އިންޑިއާ އިން ހިފެހެއްޓި ދޯނި ދޫކޮށްލައިފި

އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަނުމުން އެ ގައުމުގެ ކަނޑުގެ ސިފައިން އިއްޔެ ހިފެހެއްޓި ދޯނި ދޫކޮށްލައިފި އެވެ.


އެމްއެންޑީއެފުުން މިއަދު ބުނީ އިންޑިއާގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓީ "ވީވަރު" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި އެ ދޯނީގައި ތިބީ 12 މީހުން ކަމަށެވެ. އެ ދޯނި ދޫކޮށްލީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ބަލާފައި ކަމަށާއި، އެ ދޯނި މިހާރު އަންނަނީ ރާއްޖެއަށް ދަތުރުކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާ އަށް ފަހު އެމްއެންޑީއެފުން ވަނީ މަސްވެރިން އެހެން ގައުމުތަކުގެ ކަނޑުގެ ސަރަހައްދަށް ނުވަނުމަށް އިލްތިމާސްކޮށްފަ އެވެ.

"އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކުރަނީ ރާއްޖޭގެ މަސްވެރި އުޅަނދުތައް އަވަށްޓެރި ގައުމުތަކުގެ އިގްތިސާދީ ސަރަހައްދަށް ނުވަނުމަށާއި އަދި ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް،" އެމްއެންޑީއެފުން ބުންޏެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އުޅޭ ބޭރުގެ މަސް ބޯޓް ފަހަރު ވެސް ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް ގެނެ އެވެ. އެކަމަކު ރާއްޖޭގެ އުޅަނދުތައް އެހެން ގައުމުތަކުން މިގޮތަކަށް ނުހިފަހައްޓަ އެވެ. ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން މިހާރު އާއްމުކޮށް މަސްވެރިކަން ކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ވެސް ވަރަށް ބޭރުންނެވެ.