އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން: އޭޑީކޭ

ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށް، މަޑުނުކޮށް ދިޔަ ކާރަކުން ޖެހި ބޮލަށް އަނިޔާވި އަންހެން މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެ އެވެ.


އައިސީޔޫގައި ފަރުވާ ދެމުން އަންނަ، 46 އަހަރުގެ އެ އަންހެން މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެނގިފައިވާގޮތުގައި އެ އަންހެން މީހާ މިހާރު ވަނީ ހޭ އަރައިފަ އެވެ. ކާރުން ޖެހި، އަންހެން މީހާ ވެއްޓި އޭނާގެ ބޯ ޖެހުނީ ސްޕީޑް ބްރޭކަރުގަ އެވެ. ބޯ ޖެހުމުގެ ސަބަބުން އަންހެން މީހާގެ ސިނކުޑިއަށް ލޭ އެޅިފައިވެ އެވެ.

އެ އެކްސިޑެންޓް ހިނގީ ކަފިހި ހުރަހުން ދެ އަންހެނަކު މަގު ހުރަސްކުރަނިކޮށެވެ. ދެން އަނިޔާވި އަންހެން މީހާގެ ކަނާތުފައި ވަނީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ.

ނުގަވައިދުން ކާރު ދުއްވި ޓެކްސީ ޑްރައިވަރާ ދޭތެރޭ ފިޔަވަޅެއް އެޅިކަމެއް ނޭނގެ އެވެ. މިކަމާ ބެހޭ ގޮތުން ފުލުހުން ވާހަކައެއް ނުދައްކަ އެވެ.