ޑިންގީ ބަންޑުން ޖަހާލައި ގެއްލުނު ޒުވާނާ އަދިވެސްނުފެ ނޭ

ޑިންގީ ބަންޑުން ޖަހާލައިގެން ރޭ ގެއްލުނު އަންހެންމީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.


އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ހެލްކޮޕްޓަރުގެ އެހީގައި 19 އަހަރުގެ ޝިމާ ހޯދަމުން އަންނަ ކަމަށެވެ. އަދި ކޯސްޓްގާޑުގެ ޑައިވިން ޓީމުން ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް ޑިންގީގެ ވެސް އަދި އަންހެން މީހާގެ އެއްވެސް ހަބަރެއް ނުވޭ. މީހާ ހޯދުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ސިފައިން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން،" އާޒިމް ވިދާޅުވި އެވެ.

ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަތުރުކުރި ޑިންގީ ބަންޑުން ޖަހާލީ ލ. ގާދޫ ކަނޑުއޮޅި އަށެވެ. ދެ މީހުން ދަތުރުކުރި ޑިންގީ ބަންޑުން ޖަހައިލުމުން، އޭގައި ހުރި ފިރިހެން މީހާ ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އަރައި އެހީތެރިކަމަށް އެދުނެވެ.

ގެއްލުނު އަންހެން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ސަރަހައްދު.- ފޮޓޯ: އެމްއެންޑީއެފް

ފުލުހުން ބުނިގޮތުގައި އެއީ އިންޖީނުގައި ކުޑަ ޓޭންކެއް ހުރި ޑިންގީއެއް ކަމަށާއި އެ މީހުން ދިޔައީ 20 ލީޓަރުގެ ޕެޓްރޯލް ހަމެއް ވެސް ހިފައިގެން ކަމަށެވެ. އެގޮތުން ޑިންގީ ބަންޑުން ޖަހާލީ އެއިން ޕެޓްރޯލް ހުސްވެގެން ގާދޫ އާއި ސިކްސް ސެންސަސް ދޭތެރޭގައި އޮއްވަ އެވެ.

"ޑިންގީއަށް ޕެޓްރޯލް އަޅަނިކޮށް ޖެހި ރާޅާއެކީ ޑިންގީ ބަންޑުން ޖަހާލީ،" ފުލުހުން ބުންޏެވެ.

ޝިމާއަށް ފަތަން ނޭނގޭ ކަމަށާއި އަދި އޭނާ ފްލޯޓް ކުރާނެ ހަމަކާއި އަދި ފޯނެއް ދީފައި އެހީ ހޯދަން ފިރިހެން މީހާ ސިކްސް ސެންސަން ރިސޯޓަށް ފަތާފައި ދިޔައީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގައިި ގެއްލުނު ޝިމާ ދިރިއުޅެމުން އަންނަނީ މާމެންދޫގަ އެވެ.