ބްރިޖު އަޅަން ހެދި ޕްލެޓްފޯމުގެ ގިނަ ހޮޅިތައް ނަގައިފި

ސިނަމާލެ ބްރިޖުގެ މަސައްކަތަށް ޕްލެޓްފޯމު ހަދަން ކަނޑު އަޑިއަށް ޖެހި ހޮޅިތަކުގެ ބޮޑުބައެއް މިދިޔަ ހަފުތާގައި ނަގައި ނިންމައިފި އެވެ.


ރާއްޖޭގެ ތާރީހީ ބްރިޖު ހެދި ކުންފުނި، ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީން (ސީސީސީސީ) އިން އެ ޕްލެޓްފޯމްގެ ހޮޅިތައް މި ނެގީ އެކަން ކުރަން އޮތް މުއްދަތުގެ ތެރޭގަ އެވެ. ބްރިޖް ހުޅުވުމާ އެކު އެ ކުންފުނިން ބުނެފައި އޮތީ، ހޮޅިތައް ނަގައި، އެ ސަރަހައްދު ސާފުކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭ ކަމަށެވެ. ބްރިޖް ހުޅުވީ ސެޕްޓެމްބަރު މަހެވެ.

ޕްލެޓްފޯމް ހަދާފައި ހުރީ 60 އަށްވުރެ ގިނަ ދަގަނޑު ހޮޅި ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި ފުޅާ މިނުގައި 3.6 މީޓަރު އަދި ދިގު މިނުގައި 50 މީޓަރު ހުރި ބިޔަ ހޮޅިތައް ވެސް ހިމެނެ އެވެ. އެއިން ހޮޅިއެއްގެ ބަރުދަނުގައި 200 ޓަނު ހުންނާނެ ކަމަށް، ސީސީސީސީން ބުނެފައިވެ އެވެ.

އެއީ ބްރިޖް ކަމަށް ބައެއް މީހުން ހީކުރި!

ފުން ކަނޑުގައި ވެސް ހޮޅިތައް ޖަހައިގެން ޕްލެޓްފޯމް ހެދި އިރު އާންމުންގެ ގިނަ ބަޔަކު ފުރަތަމަ ހީކުރީ އެއީ ބްރިޖް ކަމަށެވެ. ނަމަވެސް އެއީ އަސްލު ބްރިޖް އެޅުމުގެ މަސައްކަތް ހިންގަން ބޭނުންކުރާ ވަގުތީ ފާލަމެއް ކަމަށް ބުނެ، އާންމުންނަށް އޭގެ މައުލޫމާތު އޭރުގެ ހައުސިން މިނިސްޓްރީން ދިނެވެ.

ސިނަމާލެ ބްރިޖާއި ބްރިޖު ހަދަން އެޅި ޕްލެޓްފޯމް --ފޮޓޯ: ނިޝާން އަލީ/މިހާރު

ޕްލެޓްފޯމް އެޅުމާއި ބްރިޖްގެ އަސްލު މަސައްކަތް ފަށައި އަދި ނިންމަން ސީސީސީން 24 ގަޑިއިރު ހުއްޓުމެއް ނެތި މަސައްކަތްކޮށްފައިވެ އެވެ. މިއީ މި ކަހަލަ ބްރިޖެއްގެ މަސައްކަތެއް ދިވެހިންގެ ލޯމަތީގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. އެހެންކަމުން 2015 އިން ފެށިގެން އަބަދުވެސް ކޮންމެ ދުވަހަކު އެ މަސައްކަތް ކުރާ ތަން ބަލަން ހެންވޭރުކޮޅުގައި މީހުން ތިބެ އެވެ.

އަޑީގައި ހުރި ކުނިތައް އަދި ސާފެއް ނުކުރޭ

ވަގުތީ ޕްލެޓްފޯމްގެ ހޮޅިތައް ނަގާ ނިންމިޔަސް އެ ސަރަހައްދުގެ މޫދު އަޑީގައި ހުރި ދަގަނޑުގެ ކުނިބުނި އަދި ސާފެއް ނުކުރެ އެވެ. ބޮޑެތި ދަގަނޑު ހޮޅި ފަދަ ނުރައްކާތެރި އެއްޗެހި މޫދުގައި ހުރި މައްސަލައިގައި ރާޅާއެޅުންތެރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ސާފިން އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ ދަގަނޑު ހޮޅިތައް ބުރިކޮށްލުމަށް ފަހު، މޫދަށް އަޅާފައި ހުރިއިރު، އެއިން އެއްވެސް އެއްޗެއް އަދި ނަގާފައި ނުވާ ކަމަށެވެ.

"މަސް ހިފުމަށް މޫދަށް އެރޭއިރު، އެ ސަރަހައްދަށް އެބަހުރި ބޮޑެތި ހޮޅިތައް ކަނޑާ ވައްޓާލާފައި. ހޮޅިތަކާއި ކުނިބުނި އެބަހުރި ފައިޖެހޭ ހިސާބުގައި ވެސް،" އޭނާ ވިދާޅުވި އެވެ.

ބައެއް ރާޅާއެޅުންތެރިން ވެސް ބުނީ މޫދު އަޑީގައި ހުރި ދަގަނޑު ހޮޅިތަކާއި ނުރައްކާތެރި ސާމާނު ނެގުމުގެ މަސައްކަތް ސީސީސީ ކުންފުނިން އަދި ކުރަމުން ނުދާ ކަމަށެވެ.

ސިނަމާލެ ބްރިޖުން ބަޔަކު ދަތުރުކޮށްފައި ދަނީ --ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ސީސީސީސީން ކުރިން ނެރުނު ބަޔާނެއްގައި ބުނީ ޕްލެޓްފޯމްގެ ބާކީ ހުރި ބައިތަކާއި އެ ސަރަހައްދުގެ މޫދަށް އެޅިފައި ހުރި ކުނިތައް ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.