ބިން ވިއްކޭ މާއްދާ އިސްލާހުކުރަން ކޮމިޓީން ފާސްކޮށް އެޖެންޑާކޮށްފި

ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ނިންމައި، އަންނަ ހަފްތާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.


އޭރުގެ އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންގެ ވެސް ވޯޓާ އެކު، ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް (ހ) އަށް ގެނައި މި އިސްލާހު އުވައިލަން މިދިއަ އަހަރުގެ ނޮވެމްބަރުގައި ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

ގައުމީ ސަލާމަތުގެ ކޮމިޓީގައި ހިމެނޭ މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ މެޖޯރިޓީ އޮންނަ ކޮމިޓީގައި ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ވަންދެން އެ މައްސަލަ ބޭއްވުމަށް ފަހު ގާނޫނުއަސާސީގެ އެ އިސްލާހު އުވާލަން ފާސްކުރީ މީގެ 15 ވަރަކަށް ދުވަސް ކުރިން ކަމަށެވެ.

"އެ އިސްލާހު އުވާލަން ކޮމިޓީން ފާސްކޮށްފައި ވަނީ. އަންނަ ހަފްތާގައި ބާއްވާ ޖަލްސާއަށް މައްސަލަ އެޖެންޑާ ވެސް ކޮށްފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ކުރިން ބުނެފައި އޮންނަނީ "ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަަރާތަކަށް މިލްކުކޮށެއް ނުދެވޭނެ އެވެ،" މިހެންނެވެ. އެކަމަކު ޔާމީން ސަރުކާރުގައި ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ބާބު ގާނޫނުއަސާސީއަށް ލާން، އޭރު 251 ވަނަ މާއްދާ އިސްލާހުކުރީ "މި ގާނޫނުއަސާސީގެ 302 މާއްދާގައި ބަޔާންކޮށްފައި ހާލަތުގައި މެނުވީ، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫން ގޮތަކަށް ވެސް ދެވޭނީ، އެންމެ ދިގުވެގެން ނުވަދިހަ ނުވަ އަހަރަށެވެ،" މި އިބާރާތުންނެވެ.

ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކުރެވޭނެ ގޮތްތައް ކަނޑައަޅާފައިވާ ބާބު ގާނޫނުއަސާސީގައި ހިމެނީ 302 ވަނަ މާއްދާ އިން 309 ވަނަ މާއްދާއަށެވެ. އެކަމަކު ގާނޫނުއަސާސީގެ 251 ވަނަ މާއްދާ ކުރީގެ އޮތް ގޮތަށް އިސްލާހުކޮށްފި ނަމަ، މި ބާބުގެ ހުރިހާ މާއްދާއެއް އުވޭނެ ކަމަށް ބެލެވެ އެވެ.

ބޮޗޭގެ އިސްލާހު ފާސްކުރަން މަޖިލިހުގެ ތަޅުމަށް ފޮނުވާ އިރު އާ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށް، މަޖިލިހުގެ ތާރީޚު ބަދަލުކޮށްފަ އެވެ. އެކަމަކު އާ މެމްބަަރުންނާ އެކު އާ މަޖިލިސް ފެށޭނީ އަންނަ މަހު ފަހުކޮޅުގަ އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބު ފާހަގަކުރަނީ: އާ މަޖިލިސް ފެށޭނީ އަންނަ މަހުގެ ފަހުކޮޅު - ފޮޓޯ: ހުސެން ވަހީދު /މިހާރު

ގާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ. އެހެންކަމުން ބޮޗޭގެ އިސްލާހު ފާސްވެދާނެތޯ ސުވާލު އުފެދެ އެވެ.

ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ އިސްލާހު ބާތިލްކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ ކެމްޕެއިންގައި ވެސް ވިދާޅުވެފަ އެވެ. ކެމްޕެއިންގައި އެމަނިކުފާނު އެންމެ ކަންބޮޑުވުން ފާޅުކުރެއްވި އެއް މައްސަލަ އަކީ ވެސް އެއީ އެވެ.

ޖުލައި 22، 2015 ގައި ގާނޫނުއަސާސީއަށް ގެނައި ބަދަލުގައި ބުނެފައި އޮންނަނީ ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް ބިމުން ބައެއް މިލްކުކުރެވޭނެ ކަމަށެވެ. އެ ބަދަލު ގާނޫނުއަސާސީއަށް ގެނައީ 70 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ދެކޮޅުހެއްދެވީ އެންމެ 14 މެމްބަރުންނެވެ.