ޚަބަރު / ސިނަމާލެ ބްރިޖު

އެ ފެންނަނީ އަދި ބްރިޖެއް ނޫން، ފައުންޑޭޝަންގެ ތައްޔާރީތައް

ބްރިޖްގެ ފައުންޑޭޝަނަށް ޕްލެޓް ފޯމް އަޅާފައި: ބްރިޖަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު މިހާރު ވަނީ ރާއްޖެ ގެނެސްފައި. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ލޮނުޒިޔާރަތްކޮޅުން މިހާރު ފެންނަނީ އަސްލު ބްރިޖްގެ ބައިތަކެއް ކަމަށް ބަައެއް މީހުންނަށް ހީވިޔަސް އެއީ މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ ފައުންޑޭޝަނަށް ވާ ތައްޔާރީތަކެވެ.

ޗައިނާ ސަރުކާރުގެ އެހީގައި އަޅާ ބްރިޖުގެ މަސައްކަތަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ޗައިނާ އިން ގެނެސް ފައުންޑޭޝަން އަޅަން މިހާރު ވަނީ ތައްޔާރުވެފަ އެވެ.

ޖުލައި ނުވަތަ އޮގަސްޓުގައި ފައުންޑޭޝަންގެ މަސައްކަތް ފަށާނެ. --މުއްތަލިބް

ބްރިޖް އަޅާ ސައިޓަށް ސާމާނު ޖަމާކޮށްފައި. -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ބްރިޖްގެ މަސައްކަތް ޝެޑިއުލްކޮށްފައިވާ ގޮތަށް ކުރިއަށްދާއިރު، އިއްޔެ ވެސް ޗައިނާ އިން ގިނަ އަދަދެއްގެ ސާމާނު ގެނެސް އެ ސަރަހައްދަށް ވަނީ ޖަމާކޮށްފަ އެވެ. އޭގެ ތެރޭގައި ފްލޯޓިން ކްރޭނާއި ބާޖުތައް ހިމެނެ އެވެ. އަދި ގިނަ އަދަދެއްގެ ސާމާނު މިއަދު ވެސް ގެންނަން ވަނީ ނިންމައިފަ އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވީ ލޮނުޒިޔާރަތްކޮޅު އިރުދެކުނު ކަންމަތީގައި ދަގަނޑުން އަޅާފައިވާ ފަދަ ފާލަމެއް ހުޅުލޭ ކޮޅުގައި ވެސް އަޅާނެ ކަމަށެވެ. އަދި އެ ދެ ފާލަން ގުޅުވާލާނީ މިހާރު ކަނޑުގައި ޖަހަމުން އަންނަ ޕްލެޓް ފޯމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ގުޅުވާލުންތަކަށް ފަހު އަސްލު ޕައިލް ފައުންޑޭޝަން މަސައްކަތް ފަށާނީ. ޖުލައި ނުވަތަ އޮގަސްޓުގައި ފައުންޑޭޝަންގެ މަސައްކަތް ފަށާނެ،" މުއްތަލިބް ވިދާޅުވި އެވެ.

ބްރިޖް އަޅާ ސަރަހައްދު. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖް އަޅަން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދެނީ ޗައިނާ ސަރުކާރުންނެވެ. އަނެއް ބައި ލޯނެއްގެ ގޮތުގައި ދޭ އިރު ދިވެހި ސަރުކާރުން ވެސް އެ މަޝްރޫއުއަށް ހޭދަކުރެ އެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454