އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ބޮޑު ބައެއް ހޯދަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީގެ ނަތީޖާ އިއުލާން ކުރުމާ ހަމައަށް، އެ ޕާޓީ އަށް މަޖިލިހުގެ އަޣުލަބިއްޔަތު ލިބެން ޖެހޭނެ ކަމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާންމު ތަނެއްގައި ވިދާޅެއް ނުވެ އެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ދާއިރާތައް ބެހުމާ މެދު ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދުނުއިރު ވެސް ރައީސް އެ މޭރުމުން މިހާތަނަށް ވާހަކަފުޅެއް ނުދައްކަވަ އެވެ.
އެމްޑީޕީ ޕްރައިމަރީ އަށް ފަހު، އެ ޕާޓީގެ ހަރުގެ ކައިރީގައި ބޭއްވި ހަފްލާއެއްގައި ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަލިކޮށް، އާ ސަރުކާރެއް ވެރިކަމަށް އައީ ރައްޔިތުންގެ ވަރަށް ފޮނި އުންމީދާއި ރައްޔިތުން އެދޭ އެދުންތަކާ ވެސް އެކު ކަމަށެވެ. އަދި ރައްޔިތުން އެދޭ ކަންކަން ހާސިލް ކުރެވޭނީ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް އޮވެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ކާމިޔާބު ލިބުމުގައި ބޮޑު ބައެއް އަދާކުރީ އެމްޑީޕީންނެވެ. އަދި ރިޔާސީ އިންތިޚާބުގެ ތެރޭގައި އެންމެ ބުރަކޮށް އުޅުއްވީ ވެސް އެމްޑީޕީގެ ބޭފުޅުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުން ވި ވައުދުތައް ފުރިހަމަ ކުރުމަށްޓަކައި އެމްޑީޕީގެ ބޮޑު ބައެއް [މަޖިލީހުން] އެބަ ހޯދަން ޖެހޭ. ވައުދުތައް ފުއްދޭނީ ހާއްސަކޮށް، އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ތިބެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޕްރައިމަރީގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް ޝުކުރު ދަންނަވައިފަ އެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި ހަފްލާގައި މައްޗަންގޯޅީ މެދު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވެސް ވިދާޅުވީ މަޖިލިހުގެ އަޣުލަބިއްޔަތު އެމްޑީޕީން ނަގަން ޖެހޭނެ ކަމީ އެއްވެސް ރައްޔިތަކަށް އޮޅިފައިވާ ކަމެއް ނޫން ކަމަށާއި އެ އަޣުލަބިއްޔަތު އެމްޑީޕީން ނަގާނެ ކަމަށެވެ.
މީގެ އިތުރުން، އެމްޑީޕީގެ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި ކެންޑިޑޭޓުންގެ ޓީމުތަކުން އެމަނިކުފާނާ ގުޅުއްވައި، މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ބޮޑު ބައެއް ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އިރު، ގުޅިފައިވާ ކޯލިޝަނަކުން ނުކުމެ ޔާމީން ބަލިކޮށް ރިޔާސީ އިންތިހާބު ކާމިޔާބުކުރި ނަމަވެސް އެމްޑީޕީން މިހާރު އަމަލްކުރަމުން ގެންދަނީ އެއްބަސްވި ގޮތާ ހިލާފަށް ކަމަށް، ކޯލިޝަންގެ އެހެން ބައިވެރިން ބުނެ އެވެ.
ރައްޔިތުންގެ މަޖިލިހަށް ވެސް ކުރިމަތިލާން އެއްބަސްވެފައި އޮތީ، ޕާޓީގެ ނިސްބަތުން ބަހާލައިގެންނެވެ. އެކަމަކު އެމްޑީޕީން ވަނީ 86 ދާއިރާ އަށް ވާދަ ކުރަން ނިންމައިފަ އެވެ. އަދި 77 ދާއިރާއެއްގެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން މިއަދާއި މިރޭ ވަނީ ޕްރައިމަރީ ބާއްވައިފަ އެވެ.