އިންޑިއާ-ޕާކިސްތާން ވާހަކަ ދައްކައި ސުލްހަވާން ރާއްޖޭން ގޮވާލައިފި

ކަޝްމީރުގައި ޕާކިސްތާނު ހަނގުރާމަވެރިންގެ ބަޔަކު ހަމަލާދީ އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ބަޔަކު މަރާލުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް އިންޑިއާ އާއި ޕާކިސްތާނުން ކެތްތެރިކަން އިސްކޮށް ވާހަކަ ދައްކައިގެން ހައްލު ހޯދަން ރާއްޖޭން ގޮވާލައިފި އެވެ.


ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި، ކަޝްމީރުގައި މި މަހު 14 ވަނަ ދުވަހު އިންޑިއާގެ ސަލާމަތީ ބާރުތަކުގެ 42 މީހަކު މަރާލި ހަމަލާ ކުށްވެރިކުރަމުން ބުނެފައި ވަނީ މައްސަލަ އަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ.

"...ޑިޕްލޮމެޓިކް ގޮތުން ވާހަކަ ދައްކަައިގެން މިހާރު އޮތް މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ މުހިއްމު ކަމެކެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ޓެރަރިޒަމްގެ އަމަލުތައް ރާއްޖޭން ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށާއި ޓެރަރިސްޓް ގްރޫޕްތަކާ ދެކޮޅަށް ދައުލަތްތަކުން މާނަ ހުރި ފިޔަވަޅުތަކެއް އަވަހަށް އަަޅަން ޖެހޭކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"... ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރަން ދިވެހިރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން ކުރާ މަސައްކަތް ކުރިއަށް ގެންދާނަމެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާ ނައްތައިލުމަށް ވަކިން ހާއްސަކޮށް ދެކުނު އޭޝިއާގެ އަވަށްޓެރިންނާ ވަރަށް ގާތުން މަސައްކަތް ކުރާނަމަވެ،"

ކަޝްމީރުގައި އިންޑިއާ ސިފައިންނަށް ދިން ހަމަަލާއާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިހާރު ވަނީ އަސްކަރީ ހަމަނުޖެހުންތަކެއް ފެށިފަ އެވެ. އެގޮތުން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެ އުޅުނު ކަމަށް ބުނާ އިންޑިއާގެ ދެ ޖެޓެއް ޕާކިސްތާނުން ވަނީ ވައްޓާލައިފަ އެވެ. އޭގެ ތެރެއިން އެއް ޖެޓް ދުއްވަން އިން ޕައިލެޓް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޕާކިސްތާނުން އިއްޔެ ބުންޏެވެ.