ގޮތް ހުސްވީ ރައީސަށް ވެސް ހައްލު ހޯދައިނުދެވުމުން: ގާސިމް

ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ގުޅިގެން ކާމިޔާބީ ހޯދަން ސަރުކާރު ކޯލިޝަނުން ވީ އެއްބަސްވުމާ ދެކޮޅަށް އެމްޑީޕީން ތެދުވުމުން، އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހައްލެއް ހޯއްދަވައި ނުދެއްވުނު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.


ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ހަފުލާގައި، ސަރުކާރު ކޯލިޝަނާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ދެންނެވުމުން ގާސިމް ވަނީ، އެމްޑީޕީއާ މެދު އޭނާގެ ހިތްހަމަނުޖެހުންތައް ތަކުރާރު ކުރައްވައިފަ އެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އަށް ގޮތްހުސްވެ، އެ ޕާޓީގެ ޓިކެޓަށް ހުޅުވާލީ ކޯލިޝަން ސަރުކާރުގެ އެއްބަސްވުމާ އެއްގޮތަށް މަޖިލީސް އިންތިޚާބު ގެންދާނެ ގޮތެއް ނެތް ކަމަށް ރައީސް ވިދާޅުވުމުން ކަމަށެވެ. ކައުންސިލް ބާއްވައި ގޮތެއް ނިންމުމުގެ ކުރިން ވެސް ހައްލެއް ލިބޭތޯ ރައީސާއި އެމްޑީޕީގެ ރައީސް ނަޝީދާ ވާހަކަ ދެއްކެވި ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ތިމަންނާއާ، މުހައްމަދު ނަޝީދާ ދެ ބޭފުޅުން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގޮސް އެ ގޮތް [ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުން] ބަދަލުކުރަން އެދުނަސް ނުކޮށްދޭނެއޭ. ދެން އަޅުގަނޑު ދެންނެވީ އެހެންތޯއޭ ވަރަށް ދެރައޭ. އަޅުގަނޑުމެން ބޭނުންވީ [ކޯލިޝަން] އެއްބަސްވުމާ އެއްގޮތަށްދާށޭ،" ގާސިމް ވިދާޅުވި އެވެ.

"އެހެން ނުދެވޭ ކަމަށް ވަންޏާ، އަޅުގަނޑުމެން އެއް ކެންޑިޑޭޓަކު، އަނެއް ކެންޑިޑޭޓަކާ ދިމާލަށް އެއްޗެހި ގޮވުމާއި ފަސާދަ އުފެދިގެން ދިއުން ނޫންތޯއޭ. އެގޮތަށް ދާކަމަށް ވަންޏާ އެއީ ވަރަށް ދެރަ ހާލަތެކޭ އެ މެދުވެރިވަނީ. އަނެއްކާވެސް އަޅުގަނޑުމެންނަށް މި ޖެހުނީ ހުރިތާ ތާ އޭ."

އޭގެ ފަހުން، ދެ ދުވަސް ފާއިތުވިއިރު ވެސް ހާލަތު ބަދަލުވާނެ ކަމުގެ ޔަގީންކަމެއް އަދި ރައީސްގެ ފަރާތްޕުޅުން ވެސް އެއްޗެއް ވިދާޅުނުވުމުން، ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވައި އެ ޕާޓީގެ ޓިކެޓަށް ހުޅުވާލީ ކަމަށް ވިދާޅުވި އެވެ.

"އެ މަގުން އަޅުގަނޑުމެން މި ހިނގަނީ. އެހެން އޮއްވައި އިހަށް ދުވަހު އަޅުގަނޑުމެންނަށް މި ފެންނަނީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކޯލިޝަން ބްރޭކްކުރާ ވާހަކަ. އުވާލަން އިންޒާރުދޭ ވާހަކަ. ކޮން ކަމަކާތޯ؟ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް މެމްބަރަކަށް ނުވެވޭ ގޮތަށް ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅިގެން،" ގާސިމް ވިދާޅުވި އެވެ.

އެ އިންޒާރާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އުފެއްދެވީ ސުވާލެއް ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ޓުވީޓުގައި ގާސިމް އެއްސެވީ ކޯލިޝަން އެބައޮތްތޯ އެވެ.

"އަދިވެސް އަޅުގަނޑު ނުދަންނަވަން [ކޯލިޝަން] ނެތެކޭ،" ގާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް: އެއްބަސްވުމާ ޚިލާފުވީ އެމްޑީޕީން ކަމަށް އޭނާ ވިދާޅުވި. --ފޮޓޯ:މިހާރު

ގާސިމް ރޭ ވެސް ވިދާޅުވީ އެއްބަސްވުމާ ޚިލާފުވީ އެމްޑީޕީން ކަމަށެވެ. އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ސޮއިކުރެއްވި އެއްބަސްވުމެއްގައި އޮތީ، ގާސިމް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 25 ޕަސެންޓު ގޮނޑިތައް ޖުމްހޫރީ ޕާޓީ އަށް ދޫކޮށްލާނެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެއްބަސްވުމުގައި ސޮއި ކުރައްވާފައި އޮތުމާ އެކު "އަދިވެސް ގަބޫލުކުރަނީ އެއީ އަހުދާއި ވައުދެއް"ގެ ގޮތުގައި ކަމަށް ގާސިމް ވިދާޅުވި އެވެ.

މަޖިލީހުގެ 25 ޕަސެންޓް ދޭން އެއްބަސްވި ކަމަށް ގާސިމް ވިދާޅުވިއަސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފިޔަވައި ޕާޓީތަކުގެ އިސް ބޭފުޅުން ރައީސްއާ އެކު ވަކިވަކިން ސޮއި ކުރެއްވި އެއްބަސްވުމުގައި އޮތީ ސަރުކާރުގައި ޕާޓީތައް ތަމްސީލްވާނެ ނިސްބަތެވެ. ދެން އޮތީ މަޖިލީސް އިންތިޚާބުގައި ވެސް އެކުގައި މަސައްކަތް ކުރާ ވާހަކަ އެވެ.

ގޮނޑިތައް ބަހާނެ ގޮތެއް އެ އެއްބަސްވުމުގައި ލިއެފައެއް ނެތެވެ.

ގާސިމް މިކަން ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީސް ވެސް ބަހަން ޖެހޭނީ ސަރުކާރު ބެހި ނިސްބަތަށެވެ. އެއްބަސްވުމުގައި އޮތީ އެހެން ކަަމަށް އޭނާ ވިދާޅުވި ނަމަވެސް އެމްޑީޕީން މިކަމަށް ދެކޮޅު ހަދަ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގައި އެއްބަސްވި ގޮތަށް ރައީސަށް އަބަދުވެސް އެއްބާރުލުން ދޭނެ އެވެ.

"އެކަމަކު އެއީ، ގާނޫނުއަސާސީގެ ތެރެއިން، އަޅުގަނޑުމެންނަށް ކުރެވިފައިވާ އަހުދާއި ވައުދުގެ ތެރެއިން ދާ ކަަމަށް ވާ ނަމަ،" ގާސިމް ވިދާޅުވި އެވެ.

އެއްބަސްވުމާ ޚިލާފުވީ، ގާސިމް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތަކަށް ކުރިމަތިލާނެ ކަމަށް އެމްޑީޕީން އިއުލާން ކުރި ހިސާބުންނެވެ. އެއީ، ކޯލިޝަން ސަރުކާރުގެ ޕާޓީއަކުން އަމަލުކުރާނެ ގޮތެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުންނާ އެކު މީޑިއާ ކުރިމަތީގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ދެން ފަހުން ޖެނުއަރީ މަހު ބޭފުޅުން ކޮޅެއް ވަޑައިގެން މަޝްވަރާ ކުރެއްވި. ގޮތްތަކެއް ނިމިގެން ދިޔަ. ވޯޓަށް އެހިއިރު، އެ ބޭފުޅުން ބޭނުން ގޮތަކަށް ކަންތައް ކުރެއްވީ. ކޮން ގޮތަކަށްތޯ، އެމްޑީޕީން ހުރިހާ ދާއިރާ އަކަށް ނުކުމެ 87، 86 ދާއިރާ އަށް ނުކުމެ ވާދަކުރަން. އެއީ އަހުދާއި ވައުދާ ޚިލާފުވުން،" ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ޕާޓީއަކަށް އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް."

އޭނާ ވިދާޅުވީ މަޖިލީސް އިންތިޚާބާ ދިމާކޮށް ފެންމަތިވި މައްސަލަތަކުގައި ޖުމްހޫރީ ޕާޓީގެ ކުށެއް ނެތް ކަމަށެވެ.