަޅުގަނޑު މިއީ 45 މިނެޓުން އައިޖީއެމްއެޗުން ހުޅުމާލެ ފެރީއާ ހަމައަށް ދަތުރު ނިންމާލީ. އެއިރު ބްރިޖެއް ނުހުޅުވާ. އެންމެ 25ރ. ހަމަ ލިބުނީ." އެއް ޑްރައިވަރަކު ބުންޏެވެ.

މިރޭގެ ފޯރަމްގައި މީހަކު ވާހަކަ ދައްކަނީ -- މިހާރު ފޮޓޯ/ހުސައިން ވަހީދު

ބްރިޖް ނެތީސް އުނދަގޫ އަދި ދިގު ދަތުރުތަކެއް ކުރިކަން ފާހަގަކޮށް، ޑްރައިވަރުން ބުނިގޮތުގައި އެއަށް ވުރެ އަވަސް ޚިދުމަތެއް ޓެކްސީތަކުން ލިބޭއިރު ކޮޅަކަށް 100ރ. ނެގުމަކީ މައްސަލައެއް ނޫނެވެ. އަދި އެ އަގު ބޮޑުވެގެން ޝަކުވާ ކުރަނީ މަދު ބައެއް ކަމަށް ބައެއް ޑްރައިވަރުން ބުންޏެވެ.

"އަޅުގަނޑު ދިޔައީ އަޅުގަނޑު އަގު ކިޔައިގެނެއް ނޫން. އަޅުގަނޑު ދިޔައީ ސެންޓަރުން އަޅުގަނޑު ފޮނުވީމަ. އަޅުގަނޑު އަތަށް 100ރ. ދެމުން މިވަރު ކުޑައޭ ކިޔާފައި 150ރ. ދިން ތިން މީހުންނާ އަޅުގަނޑާ ދިމާވެއްޖެ ހުޅުލެއަށް ދިޔައިރު." އެއް ޑްރައިވަރަކު ބުންޏެވެ.

މިރޭގެ ފޯރަމްގައި ވާހަކަ ދެއްކި ބައެއް ޑްރައިވަރުން ބުނިގޮތުގައި މިހާރު މާލޭގައި ދަތުރަކަށް ނަގާ 25ރ. އަކީ ވެސް ދެކޮޅު ޖެހޭ އަގެއް ނޫނެވެ. ޓެކްސީގެ ވެރިމީހާ އަށް ދޭންޖެހޭ ފައިސާ ދިނުމަށް ފަހު އަދި ތެލުގެ ޚަރަދާއި މެއިންޓަނަންސް ޚަރަދު ކެނޑުމުން ޑްރައިވަރުންނަށް ލިބެނީ އެކަށީގެންވާ އާމްދަނީއެއް ނޫން ކަމަށް ގިނަ ޑްރައިވަރުން ބުންޏެވެ.

"ތިޔަ ބޭފުޅުން އައްޑޫއަށް ގޮސްފައި ލ. އަށް ގޮސްފައި ތިޔަ ކުރައްވާ ދަތުރުތަކުގެ އަގުތައް ބައްލަވާލައްވާ ކިހާ ވަރަކަށްތޯ ހުރީ. ތި ބޭފުޅުން ހިސާބު ޖަހަން ދަސްކުރަންވީ. ރަނގަޅު ހިސާބެއް ޖަހަންވީ. ރަނގަޅު ހިސާބެއް ޖަހައިގެން ދެއްތޯ މިކަން ވާނީ. އެއީ ވޭތުވެދިޔަ ސަރުކާރުން 40ރ. އަށް ހިސާބު ޖަހައިގެން މި ހުރިހާ މައްސަލައެއް ނިކުމެގެން މި އުޅެނީ. ޑްރައިވަރަކު ބުންޏެވެ.

އެކަމަކު އާންމުންގެ ޝަކުވާ ހުރީ އަގު ބޮޑުވުމުގެ އިތުރުން ޚިދުމަތް ރަނގަޅު ނޫން ކަމަށް ބުނެ އެވެ.

އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ވާހަކަ ދެއްކެވި މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވި ގޮތުގައި މާލެ ތެރޭގައި ދަތުރު ކުރަން ކޮޅަކަށް ނަގާ 25ރ. އަކީ ވެސް މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ބޮޑު އަދަދެކެވެ. ދަތުރުތަކަށް ނެގޭ އަގު ބޮޑު ކުރުމަށް ޑްރައިވަރުން ޑިމާންޑް ކުރާއިރު، ދެވޭ ޚިދުމަތުގެ ފެންވަރުގެ ރަނގަޅު ކުރެވޭތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

އެގޮތުން ކާރުތަކުން ނުބައި ވަސް ދުވުމާއި ޕަސިންޖަރުންނަށް އުނދަގޫވާ ގޮތަށް ޑްރައިވަރުންގެ އަމަލުތައް ހުރުމުގެ އިތުރުން ކާރުތަކުގެ މެއިންޓަނަންސް ދަށްވުމުން މަގުތަކަށް ދޫކުރާ ވިހަ ދުންތަކުގެ މައްސަލަ އޭނާ ފާހަގަ ކުރެއްވި އެވެ.

"އެއްޗެއްގެ އަގެއް ކިޔާއިރު ދެވޭ ޚިދުމަތުގެ ކޮލިޓީ ވެސް އެއީ ބަލަންޖެހޭ އެއްޗެއް. އަޅުގަނޑުމެން އަރާ ކާރުތަކުގައި ދުވާ ނުބައި ވަސް. އަޅުގަނޑުމެން އަރާ ކާރުތަކުގައި އަޅުގަނޑުމެން އަހަން ބޭނުންނުވާ ނުވަތަ ހިތްނޭދޭ އެއްޗެހި ޖެހުމާއި ޕްރޮގްރާމްތައް އަޑުއަހަން ޖެހުން. ހުއްޓަން ބުނީމަ އެކަމާ ޒުވާބު ހިންގަން ޖެހުން." ޒާހިރު ވިދާޅުވި އެވެ.

އާންމުންގެ ތެރެއިން ވާހަކަ ދެއްކެވި ޒާހިރު ވާހަކަ ދައްކަވަނީ --މިހާރު ފޮޓޯ/ހުސައިން ވަހީދު

އަގާ މެދު ހިތްހަމަނުޖެހޭ އާންމުންގެ ތެރެއިން ވާހަކަ ދެއްކި އެހެން މީހަކު ބުނިގޮތުގައި އެންމެ ހަމައެކަނި ހައްލަކީ ޓެކްސީތަކުގައި މީޓަރު ހަރު ކުރަންޖެހޭ ގޮތަށް ބަދަލު ކުރުމެވެ. ޓެކްސީ ޑްރައިވަރުންގެ އަމަލުތައް ހުންނަ ގޮތުން މަގު ބޭނުންކުރާ އެހެން މީހުންނަށް އުނދަގޫވުން ފަދަ ކަންކަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ ފަހަރަކު ސަރުކާރުން ޓެކްސީ ޑްރައިވަރުންނަށް ދޫ ދިނުމުގެ ބަދަލުގައި ޚިދުމަތް ބޭނުންކުރާ ރައްޔިތުންނާ މެދު ވިސްނަން އޭނާ އެދުނެވެ.

"މި ގައުމުގައި ތިބި ހާހެއްހާ ޓެކްސީ ޑްރައިވަރުންނަށް ވުރެ އިތުރަށް އެބަ ތިއްބޭ އެތައް ލައްކަ ރައްޔިތުން. އެ މީހުންގެ ހައްގު މާ ބޮޑުވާނެއޭ." އާންމުންގެ މީހަކު ބުންޏެވެ.

ޚިޔާލު ފާޅުކުރި އެހެން އާންމުންގެ މީހަކު ބުނިގޮތުގައި ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކަށް ސަރުކާރުން ކަނޑައެޅި 40ރ. އަކީ ކުޑަ އަގެއް ކަމަށް އެއްބަސްވެވުނަސް، ޑްރައިވަރުން އަމިއްލައަށް ކަނޑައެޅި 100ރ. ބޮޑެވެ. އައްޑޫގައި ގަމުން ހިތަދޫއަށް 17 ކިލޯ މީޓަރުގެ ދަތުރެއް 150ރ. އަށް ކުރެވޭއިރު، ހުޅުމާލެ އަށް ނުވަތަ ހުޅުލެއަށް ދާން 100ރ. ނަގަން ޖެހޭ ސަބަބާ މެދު އޭނާ ސުވާލު އުފެއްދި އެވެ. ޑްރައިވަރުންގެ ދަށު ދަރަޖައިގެ އަމަލުތައް ހުންނަކަން ފާހަގަކޮށް، އޭނާ ބުނިގޮތުގައި ޑްރައިވަރުންގެ ކަންކަން ބޭރު ގައުމުތަކާ އެއް ފެންވަރަށް ހަރުދަނާ ގޮތެއްގައި ރެގިއުލޭޓް ކުރަން ޖެހެ އެވެ.

"މިތާ މިނިސްޓަރުގެ ކުރިމަތީގައި އެ ބޭފުޅުން އެގޮތަށް އަޑު ގަދަ ކުރާއިރު ކަސްޓަމަރުން ޓެކްސީއަށް އެރީމަ އެ ބޭފުޅުންނަށް ކޮށްލާނެ ވަރު އަންދާޒާކޮށް ލައްވާ. އަޅުގަނޑަށް ފެންނަނީ ޓެކްސީ އިންޑަސްޓްރީ ކޮންމެވެސް ވަރަކަށް ރެގިއުލޭޓް ކުރަން." އާންމުންގެ ތެރެއިން އެހެން މީހަކު ބުންޏެވެ.

ފޯރަމްގައި ނިންމާލެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވީ އެކަމުގައި އެ މިނިސްޓްރީން ނިންމުންތައް ނިންމާނީ ހުރިހާ ފަރާތްތަކުގެ ޚިޔާލުތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. އަދި އެ ފޯރަމަކީ ވަކި ބަޔަކަށް އެކަނި ފައިދާއެއް ހޯދުމަށް ކުރާ ކަމެއް ނޫން ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.

"ތި ބޭފުޅުންނަށް ފަސޭހަވާ ގޮތަށް ހަމަގައިމު ވެސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މި ދައުރުގެ ތެރޭގައި ހުރިހާ ކަމެއް ހިނގާނީ. އެކަމުގެ ޔަގީންކަން އަރުވަން،" ނަހުލާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި ފޯރަމް މިރޭ ނިމުނަސް، އަގުތަކާ ގުޅޭގޮތުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އެގޮތުން އީމެއިލް އާއި ފޯނު އަދި ލިޔުމުން ވެސް ޓްރާންސްޕޯޓް މިނިސްޓްރީއަށް ޚިޔާލު ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

190 ކޮމެންޓް, 161 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 2%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުރިޖުޑޮޓްކޮމް

10 January 2019

ޓެކްސީ ނަގަނީވެސް ކުލިދައްކައިގެން އުޅޭ ޢާއްމު ރައްޔިތުންނެވެ. މަހުކުއްޔާ ކެއުމުގެ ޚަރަދާ ސްކޫލް ޚަރަދުލީމަ ދެން ތިއަށް އަރާ މީހާވެސް ތިޚަރަދުތައް ކަނޑާނެއްނު. 70ރ އަށްވެސް ބޮޑު

The name is already taken The name is available. Register?

ބޭސްއަލިބެ

10 January 2019

ރާއްޖޭގައި މިދުއްވަނީ ނޫޅެދޭ ޓެކްސީ ތަކެއްނު! މެއިންޓަނަންސް އޭ ކިޔަނީ... އެއީ ދެއިރު ދެދަޅައަށް ކާ ބޭހެއް ހެން ދުވާލަކު ދެފަހަރު ކުރަން ޖެހޭ ކަމެއްތޯ؟ތިނުދުވަންޔާ ބާ ދަގަނޑައް ކިރާލަބަލަ އޭރުން ލާރި ކޮޅެއް ވެސް ލީބޭނެ...

The name is already taken The name is available. Register?

ހެޔޮފަރާތް

09 January 2019

ތޮޅި ތޮޅި ތިބޭ ތިހެން. ފުރޮޅުލީ ފައިވާން ކޮޅަކާއި ތޮފި ކޮޅަކަށް އޯޑަރުދީގެން މިއުޅެނީ. މާމަކާފަ އާއެކު ބުރުޖަހަން ދާތަން ބަލަންތިބޭތި. މިއީ ކާބަން ނިއުޓަރަލް ޤައުމަކަށް ހަދާނަން

The name is already taken The name is available. Register?

އަބްދުއްލާ

09 January 2019

މިއީ ސަރުކާރެއް ހިންގާ ގައުމެއްތަ ؟ ނުޖެހޭނެ ޓެކްސީ ޑްރައިވަރުންގެ ދަށުވާކަށެއް .ދަވްލަތުން ބަސްދަތުރު ފަށާފަ ޓެކްސީތައް އުވާލަބަލަ. ޓެކްސީ ކުރަންބޭނުންނަމަ ދަވްލަތުން ކަނޑައަޅާ އަގަކަށް ހުއްދަދިނީމަ ނިމުނީ ކޮން ފޯރަމެއް ކޮންއާދޭހެއް ޓެކްސީ ސެންޓަރުތައް ވެސް ދަވްލަތުން ބުނާރޭޓްގާ ނުކޮށްދޭނަމަ ސެންޓަރު ހުއްދަ ބާތިލް ކުރީމަ އެވީ މާގިނަ ވާހަކަ ބޭނުމެއްނޫން ބޭނުމީ އަމަލުކުރުން.

The name is already taken The name is available. Register?

ބުރިޖުޑޮޓްކޮމް

10 January 2019

ނޫން ތިހެން ނުބުނޭ. އެއީވެސް ރައްޔިތުން. އެމީހުންގެ ޚިޔާލުވެސް އަހަންޖެހޭނެ.

The name is already taken The name is available. Register?

ހަކީމް

09 January 2019

މިދިޔަ ހުކުރު ދުވަހު އާއިލާ ގޮވައިގެން ހުޅުމާލެ އަށް ދާން ގުޅައިގެން ޓެކްސީއެއް ހޯދިން. ޓެކްސީ އައިސް ހުއްޓިއިރު ކުރީ ސީޓުގައި އިން އަންހެނަކު. އެހީމަ ބުނީ އެއީ ސްޕްރީމް ކޯޓަށް ވައްޓާލަން ޖެހޭ މީހެކޯ. ވަގުތު ކުޑަތަންވެފަ ހުރުމުން ފިތިބާރުވެގެން މުޅި އާއިލާ ފަހަތު ސީޓަށް އަރަގެން ދިޔުން ނޫންގޮތެއްނެތް. މިހިރީ މިމީހުންގެ ފެންވަރު. ޓެކްސީ ސެންޓަރު ގައި ޝަކުވާ ކުރީމަ ބުނީ ޓްރާންސްޕޯޓް އޮތޯރިޓީ ގަ މައްސަލަ ޖައްސާށޯ .. ވަރަށް ގޮތެއްފޮތެއް ނެތް ބަޔެއް

The name is already taken The name is available. Register?

ހަސަންމކަ

09 January 2019

ވަރައް ހިތާމަ ކުރަން ސަރުކާރުން މިކަހަލަ ފޯރަމް ތައް ޓީވީން ލައިވް ނުކުރާތީ ! ބޮޑުވަރު ދޯ ؟

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

09 January 2019

މާލޭގެ ދިރިއުޅުމުގެހަރަދާއި ކެއިންބުއިމުގެއަގުތަކާއި އިތުރުހުރިހާހިދުމަތަކަށް ނަގާއަގުތަކަށްވިސްނާއިރު ޑްރައިވަރުންގެވާހަކަ ޤަބޫލުނުކުރާންޖެހޭސަބަބެއްނެތް. * * އެތެރޭގެ ފްލައިޓްޓިކެޓްއަގުހެޔޮކުރިގޮތަށް މާލެހުޅުމާލެ ހުޅުލެދަތުރުތަކަށްވެސް ބޭންޑެއްހަދާ 250ރ އާއި 25ރއާއި ދެމެދުއަގެއްކަޑައެޅިދާނެ. * * އަދި މަގުމަތީގައި ޑްރައިވަރ ނެތި ޕާކްކުރާޓެކްސީ ޓޯވްކުރުމާއި ޔޫނިފޯމްނާޅާދުއްވުންމަނާކޮށް ކާރަށްހުއްދަދޭގޮތަށް ޑްރައިވަރަށްވެސް ޕާމިޓްދޫކުރުންރަނގަޅު.

The name is already taken The name is available. Register?

މިސްއައުޓް

09 January 2019

ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވާމާލެ ސަރަހައްދުގައި މިހާރު ޓެކްސީ ކުރާ ގޮތަށް އަމިއްލަ ވަކި ވަކި ފަރުދުން ޓެކްސީ ތަކެއް މާލޭގެ މަގުމައްޗަށް ނެރެގެން އެއިން ޚިދްމަތެއް ދިނުމުގެ ބަދަލުގައި އެއިން ބޮޑު ވިޔަފާރި ގަނޑެއް ހިންގާ އަދި އެއިން އަންޑަރވޯލްޑް ވިޔަފާރި ޓެކްސީ ތަކުގެ ޑްރައިވަރުން ކުރަން ފަށާ އެކަން ހައްދުން ނައްޓާ ދިޔަ ކަން މިހާރު އިނގެން ނޫންތޭ މިއޮތީ ރޭގައި ބޭއްވި ފޯރަމް އިން ޓެކްސީ ތަކުގެ ޑްރައިވަރުން ދެއްކި ވާހަކަ ތަކުން ވެސް ޑޯންޓް

The name is already taken The name is available. Register?

މާލޭމީހާ

09 January 2019

ޓެކްސީރައް ބޮއިކޮޓް ކުރަންވީ.

The name is already taken The name is available. Register?

މަރޭމިތުރާ

09 January 2019

އެލްޕީޖީ ގޭސް އެމެރިކާގެ ހުރިހާ ސުޓޭޓެއްގަ އެބޭނުނަކުރަނީ. އެލްޕީޖީ ބެންކޮކުގަ ހުރިހާޓެކްސީގަ އެބޭނުންކުރަނީ. އެލްޕީޖީ އިންޑޮނޭށިއާގަ ޕަބުލިކު ދުއްވުމުގަ އެބޭނުންކުރަނީ! އެލްޕީޖީ އަކީ ވަރަށް ރައްކާތެރި އެންމެ އަގުހެޔޮ ގޭސް. ރާއްޖޭގެ މި ހައިއްކަމީހުން އުޅޭތަނަކަށް އެލްޕީޖީ މިހިސާބުގެ ގައުމުން ލިބެން އެހުރީ.ސަރުކާރުން ބޭކާރުބަހަނާ ނުދައްކަވާ ކަމުގެ އަސްލައްވަޑައިންނަވާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!