އިންޑިއާ ސިފައިންނާ ދެކޮޅު ހަރަކާތަށް ސަރުކާރުން މިރޭ ވެސް ފުރުސަތެއް ނުދިން

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާ ދެކޮޅަށް އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ބާއްވަން އުޅުނު ހަރަކާތަށް ދޫކޮށްފައިވާ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދެންމެ ބާތިލް ކޮށްފައިވާ ކަމަށް ފުލުހުން އެންގުމާ ގުޅިގެން މިރޭގެ ހަރަކާތް ކެންސަލްކޮށްފި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.


އުމަރު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވަން އުޅޭ އިންޑިއާ ސިފައިންނާ ދެކޮޅަށް ބާއްވަން އުޅުނު ހަރަކާތް ހުއްޓުވަން ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާ ބައިވެރިވެ، ޖަލްސާގައި ވާހަކަ ދައްކަވާ ނަމަ، އެ ހަރަކާތް ނުބޭއްވޭނެ ކަމަށް ފުލުހުން އެންގި ކަމަށް އުމަރު ވިދާޅުވި އެވެ.

އިވެންޓު ބޭއްވުމުގެ ހުއްދަ ސިޓީ ކައުންސިލުން ބާތިލް ކޮށްފައިވާ ކަމަށް ފުލުހުން އުމަރަށް އެންގީ އިވެންޓު ފެށި ފަހުންނެވެ. އެ ހަރަކާތުގައި ބައެއް މީހުން ވާހަކަ ދައްކަމުން ދިޔައިރު، ސަރުކާރާ އެއްކޮޅު ބަޔަކު އެ ސަރަަހައްދުގައި ތިބެ ދެކޮޅަށް އަޑުގަދަކުރަމުން ދިޔަ މަންޒަރު ވެސް ފެނުނެވެ.

ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އުމަރު އިސްވެ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ބާއްވަން އުޅުއްވި ހަރަކާތައް ވަޑައިގެން ސަޕޯޓަރުންނާ އެކު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާ ދެކޮޅަށް އުމަރު އިސްވެ މިދިޔަ ހަފުތާގައި ބާއްވަން އުޅުނު ހަރަކާތަށް މި ސަރުކާރުން އެއްވެސް ތަނެއް ދޫނުކުރި ކަމަށް އޭނާ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި އިންޑިއާ ސިފައިންނާ ދެކޮޅު ހަރަކާތް ބާއްވަން އުމަރު އުޅުއްވީ އިިދިކޮޅު ކޮންގްރެސް ޕާޓީ އަށް ސަރުކާރުން ދިން ހުއްދައިގެ ދަށުންނެވެ.

ފުލުހުން ބުނީ އާޓިފިޝަލް ބީޗް ސަރަހައްދު ކޮންގްރެސް ޕާޓީ އަށް ދޫކުރީ ފަސް ގަޑިއިރަށް އެއީ އެ ޕާޓީގެ ހަރަކާތެއް ބޭއްވުމަށް ކަމަށެވެ. އެކަމަކު، އެ ސަރަހައްދުގައި ހަރަކާތެއް ބޭއްވުމަށް މަސައްކަތް ކުރެއްވީ އުމަރު ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ، އެކަން ކޮންގްރެސް ޕާޓީ އަށާއި އުމަރަށް އަންގައި، އާޓިފިޝަލް ބީޗް ސަރަހައްދު ރަސްމީކޮށް ދޫކޮށްފައިވާ ގޮތާ އެއްގޮތަށް ތަންފީޒު ކުރުމަށް މާލޭ ސިޓީ ކައުންސިލުން އެދުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އުމަރު އިސްވެ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ބާއްވަން އުޅުއްވި ހަރަކާތައް ވަޑައިގެން ސަޕޯޓަރުންނާ އެކު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިންނާ ދެކޮޅަށް އުމަރު ތެދުވެ، އަދި ހަރަކާތްތައް ފަށަން މަސައްކަތް ކުރައްވާއިރު، އެ ގައުމުގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް އަންނަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ އެވެ. މި ސަރުކާރާ ގާތްގުޅުމެއް އޮންނަ އިންޑިއާ ސަރުކާރުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެން ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވަން މަޝްވަރާ ކުރައްވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އުމަރުގެ މިރޭގެ އިވެންޓު ފެށިއިރު، އެ ހަރަކާތުގައި ބައިވެރިވި މީހުން ބުނީ މިއީ އިސްލާމް ދީނާއި ގައުމިއްޔަތު ދިފާއު ކުރުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށެވެ. އެހެންވެ، އަތާއި އަތް ގުޅާލައިގެން އިސްލާމީ ވަހްދަތު ހިމާޔަތް ކުރަން ތިބެން ޖެހޭ ކަމަށް ވެސް އެމީހުން ބުންޏެވެ.

ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އުމަރު އިސްވެ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ބާއްވަން އުޅުއްވި ހަރަކާތުގައި މީހަކު ވާހަކަ ދައްކަވަނީ: ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާ ދެކޮޅު ހަރަކާތްތަކަށް މި ސަރުކާރުން އެއްވެސް ފުރުސަތެއް އުމަރަށް ނުދިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ބިމުގެ އެއްވެސް އިންޗިއެއް ދީގެން ނުވާނެ. އަޅުގަނޑުމެން ތިބެންވީ ދިވެހިންގެ ގޮތުގައި. އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނީ ދިވެހިން ތިބެގެން،" ހަރަކާތުގައި ބައިވެރިވި މީހަކު ބުންޏެވެ.

އިންޑިއާ ސިފައިންނާ ދެކޮޅަށް އުމަރު އިސްކޮށް ހުންނަވައިގެން، މީގެ ކުރިން ދަރުބާރުގޭގައި ހަރަކާތެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި އިދިކޮޅު ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އުމަރުގެ ހަރަކާތަށް ފާޑު ކިޔައި، އިންޑިއާ ސިފައިންގެ ނަން ނުގެނެސް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދާދި ފަހުން ވިދާޅުވީ ބަޔަކު ފައްސާލަން ޖެހޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ "ހޮޅި" ވާހަކަތަކެއް ކަމަށެވެ. މާރިޔާގެ ވާހަކައިގައި އެ އިޝާރާތް ކުރެއްވީ އިންޑިއާ އިން ރާއްޖެ އަށް ދިން ދެ ހެލިކޮޕްޓަރު ދުއްވަން އުޅޭ އިންޑިއާގެ ސިފައިންނަށް ކަމަށް ބެލެވެ އެވެ.

ހެލިކޮޕްޓަރުތައް ބެލެހެއްޓުމަށް ގިނަ އަދަަދެއްގެ އިންޑިއާ ސިފައިން ތިބޭ ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް އެންމެ ބޮޑަށް މިހާރު ވާކާލާތު ކުރައްވަނީ ވެސް އުމަރެވެ.