ޖިއާންގެ މަރު: ކުރިން ކުށަށް އިއުތިރާފްވި ތިން މީހުންގެ އިބްތިދާއީ އަޑުއެހުން އަލުން ފަށަނީ

މާލޭގައި އިމާރާތް ކުރަމުންދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވި މައްސަލައިގައި ދައުލަތުން ދައުވާކުރާ ހަ މީހުންގެ ތެރެއިން ކުށަށް އިއުތިރާފްވި ތިން މީހުންގެ މައްޗަށް ހުކުމް ކުރުމުގެ ބަދަލުގައި އެ މީހުންގެ ބައިގެ އިބްތިދާއީ އަޑުއެހުންތައް އަލުން ފަށަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.


ބަންގްލަދޭޝްގެ ހަތް އަހަރުގެ ކުއްޖެއް ކަމަށް ރައުޝަން ޖިއާން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލޭގެ މަގެއްގެ މަތިން މައިންބަފައިންނާ އެކު ހިނގާފައި ދަނިކޮށް، އިމާރާތް ކުރަމުންދިޔަ ގެއަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ވަނީ މަރުވެފަ އެވެ. އެ މައްސަލައިގައި އިންޑިއާގެ ހަތަރު މީހަކާއި ދެ ދިވެއްސެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރެ އެވެ.

އޭގެ ތެރެއިން ތިން ބިދޭސީއަކު ކުރީގެ އަޑުއެހުމުގައި ކުށަށް އިއުތިރާފްވުމުން، އެ މީހުންގެ ބައި އަވަސް ނިޔާ އިން މިއަދު ނިންމުމަށްޓަކައި ހަމަޖެއްސުމަށް ފަހު އެ މީހުންގެ ބައިގެ އިބްތިދާއީ އަޑުއެހުންތައް އަލުން ފަށަން ކޯޓުން ނިންމީ އެ ތިން މީހުން ވެސް މިހާރު ވަކީލަކު އައްޔަންކޮށް، އެ ވަކީލް މިއަދުގެ އަޑުއެހުމުގައި ފާހަގަ ކުރެއްވި ކަންކަމާ ގުޅިގެންނެވެ.

އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފްވިއިރު، އެ މީހުންގެ ވަކީލަކު ނެތް ނަމަވެސް، އެ ތިން މީހުން ވެސް މިހާރު ވަނީ ވަކީލެއްގެ ގޮތުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހަމަޖައްސައިފަ އެވެ.

މިއަދުގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ވިދާޅުވީ، ކުރީގެ އިބްތިދާއީ އަޑުއެހުމުގައި ވަކީލަކު ނެތީސް އެ މީހުންގެ ބައި ކުރިއަށް ގެންދިޔައީ މައްސަލައަކާ ގުޅޭ ލިޔުންތައް އެ ތިން މީހުންނާ ހަވާލު ކުރިއިރު، ވަކީލަކު ހަމަޖައްސަން އެންގުމުން ވެސް އެ އަޑުއެހުން ފެށުމާ ހަމައަށް ވެސް ވަކީލަކު ހަމަޖައްސާފައި ނެތުމުން ކަމަށެވެ.

ޝަމީމް ވިދާޅުވީ އިބްތިދާއީ އަޑުއެހުމުގައި އިއުތިރާފްވުމުގެ ކުރިން، ވަކީލަކު ބޭނުންވާ ކަމަށް އެ ތިން މީހުން ވެސް ބުނެފައި އެބައޮތް ކަމަށާއި އެ އަޑުއެހުމުގައި އެގޮތަށް ބުނެފި ނަމަ، ވަކީލަކު ހަމަޖައްސަން 10 ދުވަސް ދޭންޖެހޭނެ ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ކަމަށެވެ. އަދި ވަކީލަކު ހަމަޖައްސަން ދޭންޖެހޭ 10 ދުވަސް ގުނަން ފަށަން ޖެހޭނީ ލިޔުންތައް ހަވާލުކުރާ ދުވަހުން ފެށިގެން ނޫން ކަމަށާއި އެ މުއްދަތު ގުނަން ފަށާނީ އިބްތިދާއީ ފުރަތަމަ އަޑުއެހުން ބާއްވާ ދުވަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެ ތިން މީހުން ވެސް ކުރީގެ އަޑުއެހުމުގައި ކުށަށް އިއުތިރާފްވީ އެ މީހުންނަށް އެ އިއުތިރާފް ވެވެނީ ތަރުޖަމާ ކޮށްދިން މީހުން އެކަން ކޮަށްދިން ގޮތުންނެވެ. އެހެންވެ، އޭނާ އެދިވަޑައިގަތީ ވަކީލަކާ އެކު، އެ މީހުންގެ ބައިގެ އިބްތިދާއީ އަޑުއެހުންތައް ވެސް އަލުން ފަށައި ދިނުމަށެވެ.

އެކަމަށް ދައުލަތުން ވެސް ދެކޮޅެއް ނަހަދަ އެވެ. ދައުލަތުން ފުރަތަމަ ބުނީ އެކަމުގައި ޝަރީއަތުން ގޮތެއް ނިންމައި ދިނުމަށެވެ.

އެގޮތަށް ދައުލަތުން ބުނުމުން ޝަމީމް ވަނީ އެކަމުގައި ދައުލަތުން ދެކޭ ގޮތެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ޖިނާއީ ކޮންމެ މައްސަލައެއްގައި ވެސް ދައުލަތުގެ ރައުޔެއް އޮންނަންޖެހޭ ކަމަށް ބަންޑާރަ ނައިބު މިދިޔަ ޖެނުއަރީ މަހު ކަނޑައެޅުއްވި ޖިނާއީ މައްސަލަތަކުގައި އަމަލު ކުރަންޖެހޭ މައިގަނޑު ސިޔާސަތުގައި އެބައޮތް ކަމަށެވެ. އެހެންވެ، އިބްތިދާއީ އަޑުއެހުން ފެށުމާ މެދު ވެސް ދައުލަތުގެ ރައުޔެއް އޮންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް ޝަމީމް ވިދާޅުވުމުން ދައުލަތުން ބުނީ ދައުލަތުން ވެސް ބޭނުންވަނީ ދައުވާ ލިބޭ ފަރާތްތަކަށް ދޭންޖެހޭ ފުރުސަތުތައް ދީގެން އިންސާފުވެރިކޮށް މައްސަލަ ކުރިއަށް ގެންދަން ކަމަށާއި އިބްތިދާއީ އަޑުއެހުން އަލުން ފެށުމަކީ އިންސާފުވެރި ގޮތް ކަމަށް ޝަރީއަތުން ދެކޭ ނަމަ، އެގޮތަށް އަމަލު ކުރަން ދެކޮޅު ނަހަދާ ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު ގާޒީ އަލީ ރަޝީދު ނިންމެވީ ތިން މީހުންގެ ބައިގެ އިބްތިދާއީ އަޑުއެހުން އަލުން މިއަދު ފެށުމަށެވެ. އެކަމަކު ކުރީގެ އަޑުއެހުމުގައި، ދައުވާ ލިބޭ ދެން ތިބި ތިން މީހުން ދައުވާއަށް އިންކާރު ކޮށްފައިވާތީ އާއި އެއީ ހަ މީހުންނަށް އެއްކޮށް ދައުވާކުރާ މައްސަލައެއް ކަމަށް ވާތީ ހަ މީހުންގެ އިބްތިދާއީ އަޑުއެހުން އެއްކޮށް ކުރިއަށް ގެންދަން ދައުލަތުން އެދުނެވެ.

ޝަމީމް ވިދާޅުވީ އެ ތިން މީހުންގެ އިބްތިދާއީ ބައި މިއަދު ވަކިން ކުރިއަށް ގެންދަން އެދުނީ އެ މީހުންނަށް ކުރާ ދައުވާއާ މެދު ބައެއް ކަންކަން ފާހަގަކުރަން ހުރުމުން ކަމަށެވެ. އަދި ގިނަ މީހުން އެއް މައްސަލާގައި ހިމެނޭ މައްސަލަތަކުގައި ވެސް ބައެއް މީހުންގެ ބައި ވަކިން ކުރިއަށް ގެންދިއުމަކީ އަބަދުވެސް ކުރާ ކަމެއް ކަމަށާއި އެކަމަށް ދައުލަތުން ދެކޮޅު ހަދަންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ގާޒީ އަލީ ރަޝީދު ނިންމެވީ ދައުލަތުން އެދުނު ގޮތަށް، ހަ މީހުންގެ އިބްތިދާއީ ބައި ވެސް އެއްކޮށް ކުރިއަށް ގެންދިއުމަށެވެ. އެހެންވެ، މާދަމާ ހަ މީހުން އެއްކޮށް އިބްތިދާއީ އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޖިއާންގެ މަރުވި ހާދިސާއަށް މުޅި ރާއްޖޭގެ ސަމާލުކަން ލިބުނެވެ. އެ ހާދިސާއަށް ފަހު، އިމާރާތް ކުރުމުގެ ދާއިރާގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ގިނަ ފިޔަވަޅުތަކެއް އޭރު ސަރުކާރުން އެޅި އެވެ.