ފަސް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ޕްލޭނިން މިނިސްޓްރީން ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ހއ. އުލިގަމާއި ނ. ކެނދިކުޅުދޫ އާއި ތ. ކިނބިދޫ އާއި ގއ. ކަނޑުހުޅުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ހަވާލު ކުރީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. އަދި ހދ. ނޮޅިވަރަމްގައި ފެނާއި ނަރުދަމާގެ ނިޒާމު ހަވާލުކުރީ އަޒްރޯވާ މޯލްޑިވްސް ޖޮއިންޓް ވެންޗަ ވިތު ވޯޓަ އިންޖިިނިއަރިން ސާވިސަސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.
މި މަޝްރޫއުތަކުގެ ތެރެއިން ހއ. އުލިގަމުގައި މަޝްރޫއު ހިންގުމަށް 36 މިލިއަން ރުފިޔާ، ގއ. ކަނޑުހުޅުދޫ އާއި ތ. ކިނބިދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން 38 މިލިއަން ރުފިޔާ، ހދ. ނޮޅިވަރަމްގައި ހިންގާ މަޝްރޫއަށް 25 މިލިއަން ރުފިޔާ، ނ. ކެނދިކުޅުދޫގައި އެ ނިޒާމު ގާއިމު ކުރަން 59 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެއްބަސްވުމުގެ ދަށުން، ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ފަރުމާ ކުރުމާއި ރަށުގައި ފެނާއި ނަރުދަމާގެ ވިއުގައި އެޅުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމު ކުރުމާއި އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުން ހިމެނޭ ކަމަށެވެ.
މީގެއިތުރުން، ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމު ކުރުން އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ނިޒާމު ގުޅައިދިނުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.