ސިމާދުގެ މަރު: ކަރަންޓު ދަންތުރަ ހެދި ކަމުގެ ތުހުމަތު ހަރުގެ ބަލަހައްޓާ މީހާއަށް

ގއ. ވިލިނގިލީގައި ކަރަންޓު ދަންތުރައެއްގައި ޖެހިގެން ހުސެއިން ސިމާދު މަރުވި މައްސަލައިގައި ތުހުމަތު ކުރެވެނީ އެ ރަށުގައި ހުންނަ ހަރުގެ ބަލަހައްޓާ މީހާ އަށް ކަމަށާއި މީހުންނަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައި ކަރަންޓު ދަންތުރަ ހެދުމަކީ ކުށެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ވިލިނގިލީގައި ދިރިއުޅޭތާ 17 އަހަރުވެފައިވާ، ސ. ހިތަދު އަށް އުފަން ސިމާދު މަރުވީ ވިލިނގިލީގައި ސަފާރީއެއް ބަނުމަށް ހަދާފައި ހުރި ހަރުގެ ތެރޭގައި، އެތަނުން ވައްކަން ކުރާތީ ވަގުން ހިފުމަށް ބަޔަކު ހެދި ކަރަންޓު ދަންތުރައެއްގައި ޖެހިގެން ކަމަށް އެ ރަށު ގިނަ ބަޔަކު ވެސް ވަނީ ބުނެފަ އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ކަރަންޓު ދަންތުރަ ހެދި ކަމަށް ތުހުމަތު ކުރެވެނީ އެ ރަށު ސައިސަން، ސައީދު ހަސަނަށް ކަމަށެވެ.

"ހަށިގަނޑުގައި ނަރުގަނޑު ޖެހި އަނދާފައިވާ ތަންތަން ފެންނަން ހުރި އިރު، އެ ނަރުގަނޑުން ސިމާދުގެ ޑީއެންއޭ ފެނިފައިވޭ،" --- ޝިފާއު

ޝިފާއު ވިދާޅުވި ގޮތުގައި ސައީދު ފެނަކައިގައި މަސައްކަތް ކުރަމުން އަންނަތާ 10 އަހަރުވެއްޖެ އެވެ. އަދި ކަރަންޓު ކަންކަމުގައި ސައީދު އުޅޭތާ 40 އަހަރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު ސިމާދުގެ މަރުގެ މައްސަލައިގައި ސައީދު ހައްޔަރުކޮށްފައި ނުވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ ސިމާދަކީ ރަށުގެ ގިނަ ބަޔަކާއެކު އެކުވެރިކަމުގެ ގުޅުން އޮންނަ މީހުންނާ ވަރަށް ގުޅޭ މީހެއް ކަމަށެވެ. އަދި މީހުން އެދޭ ކަންކަން ސިމާދު ފުރިހަމަކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޝިފާއު ވިދާޅުވި ގޮތުގައި ސިމާދު އެންމެ ފަހުން އާންމުންނަށް ފެނިފައިވަނީ ފެބްރުއަރީ 16 ވަނަ ދުވަހު އެވެ. އަދި ސިމާދުގެ ހަބަރެއް ނުވެގެން ފުލުހުންނަށް ހުށަހެޅީ އެރޭގެ ވަގުތެއްގައި ކަމަށް ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވި ގޮތުގައި ހަރުގެ ތެރެއަށް ވާ ގޮތަށް ޓިނު ގަނޑުތެރޭގައި މީހަކު ތާށިވެފައި އޮތް ކަމަށް ބުނެ، އެކަން އެންމެ ފުރަތަމަ ރިޕޯޓު ކުރީ ވެސް ސައީދެވެ. އަދި ހަށިގަނޑުގައި ފިހިފައި ހުރި ނިޝާންތަކެއް ފެންނަން ހުރުމުން މައްސަލަ އިތުރަށް ތަހުގީގު ކުރަން ފުލުހުން ބޭނުންވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހާ އޮތީ ހަރުދަނޑިވެ، ހަށިގަނޑަށް ހިނި އަރާފައި ކަން ފާހަގަ ކުރެވޭ. ފައިގެ ކުޑަކަޅުވައިން ފެށިގެން ހަށިގަނޑުގެ މަތީބައި އެއްކޮށް ހެން އޮތީ ހަރުގޭގެ އެތެރޭގައި،" ޝިފާއު ވިދާޅުވި އެވެ.

ހަރުގެއަކީ 40 ފޫޓު އުސްމިނުގައި ވަށައިގެން ޓިނު ޖަހައިގެން ހަދާފައި ހުރި ތަނެކެވެ. އަދި ވަދެ ނިކުމެ ހަދަން ހަރުގޭގައި ހުރި ހުރިހާ ދޮރުތަކެއް ވަނީ ތަޅުލައިފަ އެވެ. ސިމާދު ފެނުނީ 100 ފޫޓުގެ ސަފާރީ ބަންނަމުން ދިޔަ ހަރުގެ ތެރޭގައި ހަދާފައި އޮތް ބާގަނޑެއް ތެރެއިން ކަމަށް ޝިފާއު ވިދާޅުވި އެވެ.

އައްޑު ހިތަދު އަށް އުފަން ސިމާދު.

މި ހާދިސާއާ ގުޅިގެން ހަރުގެ ބަލައި ފާސް ކުރިއިރު، ސިމާދުގެ ހަށިގަނޑު އޮތް ދިމާލުން ހަރުގޭގެ އެތެރޭގައި ކަރަންޓު ދިނުމަށް ބޭނުން ކުރާ ދެ ނަރު ފެނިފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ބާގަނޑުން އެ ތެރެއަށް މީހަކު ވަދެފިނަމަ، ކަރަންޓު ޖެހޭ ގޮތަށް އިތުރު އާލާތްތައް ބޭނުންކޮށްފައި އޮތް ނަރުގަނޑެއް ފެނިފައިވާ އިރު، އެ ނަރުގަނޑު އޮތީ ސިމާދު އޮތް ތަނާއި 40 ފޫޓު ދުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުލުހުން ދިޔައިރު، ނަރުގަނޑު ދުރަށް އެއްލާލާފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަށިގަނޑުގައި ނަރުގަނޑު ޖެހި އަނދާފައިވާ ތަންތަން ފެންނަން ހުރި އިރު، އެ ނަރުގަނޑުން ސިމާދުގެ ޑީއެންއޭ ފެނިފައިވޭ،" މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ ގޮތް ހިއްސާ ކުރައްވައި ޝިފާއު ވިދާޅުވި އެވެ.

"ސާކިޓް ބްރޭކަރުތައް ހުރީ ގަސްދުގައި ނިއްވާލާފައި. އެތަނުގެ ކަރަންޓު ބްރޭކަރު ބައިޕާސް ކޮށްފައިވޭ،"

ޝިފާއު ވިދާޅުވި ގޮތުގައި މިކަން ކުރީ ވައްކަން ކުރާ މީހުން އަތުލުމަށް ނުވަތަ ގެއްލުން ދިނުމަށެވެ. އެހެންވެ، މިކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސައީދު ހައްޔަރު ނުކޮށް ދޫކޮށްލާފައި ހުރި މައްސަލައިގައި "މިހާރު"ން ސުވާލު ކުރުމުން ޝިފާއު ވިދާޅުވީ މި މައްސަލައިގައި ސައީދާ ސުވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު، މި މައްސަލައިގައި ގިނަ ކަންތައްތަކެއް ސާފު ކުރަން ޖެހޭ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.

ސައީދު ދޫކޮށްލާފައި ހުރުމުން ހެއްކަށް ނުފޫޒު ފޯރުވުން ނުވަތަ ހެކި ނައްތާލުމުގެ ފުރުސަތު އޮތްތޯ އެހުމުން ޝިފާއު ވިދާޅުވީ މި މައްސަލައިގައި ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ. އެހެންވެ، ހެއްކި ނައްތާލުމުގެ ފުރުސަތު މިހާރު ނެތް ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.

ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މީހެއްގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ހާލަތެއްގައި ކުރާ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މެރުމަކީ ކުށެއް ކަމަށެވެ. މި ކުށަކީ ޖުނަހްގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ.

ސިމާދަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އެގޮތުން ވިލިނގިލީގައި ހުންނަ ބީއެމްއެލް ބްރާންޗް ފަޅާލި މައްސަލައިގައި އޭނާ ހައްޔަރު ކުރި އިރު، ފަހުން އޭނާ ދޫކޮށްލި އެވެ.