ޕީޕީއެމްގެ މެމްބަރުން ހޮވަން ދައުލަތުން ޚަރަދުކުރި ފައިސާ އަދިވެސް ނުދައްކާ: ރައީސް

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމަށް ސަރުކާރުގެ ކުންފުނިތަކުން ފައިސާ ނަގައިގެން ޚަރަދު ކުރި ކަމަށާއި އެ ފައިސާ އަދި ވެސް އަނބުރާ ނުދައްކާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހަނިމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ މިހާރު މި ހިނގާ ރައްޔިތުންގެ މަޖިލިހަށް ޕީޕީއެމުން މެމްބަރުން ހޮވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން ޑޮލަރު ގަތުމަށް ކަމަށް ބުނެ 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި އެ ފައިސާ ބަހައިގެން ކަމަށެވެ. އަދި މިހާތަނަށް ވެސް އެ ފައިސާ އެމްޕީއެލް އަށް ނުދައްކާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ވައްކަން ވެސް އޮތީ ކޮށްފައި. މިއަދު އެ ވިދާޅުވަނީ ތިމަންނަށް ނޭވާ ލެވޭނީ އަނެއްކާ ވެސް މި ބާރު ދީގެންނޭ. އަޅުގަނޑު ދަންނަވާނީ އެބޭފުޅުންނަށް އެ ފުރުސަތު ދެއްވައިފިއްޔާ ރައްޔިތުން އަނެއްކާ ވެސް ތިބެން ޖެހޭނީ ކުރިން ތިބި ހާލަތުގައޭ،" ރާއްޖެ އަށް ހަމަޖެހުމެއް ގެނެވެން އޮތީ މި އާންމު އިންތިޚާބުގައި ޕީޕީއެމް/ކޮންގްރެސް ޕާޓީ އަދި ޖުމްހޫރީ ޕާޓީ އަށް ބޮޑު އަޣުލަބިއްޔަތެއް ދީގެން ކަމަށް ޔާމީން ވިދާޅުވެފައިވާތީ އެ އަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ދެހާސް ސާދަ ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބާ ދިމާކޮށް އެމްޕީއެލުން ފަސް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ނަމުގައި ދަރަންޏެއްގެ ގޮތުގައި ނަގާފައި ވަނީ ހަތަރު މަސް ދުވަހުން އެ ފައިސާ ޑޮލަރުން ދައްކާ ގޮތަށެވެ. އަދި އެ ފައިސާ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މަސްލަހަތު ހިމެނޭ ފަރާތަކަށް ވަނީ ދޫކޮށްފައި ކަމަށް އޭރުގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ނެރުއްވި އޮޑިޓް ރިޕޯޓްގައި ވެ އެވެ.

ޔާމީނަށް މަޖިލިހުގެ އަޣުލަބިއްޔަތު ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާއިރު، އެކަމަށް ރައްދު ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެބޭފުޅުން އެ ތިއްބެވީ ދައުލަތުގެ މާލިއްޔަތުން ދުވަހަކު ވެސް "ވައްކަން ނުކުރާ ވަރަށް ވައްކަންކޮށް" ހިޔާނާތް ވެފައި ކަމަށެވެ. އެ އަނދަވަޅަށް ރާއްޖެ ވައްޓާލުމުގެ ފުރުސަތު ދެން ނުދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

ކުރިއަށް އޮތް މަޖިލިހުގެ އަޣުލަބިއްޔަތު ލިބުން މުހިންމުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުން ކެންޑިޑޭޓުން ކަނޑައެޅުމުގައި ވަރަށް ވިސްނަން ޖެހޭ ކަމަށެވެ. މިހާރު ކެމްޕެއިންގެ މިސްރާބު ހުރި ގޮތުން ރާއްޖެ ކުރިން އޮތް ހާލަތަށް ހިނގައިދާނެ ކަމުގެ ބިރު އެބަ ހީވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "އިންތިޚާބު ފެށިގެން އައިއިރު އަޅުގަނޑު މަޑުކޮށްލައިގެން ބަލަހައްޓައިގެން ހުރިން. އިންތިޚާބުގެ ކެމްޕެއިން ދާ މިސްރާބުން ރާއްޖެ ކުރީ އޮތްތަނަށް ހިނގައިދާނެ ބިރު އަޅުގަނޑަށް ހީވާން ފެށި،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މި ސަރުކާރަށް ރައްޔިތުން ވޯޓު ދިނީ ޔާމީންގެ ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އިންތިޚާ އަށް އާއްމުވެފައި އޮތުމުން އެކަން ހައްލު ކުރުމަށެވެ. އަދި އެކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.