ބްރިޖުގައި "ހިތުހުރި ގޮތަކަށް"، ޒިންމާ ކޮބާ؟

އޮފީސް ނިންމާފައި، މަސް ރޮއްޓެއް ކާން ވެސް ގްރޫޕް ހަދާފައި މިހާރު ހުޅުމާލެ ބީޗަށެވެ. ބްރިޖުގެ "ސަޅި" ކަމެވެ؛ ތޮއްޖެހިފައިވާ މާލޭގެ ހާސްކަމުން ކުޑަވަގުތުކޮޅަކަށް ނަމަވެސް ހިތްހަމަޖެހުމާއި އުފާވެރި ކަމެވެ.


އެކަމަކު ދެރަ ކަމަކީ، މާލެ އާއި ހުޅުމާލެ ގުޅުވައިދީފައިވާ ބްރިޖުން ތިން މިނެޓުގެ ދަތުރުކުރާއިރު ފެންނަ ބިރުން ފިތްކަނޑައިގެންދާ ފަދަ މަންޒަރުތަކެވެ. ބްރިޖު މަތީގައި ބައެއް މީހުން އުޅެނީ "ހިތުހުރި" ގޮތަކަށެވެ. އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހަދާފައިވާ ގާނޫނުތަކާއި އުސޫލްތައް ފައިދަށުލައިފަ އެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ އެއް މަންޒަރެވެ؛ ބްރިޖުގެ މެދެއްހާ ހިސާބުގައި ސައިކަލު ޕާކުކޮށްފައި ދެ މީހަކު އަރައި ތިބެނީ، ބްރިޖުގައި ހިނގާ ލޭން ވަކިކުރަން ޖަހާފައި ހުރި ޗެންޗޭނު ގަނޑުގެ މައްޗަށެވެ. އެ މީހުންގެ ހާސްކަމެއް ނެތަސް އެ މަންޒަރުގެ ފެނުނު މީހުންގެ ގައިން ހީބިހި ނަގައިގެންދެ އެވެ.

އަނެއް ފޮޓޯ އިން ފެންނަނީ، ތިން މީހުންގެ ސައިކަލް ދަތުރެވެ. ބްރިޖުން ސައިކަލް ދުއްވާފައި ދިޔައިރު ފަހަތުގައި އަންހެނަކު އިންނަނީ ތުއްތު ކުއްޖަކު އުރާލައިގެންނެވެ. ވިސްނާލުމެއް ނެތި ތިން މީހުންގެ ފުރާނަ ނުރައްކަލަކަށް ވައްޓާލައިގެން ދިޔައިރު، ހިތްދަތިވީ އެ މަންޒަރު ފެނުނު މީހުންނެވެ.

ތުއްތު ކުއްޖަކު ގޮވައިގެން ސައިކަލެއްގައި ބްރިޖު މަތިން ދަތުރުކުރަނީ.

އެކަނި އިށީނދެ ނުތިބެވޭ ކުދިންނާ އެކު ސައިކަލުގައި ބްރިޖުން ދަތުރު ކުރުން އޮތީ މަނާކޮށްފަ އެވެ. އެންމެންގެ ރައްކާތެރި ކަމަށެވެ.

ދެން އޮތީ، ބްރިޖުން ދަތުކުރާ އެހެން މީހުންނަށް ބެލުމެއް ނެތި ސައިކަލް ދުއްވާ މީހުންގެ ނުރައްކާތެރި ކަމެވެ. ސައިކަލް ދުއްވާ ލޭނުން، ބާރު ސްޕީޑުގައި ދުއްވާފައި ދަމުން ހަމަ ކުއްލިއަކަށް މަޑުކޮށްލަފާނެ އެވެ. ސެލްފީއެއް ނަގާށެވެ! ނޫން ނަމަ ފޯނުން ވާހަކަ ދައްކާށެވެ. ހުރިހާ އުނދަގުލެއް ފަހަތުން އަންނަ މީހުންނަށެވެ.

ގްރޫޕްތައް އެކުގައި ދަތުރުކުރާއިރު، ވާހަކަ ދައްކަމުން މަޑުމަޑުން ދުއްވުމާއި، ކުއްލިއަކަށް ޔޫޓާން ނެގުން ފަދަ ކަންކަން ވެސް ކުރެ އެވެ. މިއީ، ނުރައްކާތެރި ހާދިސާއަކަށް މަގުފަހިވެދާނެ ކަންކަމެވެ. ބްރިޖުގައި ދުއްވަން އޮންނަނީ ވަކި ސްޕީޑެއް ކަނޑައަޅައިފަ އެވެ. އެއީ، ގަޑިއަކު 25-50 ކިލޯ މީޓަރާ ދެމެދެވެ.

ވެހިކަލްތަކަށް ބްރިޖުގެ ލޭންތައް ބައިކޮށްފައިވާއިރު، ނުބައި ލޭންތަކުން ވެސް ދުއްވަ އެވެ. އެގޮތަށްދާ މީހުން، ފުލުހުން ގޮސް ހުއްޓުވާފައި ވެސް އެބަހުއްޓެވެ.

ބްރިޖު ހުރަސްކުރާއިރު، ސައިކަލުގައި ލޯގަނޑު ހުރުން މަޖުބޫރެވެ. ލޯގަނޑު ނެތް ސައިކަލެއްގައި ބްރިޖުން ދަތުރެއް ނުކުރެވޭނެ އެވެ. ދެން ކުރަން ޖެހޭ ކަމަކީ، އެހެން މީހުންގެ ސައިކަލުގައި ހުންނަ ލޯގަނޑު ނަގައިގެން ދިއުމެއް ވެސް ނޫނެވެ.

ސައިކަލެއްގައި ހަރުކޮށްފައިވާ ނޯޓެއް ކަމަށް ބުނެ ސޯޝަލްމީޑިއާގައި އާއްމުވަމުންދާ ލިޔުމެއް.

އެކަން ފަހަރުގައި އާއްމުވީ ކަމަށް ވެސް ވެދާނެ އެވެ؛ މަޖަލަކަށް ހަދާފައި މީހަކު އާއްމުކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ "ސަޔެއް ބޯލަން ހުޅުމާލެ ދާން ލޯގަނޑު ނެގީ" ކަމަށެވެ. ނިމުނުހާ އަވަހަކަށް ގެނެސްދޭނެ ކަަމަށް ބުނެ ސައިކަލްގެ މަޑީގައި ލިއުމެއް ހަރުކޮށްފައިވެ އެވެ.

ބްރިޖުގައި ދުއްވާފައިވާއިރު ހެލްމެޓް އަޅައިގެން ދުއްވުން މަޖުބޫރެއް ނޫނެވެ. އެކަމަކު، ރިންގު ރޯޑާއި ބްރިޖުގެ ދަތުރުތަކުގައި ބައެއް މީހުން މިހާރު ދުއްވަނީ ހެލްމެޓް އަޅައިގެންނެވެ. މަޖުބޫރު ނުކުރިއަސް އަމިއްލަ އިސް ނެގުމަށް މިކަން ކުރުމަކީ އެހެން މީހުންނަށް ރަނގަޅު ނަމޫނާ އެކެވެ.

ބްރިޖުގައި "ހިތުހުރި ގޮތަކަށް" އުޅުމުގެ އުސޫލް ދޫކޮށްލައި ސަމާލުވާން ޖެހޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. ކޮންމެ ފަހަރަކު ފުލުހުން ގޮސް އިސްލާހުކުރަންދެން ތިބޭކަށް ނުޖެހެ އެވެ. ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހެ އެވެ.

ބްރިޖުގެ "ސަޅި"ކަމާ އެކު، ހުޅުމާލެ އިން ހޫނު މަސްރޮއްޓެއް ކާލައިގެން އަމާންކަމާ އެކު އެނބުރި އައުމުގެ ހިތްހަމަޖެހުން އެންމެންނަށް ލިބޭނީ އޭރުންނެވެ.