މައުމޫންގެ ނަސޭހަތް: ޕާޓީއަށްވުރެ ގައުމު އިސްކުރޭ

ސަރުކާރު ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެ ކޯލިޝަން ރޫޅިދާނެ ކަމުގެ ބިރު ހީވެފައިވާއިރު ޕާޓީގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރުމަށް ކޯލިޝަންގެ އެއް ލީޑަރު، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.


މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަތަރު ޕާޓީ ގުޅިގެން ކޯލިޝަން ހެދީ އިންސާފުވެރި، ހެޔޮ ވެރިކަމެއްކޮށް ރައްޔިތުންގެ އުއްމީދުތައް ހާސިލު ކޮށްދިނުމަށް ކަމަށެވެ. އެހެން ކަމުން ގައުމުގެ މަސްލަހަތު އިސްކުރުމަށް މައުމޫން އެދިލެއްވި އެވެ.

"އަޅުގަނޑުމެން އެންމެންވެސް ޕާޓީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް އަޅުގަނޑު ނުހަގު އިހުލާސްތެރިކަމާއެކު ގޮވާލަން،"

މައުމޫން މިއަދު ކުރެއްވި ޓްވީޓް--

ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ވަކިން ވާދަ ކުރަން އެމްޑީޕީން ނިންމައި ސަރުކާރުގެ ވައުދުތައް ފުއްދަން އެޕާޓީއަށް މެޖޯރިޓީ ލިބެން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރައްދުދީފަ އެވެ. އަދި ގާސިމް ރޭ ވަނީ އެމްޑީޕީ ފިޔަވާ އިތުރު ޕާޓީތަކާ ކޯލިޝަން ހަދަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

ކޯލިޝަން ތެރޭގެ ދެބަސްވުންތަކަށް ކުރިން އެއްޗެއް ވިދާޅުނުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭގައި ވަނީ މަޖިލީހުން އެމްޑީޕީއަށް "ބޮޑު ބައެއް ހޯދަން ޖެހޭ" ކަމަށް ވިދާޅުވެފަ އެވެ.

ވިޔަފާރިވެރިންގެ ކިބައިން މަޖިލިސް ސަލާމަތް ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވާއިރު ގާސިމް ވަނީ އެކަމަށްވެސް ނަޝީދަށް ރައްދު ދެއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލިހަށް ވެސް ކުރިމަތިލާން އެއްބަސްވެފައި އޮތީ، ޕާޓީގެ ނިސްބަތުން ބަހާލައިގެންނެވެ. އެކަމަކު އެމްޑީޕީން ވަނީ 86 ދާއިރާ އަށް ވާދަ ކުރަން ނިންމައިފަ އެވެ. އަދި 77 ދާއިރާއެއްގެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން މިއަދާއި މިރޭ ވަނީ ޕްރައިމަރީ ބާއްވައިފަ އެވެ.