މަޖިލީހަށް ކުރިމަތިލާ މީހުންނަށް ހުރަސް އެޅުމަކީ ޑިމޮކްރަސީއާ އިދިކޮޅަށް ކުރާ ކަމެއް: ރައީސް

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ބޭނުންވާ ބޭފުޅުންނަށް ހުރަސް އެޅުމަށް ހިންގާ ކަންކަމަކީ ޑިމޮކްރަސީއާ އިދިކޮޅަށް ކުރާ ކަމެއް ކަމަށް ވިދާޅުވެ، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެކޮޅު ހައްދަވައިފި އެވެ.


ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ޖުމްހޫރީ ޕާޓީގެ މެމްބަރު ލަތީފް އިސްލާހު ހުށަހެޅުއްވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ކަމަށް ބުނެ އެ ޕާޓީން ދަނީ އިސްލާހާ ދެކޮޅު ހަދަމުންނެވެ.

ނަޝީދު ވަނީ އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މައްޗަންގޮޅު މެދު ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވައިފަ އެވެ. އަދި މިއަދު ކުރިއަށް ގެންދާ އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވަ އެވެ.

މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި މިއަދު މެންދުރު 2:30 ން ފެށިގެން ކުރިއަށް ގެންދާ ޕްރައިމަރީގައި ވޯޓު ލެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ހުރަސް އެޅޭ ކަހަލަ ކަންތައްތައް ކުރުމަކީ ގަބޫލުފުޅު ކުރެއްވޭ ކަމެއް ނޫން ކަމަށެވެ. ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ގާނޫނޫއަސާސީގައި ބަޔާން ކޮށްފައިވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"އޭގެ އިތުރަށް ޝަރުތުތައް ކަނޑައަޅައިގެން ބައެއް ފަރާތްތަކަށް އެ މަގު ހަނި ކުރެވޭ ގޮތަށް ކަންތައްތައް ކުރުމަކީ ގާނޫނުއަސާސީއާ އެއްގޮތަށް ކުރެވޭ ކަމެއް ކަމަށް ނުދެކެން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީ އަށް އިޝާރާތް ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެ ޕާޓީގެ ޕްރައިމަރީން ޑިމޮކްރަސީ ތަރައްގީވެ، ހަމައަކަށް އެޅެމުންދާ ތަން ފެންނަ ކަމަށެވެ. އަދި އެ ޕްރައިމަރީ އަކީ ޑިމޮކްރަސީ ފައްކާ ކުރުމަށް ހުޅުވޭ ދޮރެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ކުރިއަށް ގެންދާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިދާރީ ބައެއް ކަންކަން ފުރިހަމަ ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ބޭނުންވަނީ ވައުދުތައް ފުރިހަމަ ކުރުމަށް އެއްބާރުލުން ދޭނެ އަޣުލަބިއްޔަތެއް އޮތް މަޖިލީހެއް ފެނިގެން ދިއުމަށެވެ. ސަރުކާރަށް ތާއީދު ކުރާ މަޖިލީހެއް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި އެމްޑީޕީން އެކަމުގައި އެއްބާރުލުން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ނުކުރެއްވޭ ގޮތަށް ލަތީފް ހުށަހެޅުއްވި އިސްލާހު އަނބުރާ ނެގުމަށް ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒް އެންގެވި ނަމަވެސް އެކަމަކަށް ލަތީފް މިހާތަނަށް އިޖާބައެއް ނުދެއްވި އެވެ. ޖޭޕީން ބުނާ ގޮތުގައި ލަތީފް އިސްލާހު ހުށަހެޅުއްވީ އެ ޕާޓީއާ މަޝްވަރާ ނުކޮށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާކުރެއްވުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި މެމްބަރު ލަތީފް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމަކު، ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ މީހުން އެއްވެސް ގޮތަކުން އިންތިޚާބަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނުގައި އޮތް އޮތުން ބާތިލް ކުރުމަށް ލަތީފް މީގެ ކުރިން މަޖިލިހަށް ހުށަހެޅުއްވި އިސްލާހު ބަލައިގަނެ މިހާރު ވަނީ ކޮމިޓީ މަރުހަލާގަ އެވެ. އެއީ ވެސް ޖުމްހޫރީ ޕާޓީއާ މަޝްވަރާ ކުރުމެއް ނެތި އޭނާ މަޖިލިހަށް ހުށަހެޅުއްވި އިސްލާހެކެވެ.

އެމްޑީޕީން ބުނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލިހަށް ކުރިމަތި ނުލެއްވޭ ގޮތަށް ލަތީފް އިސްލާހު ހުށަހެޅުއްވީ ނަޝީދަށް ފުރައްސާރަ ކުރުމަށެވެ.

ލަތީފްގެ އިސްލާހު އަނބުރާ ނުނަންގަވައި، މަޖިލިހުގައި އެ މައްސަލަ އެޖެންޑާ ކޮށްފި ނަމަ، ފާސްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބައެއް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ. ސަބަބަކީ، މަޖިލިހުގެ އިންތިޚާބާ ދިމާކޮށް، އެމްޑީޕީ އާއި ޖޭޕީގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ފެށިފައި ވުމާއި އަދި މަޖިލިހުގައި ޕާޓީތަކަށް މެމްބަރުން ބެހިފައިވާ ގޮތަށް ބަލާއިރު އެމްޑީޕީގެ ބައިވެރިވުމެއް ނެތި ވެސް އިސްލާހު ފާސްވުމުގެ ފުރުސަތު ބޮޑުވުމެވެ.