އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ލަންކާއިން ލިބުނު: ސަރުކާރު

ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ މަޝްވަރާކުރެއްވި ކަމަށާއި ހުރިހާ ދާއިރާއަކުން ވެސް ލަންކާގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.


ސްރީ ލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ސިރިސޭނާގެ ދައުވަތަކަށް އެ ގައުމަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ދެ ރައީސުން މިއަދު ވަނީ ރަސްމީކޮށް ބައްދަލުކުރައްވައިފަ އެވެ. ބައްދަލުވުމާ ބެހޭ ގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ ރާއްޖެ އަކީ ރަހުމަތްތެރި ގައުމެއް ކަމަށާއި ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމަށް ސިރިސޭނާ ވިދާޅުވި ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މިހާރު އޮތް ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ މެދު ވެސް ދެ ރައީސުން މަޝްވަރާކުރެއްވި އެވެ. އެގޮތުން އިގްތިސާދާއި ވިޔަފާރި އާއި މަސްވެރިކަމާއި ސިއްހަތުގެ ދާއިރާ އާއި ޓުއަރިޒަމާއި ތިމާވެށީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

"ހާއްސަކޮށް ސްރީ ލަންކާ އާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ، މޫސުމަށް އަންނަ ނުރައްކާތެރި ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ގުޅުން ބަދަހި ކުރުމުގެ މުހިންމުކަން ދެ ރައީސުން ވަނީ ފާހަގަ ކުރައްވައިފަ،" ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

ސްރީ ލަންކާ އާއި ރާއްޖެއަށް ވެސް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށްވާ މަސްތުވާތަކެތި ބޭނުން ކުރުމާއި ޓްރެފިކްކުރުން ހުއްޓުވުމަށް ވެސް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. މީގެ އިތުރުން ސްރީ ލަންކާ އާއި ރާއްޖޭގެ ސަލާމަތަށް އަދި މި ސަރަހައްދުގެ ސަލާމަތަށް، ގުޅިގެން މަސައްކަތް ކުރުމަށް ވެސް ދެ ރައީސުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.