ކްރިމިނަލް ކޯޓުގެ އަމުރާ އެއްގޮތަށް، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ޔާމީން މާފުށީ ޖަލަށް ގެންދިއުމަށް ލޯންޗަށް އަރާވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
27 ފެބުރުއަރީ 2019 - 13:15
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ މައްސަލައިގެ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ޝަރީއަތް ނިމެންދެން ޔާމީން ރިމާންޑް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވަން ރިޝްވަތު ދޭ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ތުހުމަތުކޮށްފައިވާތީ އެވެ. ކޯޓުގެ އަމުރާ އެކު، އެމަނިކުފާނު އަދިވެސް ހުންނެވީ މާފުށީ ޖަލުގަ އެވެ.
ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ވަނީ ޔާމީން ހައްޔަރު ކުރީ ގާނޫނުއަސާސީއާ ހިލާފަށް އިންސާފުން އެއްކިބާވެ، ސިޔާސީ ބޭނުމަށް ކަމަށެވެ. މިއީ ސިޔާސީ ނުފޫޒުގެ ތެރެއިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހިންގި އަމަލެއް ކަމަށް ގަރާރުގައިވެ އެވެ. އަދި ހެކި ފޮރުވުމުގެ ގޮތުން ޔާމީން އެއްވެސް ކަމެއް ކުރައްވާފައި ނުވާ ކަމަށް ވެސް ޝިޔާމްގެ ގަރާރުގައިވެ އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ގަރާރުގައި ސޮއިކުރައްވަނީ. --- ފޮޓޯ: ނިހާން
ހެއްކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ޔާމީން ހައްޔަރު ކުރުމަކީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި 96،000 އަށް ވުރެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ލީޑަރުގެ އަބުރު ނަގާލުމަށާއި ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސް ކަމަށްވާ އިދިކޮޅު ސިޔާސީ ހަރަކާތްތައް ހުއްޓުވުން ކަމަށް ގަރާރުގައިވެ އެވެ.
ރާއްޖޭގައި މިހާރު ހުންނެވި ހަމައެކަނި އިދިކޮޅު ލީޑަރު ސިޔާސީ ބޭނުމަކަށް ހައްޔަރުކުރީ، އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާއި ހިލާފަށް ހިނގާ ނާތަހުޒީބީ އަމަލެއް ކަމަށް ވެސް ގަރާރުގައިވެ އެވެ.
މީގެ އިތުރުން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޔާމީންގެ މައްޗަށް އުފުލި ދައުވާ އަކީ އެމަނިކުފާނަށް އޮތް ތާއީދު ނެތިކޮށްލުމުގެ ނިޔަތުގައި ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ވެސް ޝިޔާމްގެ ގަރާރުގައިވެ އެވެ.
އެހެންވެ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ކިބައިން ޝިޔާމް އެދިވަޑައިގެންފައި ވަނީ ޔާމީންގެ މައްޗަށް އުފުލި ދައުވާ އަނބުރާ ނަގައި އެ މައްސަލަ އަލުން މުރާޖައާ ކޮށްދިނުމަށެވެ.
ޔާމީންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލި މަނީ ލޯންޑަރިންގެ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް، ޝިޔާމްގެ ގަރާރުގައި ވަނީ އެސްއޯއެފް ކުންފުނިން ދައުލަތުގެ އެއްވެސް ފައިސާއަކަށް ހިޔާނާތްތެރިވެފައިވާ ކަން އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނުވާ ކަމަށެވެ.
މީގެ އިތުރުން އެސްއޯއެފް ކުންފުނިން ރާއްޖޭގެ އެތައް ވިޔަފާރި ކުންފުނިތަކާއި އަމިއްލަ ފަރުދުން ހިމެނޭ ގޮތަށް 154 މީހަކާ ދެމެދު ބޭންކް މެދުވެރިކޮށް ފައިސާގެ ގިނަ މުއާމަލާތްތަކެއް ހިނގާފައިވާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދާދި ފަހުން ނެރުނު އެމްއެމްޕީއާރުސީގެ ރިޕޯޓުން އެނގެން އޮތް އިރު، އިތުރު އެއްވެސް ފަރާތަކާ މެދު ސުވާލުކޮށް ތަހުގީގު ހިންގާފައި ނުވާ ކަމަށް ގަރާރުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގު
28 February 2019
އެއްގޮތަކައްވެސް ދޫކޮއްފަ ބަހައްތަން ހެޔޮވާވަރުގެ މީހެއްނޫން
ކުނިބެ
27 February 2019
އެއްކަލަ އިރު "ޑިސްލައިކް" ދެއްކި މަޖިލިސް، ބާރުތައް ހަނިކުރި މަޖިލިސް، މެންބަރުން ނުހައްގުން ޖަލަށްލީ މަޖިލިސް، މެންބަރުންގެ ގޮނޑިތައް ގެއްލުނު ކަމަށް ބުނެ ކުޅޭކުޅޭ ތަނަކަށް ހެދި މަޖިލިސް މިއަދު ބާރުވެރި ތަނަކަށްވެ، އެއްކަލަ "ގަޓު" ދެއްކި "ކުރީގެ ރައީސް" ހަމަ އެ މަޖިލީހުގެ އެހީއަށް އެދި އާދޭސް ކުރަންޖެހިފައި މިއޮތީ! ދެންފަހެ، މި ރާއްޖޭގައި ސިޔާސީ މަސްރަހުގައި 2 ކޮޅަށް އެނބުރޭ ކޮންމެވެސް އެއްޗެއް ގެންގުޅޭކަމީ އޮތް ކަންބޮޑުވުމެއް!
ފޫހި
27 February 2019
ހާދަ ވިޔާނުދާ ބައެކޭ ތިޔަ މަޖިލިސް މެމްބަރުންނަކީ. ގާނޫނުގެ ކުރިމަތީގައި އެންމެންހަމަހަމަ. އޭނާދޫނުކުރާތި
އެޑަމް
27 February 2019
ބަލަ ޔާމިން ތިހާއަވަހައް ހިތްވަރު އެލުވާނުލާ މަނިކުފާނުގެ ބޮޑުބޭބެވެސްު އުމުރުފުޅުން80އަހަރުންމަތިވެފާހުއްޓާ މަނިކުފާނުދެއްވި އޯގާވެރިހަދިޔާ ގަބޫލުކޮއްގެން ރޯދަމަހަކާއެކުއެތައްމަސްތަކެއްކަޑާލިިއިރުވެސްކެއްކުރީސަކުވާއެއްނެތި, އަޅުގަޑުވެސް ވިލިގިލީޖަލުގެ ކުޑަގޮޅީގަ8މަސްދުވަސް ކަޑާލީމެވެ. ހެދުނުސައި ބަނަހެއް.ކަޅެއް މެންދުރުގަރުދިޔަމަސްބުރިއެއްހިކިމިރުހެއްބަތެއް ރޭގަޑު މުގުރިހަތައްޓެއްބަތެއް އަދިރީގަ ވަލުތެރޭގަ ޑޮކުޓަރެއްބޭހެއްނުދެކެން ދެންހަފުތާއެއްނުވަނީސް އެހުރިހާކުޅިވަރެއްކުޅެފާހާދަފިޑިއެކޭތިވަނީ
ޢަލިމަނިކުފާނު
27 February 2019
އޭނާ އެގޮތަށް އެކަން ކުރީމާ ބަރާބަރު. އޭނާ ކުރި ގޮތަށް މީނާ އެކަން ކުރީމާ ގޯސް. އެހެންވީމާ އެގޮތް ކަޑަދޯ. އެހެންވީމާ ދެން ބުނާނީ އަމިއްލަ އަތްތަކުން ފޭއްސަމުން ގެންދިޔަ ހުރިހާ އިލޮށްޓެއް އަމިއްލަ އަތްތަކުގެ ލޯތަކަށް ހެރެނީ އެހެންވީމައޭ.
ތެދުވެރިޔާ
27 February 2019
މި ޤައުމުން އިންޑިޔާ ސިފައިން ބަލާ.
އަހުމަދު އަދީބު
27 February 2019
އިންސާފުން ބެރުން ކަންކަން ކުރުމުން ސަރުކާރުގެ އިތުބާތުގެއްލެ
އަލްޖިބްރާ
27 February 2019
ރައްޔިތުންގެ މަޖްލީހަކީ ކުށްވެރިން ގެ ހުކުމް ބަދަލު ކުރާތަނެއްތަ ؟
ޢަނާ
27 February 2019
ވަޓް އަ ޖޯކް. ތިޔަ ޔާމީނު އިދިކޮޅު އެންމެން ހިފާ ހައްޔަރުކުރި އިރު؟؟؟ ޢަސްލުވީ ގޮތަކީ ޖަލުގައި އޮންނާނެ ވަރުގެ ގަޓެއްނެތުން! ޥ ސަލާމް.
ކަންއޮތްގޮތް
27 February 2019
އެހެންދާއިރާތަކުގެ މެންބަރުންވެސް އެމީހުންގެދާއިރާމީހެއްގެމައްޗަށް ކުރަމުންދާ ދަޢުވާތައް އަނބުރާގެންދަން ޤަރާރުހުށަހަޅާ! ރައީސް ޔާމީންގެވެރިކަމުގައި އެތަކެއްބަޔަކު ހަމަމިގޮތަށް ޝަރީޢަތްނިމެންދެން ހައްޔަރުކުރެވުނު. އެއީ އިންސާފުކަމުގައިވާނަމަ، މިއީވެސް އިންސާފުދޯ!