އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ކަމަނާ އަށް އިސްވެ މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ރާއްޖޭން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާއިޝަތު މުހައްމަދު ދީދީ އާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދިރު ވެސް އެއާޕޯޓުން ސުޝްމާ އަށް މަރުހަބާ ދެންނެވި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ މިއަދު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީވީއައިޕީ ލައުންޖުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދާ އެކު.---ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ އަށް ކުރައްވާ މި ދަތުރުގައި، ދެ ގައުމުގެ ދެމެދުގައި ސޮއިކުރާނެ އާ އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުުރައްވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ. އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސުޝްމާގެ މި ދަތުރުގައި، މިހާރު އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ކުރިއަށް އޮތްތަނުގައި ގާއިމް ކުރާނެ އެއްބަސްވުންތަކާ ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ސުޝްމާ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުގައި ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ސަރުކާރުގެ އެހެން ވަޒީރުންނާ ވެސް ބައްދަލުކުރައްވާނެ އެވެ. އެ ބައްދަލުވުންތަކުގައި ތަފާތު ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަތައް ދައްކަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖޭގެ މިނިސްޓަރުން ވަނީ ގިނަ ދަތުރުތަކެއް އިންޑިއާ އަށް ކުރައްވައިފަ އެވެ. ބައެއް މިނިސްޓަރުން ވަނީ އެއް ފަހަރަށް ވުރެ ގިނައިން ވެސް އެ ގައުމަށް ރަސްމީ ދަތުރުތައް ކުރައްވައިފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ ވަޑައިގެންނެވިއިރު، ރާއްޖޭގައި ދުއްވާ އިންޑިއާގެ ދެ ހެލިކޮޕްޓަރާ ގުޅޭ ކަންކަމަށް ތިބޭ އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމަށް ގޮވާލައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ހަރަކާތްތަކެއް ފައްޓަވައިފަ އެވެ. އެކަމަކު، އެ ހަރަކާތްތައް މިނިވަންކަމާ އެކު ކުރިއަށް ގެންދަން ސަރުކާރުން ފުރުސަތެއް ނުދޭއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވީ ގައުމުތަކާ ފިތުނަ އުފައްދަން ޖާގަ ނުދެއްވާނެ ކަމަށެވެ.