ރައީސް ޔާމީންގެ ކެމްޕެއިން ޖަލްސާ ލައިވްކުރި މައްސަލަ އޭސީސީއަށް

ފުވައްމުލަކުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޖަލްސާ ދައުލަތުގެ މީޑިއާ، ޓީވީއެމުން ލައިވް ކުރި މައްސަލަ އިދިކޮޅު އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.


ރައީސް ޔާމީން 2018 ނަމުގައި ބޭއްވި ޖަލްސާ ޓީވީއެމުން ލައިވްކުރި މައްސަލަ ބަލައިދޭން ހުށަހެޅީ، އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ދައުލަތުގެ މީޑިއާ އިން ހަމަހަމަކަމާއެކު ފުރުސަތު ނުދީ ވަކި ޕާޓީއެއް ޕްރޮމޯޓްކުރާތީ އެވެ. އެއީ، ދައުލަތުގެ މީޑިއާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ މީޑިއާއެއް އުފެއްދުމުގެ މަގްސަދު ގެއްލޭ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

މައްސަލަ އޭސީސީއަށް ހުށަހެޅިއިރު، ޕީއެސްއެމްގެ ތަރުޖަމާނު އަބްދުﷲ ރަމީޒް ވިދާޅުވެފައި ވަނީ ކެމްޕެއިން ޖަލްސާއެއް ލައިވްކުރުމަކީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ދެކުނަސް "އަޅުގަނޑުމެން އެ ގޮތަކަ ނުދެކެން" ކަމަށެވެ. ޕީއެސްއެމުން އަމަލުކުރަމުން އަންނަނީ އެތަނުގައި ކަނޑައަޅާފައި އޮންނަ އުސޫލްތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕީއެސްއެމުން އިދިކޮޅު ފަރާތްތަކުގެ ޚަބަރު ނުގެނެސް ދީ ސަރުކާރުގެ ޕްރޮޕަގެންޑާ ފަތުރަމުންދާ ކަމަށް ބުނެ ފާޑުކިޔަމުން ދަނިކޮށް، އަބުރުގެ ގާނޫނާ ހިލާފު ކޮންޓެންޓެއް ވެސް ޕީއެސްއެމުން ވަނީ ގެނެސްދީފަ އެވެ. ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ހުއްޓުވުމަށް ހެދި ގާނޫނު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި ރޭ ދައުލަތުގެ މީޑިއާ އިން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދުގެ އަބުރުފުޅަށް ހުތުރުވާ ޒާތުގެ ރިޕޯޓެއް ގެނެސްދީފަ އެވެ. އެ ރިޕޯޓަށް އާއްމުންގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ވެބްސައިޓުން ވެސް އެ ރިޕޯޓް ފަހުން ވަނީ ނަގައިފަ އެވެ.