ޒިންމާ ކުރުވެން ވާނެ! ޒިންމާ އުފުލަން ވެސް ޖެހޭނެ!

މިއީ ދުނިޔެމަތީގެ ސުވަރުގެއޭ ބުނަނީ ހަމަ ހަގީގަތުގައި ވެސް ސުވަރުގޭގެ އެތައް ސިފައެއް މި ރާއްޖޭގައި ހުރީމަ އެވެ. ސުވަރުގެ އިން ލިބޭނެ އެންމެ ބޮޑު އުފަލަކީ، އެ މީހަކު ހިތަށް އަރުވާ ކޮންމެ ކަމެއް އެ ވަގުތުން ވަގުތަށް ފުރިހަމަ ވަމުން ދިއުމެވެ.


ވެއަތުގެ ދިޔަ ދެތިން މަހެއްގެ ތެރޭގައި މި ރާއްޖޭން ވެސް ފެންނަނީ ހަމަ އެފަދަ މަންޒަރުތަކެކެވެ. އިއްޔެ ބޭނުންވީ އެންމެ ބޮޑެތި ޓެރަރިސްޓުންގެ ގޮތުގައި ހަދައި ހުރަގޭގައި ބަންދު ކުރާށެވެ. ހަމަ ވަގުތުން ކުށުގެ ހުރިހާ ރުކުންތަކެއް ފުރިހަމަވެ، ހެއްކާއި ގަރީނާތައް ފުނިޖެހިގެން ގޮސް، ކުށް ސާބިތުވެ ބޮޑެތި ޓެރަރިސްޓުންނަށް ވީ އެވެ.

ނަމަވެސް މިއަދު ބޭނުންވީ މައުސޫމް ބަޔަކަށް ހަދާށެވެ. ހަމަ ވަގުތުން ޝަރީއަތް ކުރި އިޖުރާއާތު ވެސް ގޯހެވެ. ކުށުން ބަރީއަވާން އެކަށީގެންވާ ވަގުތު ވެސް ދެވުނު ކަމަކަށް ނުވި އެވެ. ދިފާއީ ވަކީލުން ހޯދުމުގެ ފުރުސަތު ވެސް ރަނގަޅަކަށް ނުދެވުނެވެ. އެހެންވީމާ، ކުށުން ބަރީއަވެ މިނިވަންވީ އެވެ.

އިއްޔެ ބޭނުންވީ މަޖިލީހަށް ވަނަ ނުދިނުމަށެވެ. ހަމަ ވަގުތުން މެންބަރުކަމުން ވެސް ވަކިވީ އެވެ. މަޖިލިސް ހުރި މަގުން ހިނގައިލިޔަސް ކުށްވެރިވާން ފެށި އެވެ. މިއަދު ބޭނުންވީ މަޖިލީހުގައި ބައިވެރި ކުރާށެވެ. މެންބަރުން ނޫން ކަމަށް ކަނޑައެޅީ ގަވާއިދާ ޚިލާފަށް ކަމަށް ވެސް ވީ އެވެ. އެއީ މެމްބަރުން ކަމުގައިވެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުން ހުއްދަ ވެސް ވީ އެވެ.

އިއްޔެ ފްލެޓްތައް ބެހި އިރު ތިމާމެން ވެސް ލައްވައިލުމުން، މިނިސްޓަރުންގެ ލިސްޓަށް ފްލެޓް ދިނުމަކީ ކޮރަޕްޝަނެއް ނޫނެވެ. މި ފަހަރު އަދި ފްލެޓް ނުވެސް ދީ އުޅެނިކޮށް، ހަމައެކަނި ފޯމް ދޫކުރި ކަމަށްޓަކައި ކޮރަޕްޝަނަށް ވެއްޖެ އެވެ.

މިފަދަ އެތައް ކަމެއް މިދިޔަ ދެތިން މަހުގެ ތެރޭގައި މި ރާއްޖެ ދެކެފި އެވެ. ހަގީގަތަށް ބަލާއިރު، ރާއްޖޭގައި ކަން ހިނގާ އުސޫލުން އެއްވެސް ކަމެއް ބަދަލުވީކީ ނޫނެވެ. ބަދަލުވީ ހަމަ އެންމެ ކަމެކެވެ. ދައުލަތުގެ ހުރިހާ ބާރުތަކަށާއި ހުރިހާ މުއައްސަސާތަކަށް ދިގު އަތް ފޯރުވައިގެން ހުންނެވި، ވެރިމީހާ އިތުރު ދައުރަކަށް ބޭނުން ނޫން ކަމަށް ރައްޔިތުން ނިންމީ އެވެ.

ރައީސް ޔާމީނަށް ތުރާލަކަށްވި 12 މެންބަރުންގެ ތެރެއިން ބައެއް މެމްބަރުން: މި މެމްބަރުންގެ ދުސްތޫރީ ވާޖިބަށް ހުރަސްއެޅި މީހުން ޒިންމާދާރު ކުރެވެން ވާނެ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ގަނަތެޅުވި 12 މެމްބަރުން

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީތަކުގެ އަސާސީ ގަވާއިދަށް އެންމެ ފަރިތަ ބަޔަކީ ހަމަ ގައިމު ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގެންނެވީތީ އެކަމެއް އެ ގޮތަށް ކޮށްދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވައިގެން ތިއްބެވި އީސީގެ ފަސް މެމްބަރުން، މަޖިލީހުގެ 12 މެމްބަރެއްގެ ދުސްތޫރީ ވާޖިބުތައް އަދާކުރިޔަ ނުދީ ހިފެހެއްޓީ އެވެ.

އީސީގެ އެ ޣައިރުގާނޫނީ ނިންމުމުގެ ސަބަބުން ގެއްލުނީ އެ 12 މެމްބަރުންގެ މުސާރަ އެކަންޏެއް ނޫނެވެ. ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އެތައް ހައްގުތަކަކުން 60،000 އަށް ވުރެ ގިނަ މީހުން މަހުރޫމް ކުރީ އެވެ. ގާނޫނު ހަދާ މަޖިލީހުގައި އެމީހުންގެ ބަސް އިއްވިޔަ ނުދީ ހުރަސްއެޅީ އީސީގެ ފަސް މެމްބަރުންނެވެ.

އިންތިޚާބުން ރައީސް ޔާމީން ބަލިވެ، އެމަނިކުފާނުގެ ނުފޫޒުން މުއައްސަސާތައް މިނިވަންވާނެ ކަން ކަށަވަރުވި ހިސާބުން، އީސީގެ އެ ނިންމުން ބާތިލު ކުރުމުން ކަށަވަރުވަނީ، އެ 12 މެންބަރުން މަޖިލީހުން ވަކިވި ކަމަށް ނިންމީ، ރައީސް ޔާމީނަށް ކޮށްދިން ކަމެއްގެ ގޮތުގައި ކަމެވެ. އަދި އެ 12 މެމްބަރުން މަޖިލީހުން ވަކިވެއްޖެ ކަމަށް އީސީން ނިންމި ނިންމުމަކީ، އޭގެ އުފެދުމުގައި ވެސް ބާތިލު ނިންމުމެއް ކަމެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެ މެންބަރުންނަށް މަޖިލީހަށް ވަދެވޭ ގޮތް ވުމަކީ މައްސަލައިގެ ނިމުމެއް ނޫނެވެ. ގާނޫނާ ޚިލާފަށް އެފަދަ ބޮޑު ދުސްތޫރީ ކުށެއް ކުރި ބަޔަކު ޒިންމާދާރު ކުރުވެން ޖެހޭނެ އެވެ. އެ މެމްބަރުން ޒިންމާދާރު ނުކޮށް ދޫކޮށްލާ ނަމަ، ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ކަންތައް ކުރާކަށް އެކަކު ވެސް ޖެހިލުން ވާނެ ކަމެއް ނެތެވެ.

ރައީސްގެ ޕީޖީއެއް ނޫން

ތިމާ އަށް މަގާމުގެ ފަތްކޮޅު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވީތީ، ތިމާގެ ޒިންމާއަކީ ރައީސް ވިދާޅުވިހާ ގޮތަކަށް، ނުވަތަ ސަރުކާރުން ނުވަތަ ވެރިކަން ކުރާ ޕާޓީން ބޭނުންވާ ގޮތަކަށް ޖިނާއީ މައްސަލަތަކުގައި އަމަލުކުރުން ކަމުގައި ގަބޫކުރެވިއްޖެ ނަމަ، އެ މީހަކު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުފޫ ހަމަނުވަނީ އެވެ. ގާނޫނީ ގޮތުން ތަސައްރަފު ވެސް ނުފުދެނީ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އާއިޝަތު ބިޝާމް އައްޔަން ކުރެއްވުމަށް ފަހު، ރައީސް ޔާމީން އެ ކަމަނާ އަށް މަގާމުގެ ފަތްކޮޅު އަރުވަނީ. ފޮޓޯ ރައީސް އޮފީސް

މިދިޔަ ފަސް އަހަރުގެ ތެރޭގައި ފެނުނީ އެ މަންޒަރެވެ. ސަރުކާރުގެ ސިޔާސަތާ ދެކޮޅުވި ސިޔާސީ ލީޑަރުންގެ މައްޗަށް ކުރި ދައުވާތަކުން އެނގުނީ، ޕީޖީ އަމަލު ކުރައްވަމުން ގެންދެވީ ރައީސް އެންގެވިހާ ގޮތަކަށް ކަމެވެ. ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްތަކަށް ބިނާކޮށް، މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ ލީޑަރުން ހައްޔަރުކޮށްދޭން ކޯޓުތަކުގައި އެދުނު އިރު، މި ކުރެވެނީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ޕީޖީ ވިސްނައެއް ނުލެއްވި އެވެ.

މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ޕީޖީގެ ފަރާތުން ސިއްރު ހެކިވެރިން ހުށަހެޅި އިރު، އެ ކަމުގެ ސިއްރު އެޖެންޑާއަކީ، ދޮގު ހެކީގެ މައްޗަށް ބިނާކޮށް މީހުން ޖަލަށް ލުން ކަން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާ ދެކޮޅަށް، ހުށަހެޅި ސިއްރު ހެކި ފަޅާއެރި ގޮތުން އެންމެނަށް ބޭޒާރުވެފަ އެވެ.

އޭގެ އިތުރުން ވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ޝައިޚް އިމްރާނާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔަޑް) އަހްމަދު ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކުރީ، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުކޮށް ޖަލަށް ލީ، އިޖުރާއާތާ ޚިލާފަށް ކަން އެ ބޭފުޅުންގެ ގާނޫނީ ވަކީލުން ގެންދެވީ ކޯޓުތަކުގައި ފާހަގަކުރައްވަމުންނެވެ.

ރައީސް ނަޝީދުގެ މައްޗަށް ކުރި 13 އަހަރުގެ ޖަލު ހުކުމަށް ޝަރުއީ ތިން މަރުހަލާ އިން ވެސް ތާއީދު ކޮށްފައި ވަނިކޮށް، އެ ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އެދުމުން ވެސް، އެއީ ރަނގަޅަށް ހިނގާފައި އޮތް ޝަރީއަތެއް ނޫން ކަމަށް ޕީޖީ ވެސް ގަބޫލުކުރައްވަ އެވެ. ނަމަވެސް ވަގުތު ފާއިތުވެއްޖެ އެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް އައުމުން، އެ ޝަރީއަތްތައް ދިޔައީ އިޖުރާއާތާ ޚިލާފަށް ކަމަށް އެއްބަސްވުމަކީ ޕީޖީގެ މަގާމުގައި ތިއްބެވި ބޭފުޅުން އެ ކުރެއްވި ގާނޫނާ ޚިލާފު އަމަލުތަކުން ބަރީއަވެވޭނެ ގޮތެއް ނޫނެވެ.

ކުށްކުރީ މީހާ، ކުށްވެރިވީ މުއައްސަސާ

ގަވާއިދާ ޚިލާފަށް މާލޭގެ ބިމު އަޑިން ފެން ނަގައި، ފެން ބޭރުކޮށްފައިވާތީ ހައުސިން މިނިސްޓްރީ 50،000ރ. އިން އަދި އެމްޑަބްލިއުއެސްސީ 55،000ރ. އިން ޖޫރިމަނާކުރީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ. މާލޭގެ ރިންގު ރޯޑު ހެދި އިރު، އީޕީއޭގެ ހުއްދަ ނުހޯދައި ގަވާއިދާ ޚިލާފަށް، ބޮޑުތަކުރުފާނު މަގުގެ ރުއްތަކާއި ގަސްތައް ކަނޑާފައިވާތީ 191،250ރ. އިން ހައުސިން މިނިސްޓްރީން ޖޫރިމަނާ ކުރީ ވެސް މިދިޔަ މަހުގެ މެދުތެރޭގަ އެވެ.

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ރިންގު ރޯޑް: އީއައިއޭ ނުހަދައި މި މަގު ހެދުމުން، މަގު ހެދުވި މީހުންގެ ބަދަލުގައި ކުށްވެރިވީ މިނިސްޓްރީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އަދި އީއައިއޭ ނުހަދައި ރިންގު ރޯޑު ހެދި މައްސަލައިގައި، 20،000ރ. އިން ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރި އެވެ. އޭގެ އިތުރުން ފުވައްމުލަކު ރިންގު ރޯޑު ހެދީ ވެސް އީއައިއޭ ރިޕޯޓާ ޚިލާފަށް ކަމަށްވާތީ، އެ މައްސަލައިގައި ވެސް 60،000ރ. އިން ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރި އެވެ.

ގާނޫނާ ޚިލާފަށް ކުރާ މިފަދަ ކަންތަކުގައި، ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ޖެހޭ ގޮތަށް، ހަމައެކަނި އެ މިނިސްޓްރީއެއް ނުވަތަ އެ އޮފީހެއް ޖޫރިމަނާކޮށްލާފައި ފުއްދާލާ ކަމަށްވަންޏާ، ގާނޫނުތަކާއި ގަވާއިދުތަކެއް ހަދައިގެން ކަންކަން ކުރުމުގެ ބޭނުމެއް ނެތެވެ. ގާނޫނާ ޚިލާފަށް އެ ކަންތައް ކުރުވި މީހުން ޒިންމާ އުފުލަން ނުޖެހި، ބަޖެޓުގެ އެއް އައިޓަމުން އަނެއް އައިޓަމަށް ފައިސާކޮޅެއް ބަދަލުކޮށްލައިގެން މިފަދަ ކަންތައް ނިންމައިލެވޭ ނަމަ، ސަރުކާރަށް ފާރަވެރިވެ ޒިންމާދާރު ކުރުވަން މިނިވަން މުއައްސަސާތަކެއް ހެދުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟

ހަމަގައިމު ވެސް، އީއައިއޭ ނުހަދައި ރިންގް ރޯޑް ހަދަން ހުއްދަ ދިން މީހަކު ހައުސިން މިނިސްޓްރީގައި ހުންނާނެ އެވެ. އީޕީއޭގެ ހުއްދަ ނުހޯދައި، ބޮޑުތަކުރުފާނު މަގުގެ ރުއްތަކާއި ގަސްތައް ކަނޑަން އަމުރު ކުރި މީހަކު ވެސް ހައުސިން މިނިސްޓްރީގައި ހުންނާނެ އެވެ. ގަވާއިދާ ޚިލާފަށް މާލޭގެ ބިމު އަޑިން ފެން ނަގައި، ފެން ބޭރުކުރަން ހުއްދަ ދިން ބަޔަކު ހައުސިން މިނިސްޓްރީގަޔާއި އެމްޑަބްލިއުއެސްސީގައި ވެސް ތިބޭނެ އެވެ.

ފްލެޓަށް އެދޭ ފޯމް ހޯދުމަށް ދަރުބާރުގޭގައި މީހުންތައް ތޮއްޖެހިފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮރަޕްޝަން ނުފެންނަ އޭސީސީ

ވެއަތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެންމެ ގިނައިން ހުށަހެޅި އެއް މައްސަލައަކަށް ވާނީ ސަރުކާރުން ދޫކުރި ފްލެޓްތަކުގެ މައްސަލަތަކެވެ. ވަކި އުސޫލަކުން ފްލެޓް ދޭނެ ކަމަށް ބުނުމަށް ފަހު، މިނިސްޓަރުންގެ ލިސްޓަށް ފްލެޓްތައް ބަހައި ނިންމައިލި އިރު، އޭސީސީ އަށް އެތައް ބަޔަކު ޝަކުވާ ހުށަހެޅި އެވެ. ސުވާލަކީ ކޮރަޕްޝަނެއް ނެތް ކަމަށް ބުނެ އެ ޝަކުވާތައް އޮއްބައިލީ، މިނިސްޓަރުންގެ ލިސްޓުގައި ހިމެނިގެން ބައެއް މެމްބަރުންނަށް ނުވަތަ މެންބަރުންގެ މަސްލަހަތު އޮތް މީހުންނަށް ފްލެޓް ލިބުނީމާ ކަމަށް ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް، ވަކި އުސޫލަކުން ޕޮއިންޓް ދީގެން، ގިނަ ޕޮއިންޓް ލިބޭ ތަރުތީބުން ފްލެޓް ދޭނެ ކަމަށް އިއުލާން ކުރުމަށް ފަހު، އެ ކަންކަމަށް ބެލުމެއް ނެތި، ވަކި މީހަކު ދިން ލިސްޓަކަށް ފްލެޓްތައް ބަހައިލުމަކީ ކޮރަޕްޝަން ކަމަށް ނުވަންޏާ، މި އުޑުދަށުގައި ދެން ކޮރަޕްޝަނަކަށް ވާނީ ކޮން ކަމެއް ހެއްޔެވެ؟

ނަމަވެސް އިންތިޚާބުގައި ރައީސް ޔާމީންގެ ވަރަ ބިނދުނު ހިސާބުން ކޮރަޕްޝަންތަކެއް ތިލަވާން ފަށައިފި އެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދިނުމުގެ ކަންތައް ކުރިއަށް ދަނިކޮށް އެކަން އެ ގޮތަށް ނުކުރުމަށް އޭސީސީން އެންގީ ކޮރަޕްޝަން ހިމެނޭތީ ކަމަށް ވެދާނެ އެވެ. އޭގެ ފަހުން، ހެޔޮ އަގުގައި ގޯތި ވިއްކުމަށް ފޯމް ދޫކުރަން ފެށުމުން އެކަން ވެސް ހުއްޓުވީ ކޮރަޕްޝަން އެކުލެވިދާނެތީ އެވެ.

އިންތިޚާބީ ރައީސް އިބޫ (ވ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް: ދެ ބޭފުޅުންނާ މެދު ދިވެހި ރައްޔިތުން ކުރާ އުންމީދުތައް ވަރަށް ގިނަ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިހާރު ވެސް އޮތީ، މިނިސްޓަރުންގެ ލިސްޓަށް ފްލެޓް ބެހި އިރު އޮތް ގާނޫނެވެ. ކޮރަޕްޝަން މާނަކުރާ ގޮތް ބަދަލުވީކީ ވެސް ނޫނެވެ. އެ ކޮމިޝަންގެ މެމްބަރުން ވެސް ބަދަލުވީކީ ނޫނެވެ.

މިފަދަ ކިތަންމެ ކަމެއް މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ބަދަލުވާން ފަށާފައިވާ އިރު، ހަމަޔާއި އިންސާފުން އެއްކިބާވެ، ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އެ ހުރިހާ ކަމެއް ކުރި ބަޔަކު ހަމަ ގައިމު ވެސް ތިބޭނެ އެވެ. އެ މީހުން އެ ކަންކަމާ ޒިންމާ ނުކުރެވޭހާ ހިނދަކު، އަދުލު އިންސާފު ގާއިމުކުރެވުނީ ކަމަކަށް ނުވާނެ އެވެ.

ވެރިކަން ބަދަލުކުރަން ރައްޔިތުން ވޯޓު ދިނީ، ރައީސް ޔާމީން ވެރިކަމުގައި ހުރެގެން އުނދަގޫވާތީކީ ނޫނެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ހަމަޔާއި އިންސާފު ގެއްލި އަދުލުވެރިކަން ނެތި ދިޔުމުންނެވެ. ރައްޔިތުން ވޯޓު ދިނީ އިބްރާހީމް މުހައްމަދު ސޯލިހަކަށް ނޫނެވެ. ރައްޔިތުން ވޯޓު ދިނީ، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ، އަމިއްލަ އެދުމަށް މަގާމުގެ ނާޖާއިޒު ފައިދާ ނެގި މީހުން ޒިންމާދާރު ކުރުވައި، އަނިޔާވެރިކަމާއި ކޮރަޕްޝަން ނައްތާލައި، އަދުލުވެރިކަމާއި ހަމަހަމަކަން ގާއިމު ކުރުމަށެވެ.