ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ އައިޖީއެމްއެޗަށް ގެންދިއުމާ އެކު ހޮސްޕިޓަލަށް ޖަމާވި އެމަނިކުފާނުގެ ސަޕޯޓަރުންތަކެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހީ، ނުކިޔަމަންތެރިކަން ދައްކައި ކާޑިއޮލޮޖީ ސެންޓަރު ތެރެއަށް ގަދަކަމުން ވަންނަން އުޅުމުން ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ޔާމީންގެ ސަޕޯޓަރުންތަކެއް ކޮންޓްރޯލް ކުރަން އައިޖީއެމްއެޗު ތެރޭގައި ފުލުހުން ޕެޕަ ސްޕްރޭ ޖެހުމުން ޕީޕީއެމުން އަންނަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ.
އެކަން ހިނގި ގޮތް އޮޅުންފިލުވައިދޭން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޔާމީނަށް ތާއީދު ކުރާ ބަޔަކު އައިޖީއެމްއެޗުގެ ހުޅަނގު ގޭޓުން ވަދެ ހޮސްޕިޓަލްގެ ކާޑިއޮލޮޖީ ސެންޓަރަށް ތެރެއަށް ގަދަކަމުން ވަދެގަންނަން މަސައްކަތް ކުރި ކަމަށެވެ. އައިޖީއެމްއުގައި 24 ގަޑި އިރަށް އެޑްމިޓްކޮށްފައިވާ ޔާމީނަށް ފަރުވާދިނީ ކާޑިއޮލޮޖީ ސެންޓަރުގަ އެވެ.
އެތަނަށް ސަޕޯޓަރުން ވަންނަން އުޅުމުން، އެއްފަހަރާ ގިނަ ބަޔަކު ނުތިބެވޭނެ ކަމަށް އެންގުމުން ނުކިޔަމަންތެރިކަން ދައްކައި އަޑުގަދަ ކުރި ކަމަށް ފުލުހުން ބުންޏެވެ. ޕެޕަ ސްޕްރޭ ބޭނުން ކުރަން ޖެހުނީ، އެތަނުގައި ހިންގަން އުޅުނު ހަމަނުޖެހުން ކޮންޓްރޯލް ކުރަން ކަމަށް ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ، ޕެޕަ ސްޕްރޭ ބޭނުންކުރީ އެ ހާލަތުގައި ބޭނުން ކުރަން ޖެހުނު އެންމެ ކުޑަ މިންވަރަށް ކަމަށެވެ. އެއާއެކު ވެސް، ފުލުހުންގެ ތެރޭގައި އޮންނަ އެކަމަށް ޚާއްސަ ކޮމެޓީން އެކަން ބަލައި ދިރާސާކުރާނެ ކަމަށް ބަޔާނުގައިވެ އެވެ.
ފުލުހުން ބާރުގެ ބޭނުންކުރާ ހާލަތްތަކުގައި، އެކަން ކުރި ގޮތް ރިވިއު ކުރަން "ޔޫސް އޮފް ފޯސް ރިވިއު" ކޮމެޓީއެއް އޮވެ އެވެ.
ހޮސްޕިޓަލް ފަދަ ސިއްހީ ހިދުމަތް ދޭ ތަންތަނަށް އެއްވެ އަޑުގަދަކޮށް ހަމަނުޖެހުން ހިންގުމަކީ ބަލި މީހުންނާއި އުނދަގޫވެ ޚިދުމަތް ފޯރުކޮށްދޭން ވެސް ހުރަސްއެޅޭނެ ކަމެއް ކަން ފާހަގަކޮށް، އެއީ ގާނޫނުގައި ވެސް އެއްވުން މަނާތަނެއް ކަން ފުލުހުން ހަނދާން ކޮށްދީފައި ވެ އެވެ. އެހެންވެ، ހޮސްޕިޓަލް ތެރޭގައި އަޑުގަދަކޮށް ނުހެދުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
ޔާމީން، ބަންދުކުރީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރުމުންނެވެ.