މި ސަރަހައްދުން އެންމެ ރަނގަޅު ފެން ދޫކުރަނީ އެމްޑަބްލިޔުއެސްސީން

އެމްޑަބްލިޔުއެސްސީ އިން ދޫކުރާ ފެނަކީ މި ސަރަހައްދު ގައުމުތަކުގައި ދޫކުރާ ބޯފެނުގެ ކޮލިޓީއަށް ބަލާއިރު އެންމެ ފެންވަރު ރަނގަޅު ސަޕްލައި ފެން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.


"މާލޭގައި ރައްޔިތުންނަށް ފޯރުކޮށްދޭ ބޯފެނަކީ މި ސަރަހައްދުގެ ގައުމުތަކަށް އަޅާބެލުމަށް ވެސް، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އަށް އަޅާބެލި ނަމަވެސް، އިންސާނުން ބުއިމަށް ވަރަށް އެކަށީގެންވާ ފެނެއް،" އެމްޑަބްލިޔުއެސްސީން ދޫކުރާ ފެނަކީ ބޯން ރަނގަޅު ރައްކާތެރި ފެނެއްކަން އަންގައިދިނުމަށް އެ މިނިސްޓްރީގައި ބޭއްވި އިވެންޓެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

މިއީ ބޯފެނަށް ކުރަންޖެހޭ ހަރަދާއި ޕްލާސްޓިކް ފުޅި މަދުކުކުރަން މި ސަރުކާރުން ވެފައިވާ ވައުދު ފުރިހަމަކުރަން އެންވަޔަރަމެންޓް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ ގުޅިގެން ބޭއްވި ހަރަކާތެކެވެ.

ފެނުގެ ކޮލިޓީއާ ގުޅޭގޮތުން އެމްއެފްޑީއޭ، އީޕީއޭ އަދި އެމްޑަބްލިޔުއެސްސީ އިން ދިން ޕްރެސެންޓޭޝަނާ ގުޅޭގޮތުން އެންވަޔަރަމެންޓް މިނިސްޓްރީން ކުރި ޓްވީޓެއް

ރާއްޖޭގައި ދޫކުރާ ފެނަކީ ތިން މަރުހަލާއެއްގައި ޓެސްޓުކުރުމަށްފަހު ދޫކުރާ ފެނެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި އެމްޑަބްލިޔުއެސްސީ އަދި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކަށަވަރުކޮށްދިނެވެ. އެގޮތުން މި މަރުހަލާތަކަށް ފަހު ވެސް އެ ފެން އިތުރަށް ޓެސްޓުކުރާ ކަމަށާއި ފެނުގެ ފެންވަރު ދަށް ނޫން ކަމަށް ބުންޏެވެ.

ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައި ވިޔަސް، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ގިނަ އަދަދަކަށް ބޭނުންކުރާކަން މިނިސްޓަރު ހުސެން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ދުވާލަކު، މަދުވެގެން 200،000 ފެންފުޅި ރާއްޖޭގައި ބޭނުންކުރާ ކަމަށެވެ.

މި އިވެންޓްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެމްޑަބްލިޔުއެސްސީން ދޫކުރާ ފެނުގެ ކޮލިޓީ ކަށަވަރުކޮށްދޭތީ، ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ބޭނުންކުރުން ހުއްޓާލަންވެއްޖެ ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ހޭލުންތެރިކުރުމުގެ މި ހަރަކާތް މާލޭގައި ފެށުމަށް ފަހު އަތޮޅުތެރޭގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގައި ބޯން ދޫކުރާ ފެނަކީ ކަނޑުން ނަގާ ލޮނުން އުފައްދާ ފެނެކެވެ. އެމްއެފްޑީއޭގެ ސީނިއާ ސައެންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު ވިދާޅުވި ގޮތުގައި ރާއްޖޭއަށް ދޫކުރާ ފެނުގައި ޖަރާސީމުގެ އެއްވެސް ބާވަތެއް ހުރިކަން ފާހަގައެއް ނުކުރެވެ އެވެ. އަދި ފެން ސާފުކުރުމުގެ މަރުހަލާގައި ބޭނުންކުރާ ކެމިކަލްތައް ވެސް ބޯން ދޫކުރާ ފެނުގައި ހުންނަނީ ޑަބްލިޔުއެޗްއޯ އަދި އީޕީއޭ އިން ވެސް ކަނޑައަޅާފައި ހުންނަ މިންވަރަށް ވުރެ މަދުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް މަދުކުރަން ފެން ފުޅިތައް ރިސައިކަލް ކުރާ އާ ޕްރޮގްރާމެއް ތައާރަފްކުރަން އީޕީއޭ އިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެތަނުގެ ޑިރެކްޓަ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު ވިދާޅުވީ އެ ތަނުން އަންނަނީ "ކޮންޓެއިނާ ޑިޕޮސިޓް ސްކީމެއް" ހަދަމުން ކަމަށެވެ. މި ސްކީމް ތައާރަފްކުރުމުން ކޮންމެ ފުޅިއެއްގެ އަގަށް އެއް ރުފިޔާ އިތުރުކުރާނެ އެވެ. އަދި އެ ރުފިޔާ އަލުން ލިބޭނީ ފެންފުޅިތައް ރިސައިކަލް ކުރަން ހަވާލުކުރުމުންނެވެ.