މިފްކޯގެ ވޭނެއް ހުއްޓުވައި، ދެ މިލިއަން ރުފިޔާ ފޭރިގެންފި

ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދިޔަ މިފްކޯގެ ވޭނެއް މަގުމަތިން ހުއްޓުވައި، ދެ މިލިއަން ރުފިޔާ މިއަދު ފޭރިގެންފި އެވެ.


މެންދުރު ހިންގި މި ޖަރީމާ ގައި ފައިސާ ފޭރިގަތީ ބޮޑުތަކުރުފާނު މަގުން މިފްކޯގެ ވޭނެއްގައި ފައިސާ ހިފައިގެން ދަނިކޮށް، ސަައިކަލުން ދިޔަ ބަޔަކު އެ ވޭން ހުއްޓުވުމަށް ފަހު އެވެ. ވޭނުގެ ބިއްލޫރިގަނޑު ވެސް ތަޅައި، ފައިސާ ފޭރިގަތް މީހުން ތިބީ މޫނު ނިވާކޮށްގެންނެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ފަހަކަށް އައިސް ފޭރުމުގެ އަމަލުތައް ވަނީ މާލޭގައި އިތުރުވެފަ އެވެ. އެގޮތުން މި މަހުގެ 10 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ވެސް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ސައިކަލުތަކެއްގައި ގޮސް، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންޑިއާގެ މީހެއްގެ އަތުން ފޭރިގެންފަ އެވެ. އެ މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރު ކޮށްފައިވާއިރު، ފޭރިގަތް ފައިސާތައް އަދިވެސް ނުފެނެ އެވެ.

މީގެ އިތުރުން ހުޅުމާލެ އިން މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފޭރުމުގެ ބޮޑެތި އަމަލުތަކެއް ވަނީ ހިންގައިފަ އެވެ. ބޮޑެތި އަދަދުތަކުން ފައިސާ ގެންދާ މީހުންނަށް އަމާޒުކޮށް ފޭރެމުންދާ ކަމަށް ބެލެވޭއިރު އެ ފޭރުންތަކާ ގުޅޭ މައުލޫމާތު ފުލުހުން ތަފުސީލުކޮށް މީޑިއާ އަށް އާންމެއް ނުކުރެ އެވެ. އަދި މި ކުށުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ވެސް ހާމައެެއް ނުކުރެ އެވެ.