އާ ތިން އެމްބަސީއަކާއި ކޮންސިއުލޭޓެއް ގާއިމްކުރަނީ

އިތުރު ތިން ގައުމެއްގައި ރާއްޖޭގެ އެމްބަސީ ހުޅުވައ އާ ކޮންސިއުލޭޓެއް ވެސް ގާއިމުކުރަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރަޝިއާ، ދެކުނު އެފްރިކާގައި އަދި އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި އެމްބަސީ ގާއިމްކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމްކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަޝިއަ އާއި ދެކުނު އެފްރިކާ އަކީ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއް މިވަގުތު ނެތް ދެ ގައުމެވެ. ނަމަވެސް އެމެރިކާގެ ވިޔަފާރީގެ މަރުކަޒީ ރަށް ނިއު ޔޯކްގައި ރާއްޖޭގެ މިޝަނެއް ހުރެ އެވެ. އެތަނުގައި ހުންނަވާ ސަފީރަކީ އެމެރިކާގެ އިތުރުން އދ. އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރެކެވެ. ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ރާއްޖޭގެ އެމްބަސީއެއް ހުރެ އެވެ. ނަމަވެސް ރާއްޖޭން ހައްޖަށާއި އުމްރާއަށް ދާ މީހުން އެ ގައުމަށް އެތެރެވަނީ ޖިއްދާއިންނެވެ.

ރައީސް ވިދާޅުވީ އާ އެމްބަސީތަކާއި ކޮންސިއުލޭޓް ގާއިމްކުރަން މަސައްކަތް ކުރަނީ ވީހާވެސް ގިނަ ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް މުހިއްމު ކަމަކަށް ވާތީ ކަމަށެވެ.

"ލާމެހިފައިވާ ކުޑަކުޑަ މުޖުތަމައަކަށް މުޅި ދުނިޔެ ބަދަލުވެފައިވާ އިރު ވީހާ ގިނަ ގައުމުތަކަކާ ގުޅުން ބަދަހި ކުރުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަަކަށް ވަރަށް މުހިއްމު ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ހާރިޖީ ދާއިރާގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ދިވެހިން އާއްމުކޮށް ދަތުރުކޮށްއުޅޭ ގައުމުތަކަށް ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ އެއްބަސްވުންތަކުގައި ސޮއިކުރަން ސަރުކާރުން މަސަައްކަތްކުރަމުން އަންނަ ކަމަށެވެ. ޔޫރަޕްގެ ގައުމުތަކުން ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކުގައި އުޅޭ ދިވެހިންނަށް ލިބޭ ހިދުމަތްތައް ފުޅާވެގެންދާނެ އެވެ.

"ބޭރުގައި ދިރިއުޅޭ ދިވެހިންނަށް، ވަކިން ހާއްސަކޮށް ކިޔަވާ ކުދިންނަށް ކޮންސިއުލާ ހިދުމަތްތައް މިއަހަރުގެ ތެރޭގައި އިތުރަށް ފުޅާވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ އެކަހެރި ވެފައި އޮތުމަށް ފަހު މިހާރު ވަނީ އެކަން ބަދަލުވާން ފަށައިފަ އެވެ.