ކުރީގެ ގާނޫނުއަސާސީގެ އޮތްއިރުު ދެ މީހަކަށް އިއްވި މަރުގެ ހުކުމެއް ބާތިލްކޮށް، މައްސަލަ އަލުން ބަލަން އަމުރުކޮށްފި

ކުރީގެ ނޫ ގާނޫނުއަސާސީއަށް އަމަލު ކުރިއިރު، ދެ މީހެއްގެ މައްޗަށް އޭރުގެ ޖިނާއީ ކޯޓުން އިއްވާފައިވާ މަރުގެ ހުކުމެއް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.


މީގެ 10 އަހަރު ކުރިން، ޖުލައި 2008 ގައި އޭރުގެ ޖިނާއީ ކޯޓުން ހަތަރު މީހަކު މެރުމަށް ހުކުމްކުރީ ޖުލައި، 2006 ގައި ގއ. މާމެންދޫގައި ގްރޫޕަކުން ހަމަލާދީ ގއ. ވިލިނގިލީ ކަނޑުއޮޅި، މުހައްމަދު ޝިހާބް މަރާލި މައްސަލައިގަ އެވެ. އޭގެ ތެރެއިން ދެ މީހެއްގެ މަރުގެ ހުކުމް ކޯޓުން ކުރިން އޮތީ ބާތިލްކޮށްފަ އެވެ.

އެ މައްސަލައިގައި ދެން ތިބި ދެ މީހުންގެ ކަމަށްވާ ގއ. މާމެންދޫ ޕިންކްލައިޓް، މުހައްމަދު ޝިފްރާޒާއި އެ ރަށު މާސް، އަލީ މަސްއޫދު ސައީދަށް އިއްވި މަރުގެ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކުރީ އެ ދެ މީހުންގެ ފަރާތުން މި އަހަރު އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.

އެ މައްސަލަ ބެލުމަށް ފަހު، ހައި ކޯޓުން މިއަދު ވަނީ ޝިފްރާޒާއި މަސްއޫދުގެ މަރުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް އަމުރުކޮށްފަ އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ އެ ދެ މީހުން ވެސް ދަށު ކޯޓުގެ ޝަރީއަތުގައި ދައުވާ އަށް އިންކާރު ކޮށްފައިވާ ކަމަށާއި އެ ދެ މީހުންނާ ދެކޮޅަށް ހުށަހެޅި ބައެއް ހެކިވެރިންގެ ހެކިބަސް ދަށު ކޯޓުން ނަގާފައި އޮތީ ރަށެއްގެ ކޯޓެއް މެދުވެރިކޮށް ލިޔުމުން ކަމަށް ވާތީ ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު އެ މީހުންނަށް ނެތި ކަމަށެވެ. އަދި އެ ހެކިވެރިން ލިޔުމުން ކޯޓަށް ދިން ބަޔާންތަކުގައި ވެސް އޮތީ އެ މީހުން ތަހުގީގަށް ބަޔާނެއް ދީފައިވާނެ ކަމަށް ބުނެ އެގޮތަށް ކަމަށާއި އެކަމަކު އެއީ ޝަރީއަތެއް ކަމެއް ސިފަކޮށްދޭ އުސޫލުން ދިން ހެކިބަހެއް ކަމަށް ބެލެވެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލައިގައި ދައުވާ ލިބުނު އެއްވެސް މީހަކު ދަށު ކޯޓުގައި ޝަރީއަތުގައި ކުށަށް އިއުތިރާފްވެފައި ނެތްއިރު، ނުސީދާ ދަލީލުތަކުގެ ގޮތުގައި ހުށަހެޅިފައި އޮތީ ހަމައެކަނި މެޑިކޯ ލީގަލް ރިޕޯޓެއް އެކަނި ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ދައުވާ ލިބޭ މީހުންނަށް ސުވާލު ކުރުމުގެ ފުރުސަތު ލިބުނީ އެންމެ ދެ ހެކިވެރިއަކާ އެކަނި ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެ މައްސަލަ ދަށު ކޯޓުގައި ހިނގީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 17 އަހަރުން އެކުލަވައިލި ނޫ ގާނޫނުއަސާސީ އަށް އަމަލުކުރި ދުވަސްވަރު ކަމަށް ވިޔަސް އޮގަސްޓް 7، 2008 އާ ގާނޫނުއަސާސީ ވުޖޫދަށް އައުމާ އެކު، ދައުވާ ލިބޭ މީހުންގެ ހައްގުތަކާއި ކުށް ސާބިތުވާނެ މިންގަނޑުތައް ކަނޑައެޅިފައިވާ ކަން އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ފަހުން އަންނަ ގާނޫނަކީ ތުހުމަތު ކުރެވޭ ފަރާތަށް ފަހިވާ ގޮތަށް އޮތް ގާނޫނެއް ނަމަ، ނިހާއީ ހުކުމެއް ކަނޑައެޅިފައިނުވާ ކޮންމެ މައްސަލައެއްގައި ވެސް އެ ގާނޫނެއް އެ މައްސަލައަށް ތަތުބީގް ކުރެވިދާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެ މައްސަލައިގައި ކުރިން ހުކުމް ބާތިލް ކޮށްފައިވާ ދެ މީހުންގެ މައްސަލައިގައި ވެސް، އެ ހުކުމް ބާތިލް ކޮށްފައި އޮތީ ހެކިވެރިންނާ ސުވާލު ކުރުމުގެ ފުރުސަތު އެ މީހުންނަށް ދީފައި ނުވާތީ އާއި އެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތުމުން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުން ކުރި ހުކުމުގައި ވަނީ އެ ދެ މީހުންގެ މަރުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބެލުމަށް ތަހުވީލުކުރާ ކަމަށެވެ. އަދި އެ ދެ މީހުން މިއަދުން ފެށިގެން 15 ދުވަހަށް ބަންދުގައި ބައިތިއްބަން އަމުރުކޮށް، އެ މުއްދަތުގައި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދަށު ކޯޓަށް ހުށަހަޅަން ވެސް ހައި ކޯޓުން އަމުރު ކޮށްފައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަސަން އެވެ.

ކުރީގެ ގާނޫނުއަސާސީގެ ދަށުން އިއްވި މަރުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަމުރު ކުރިއިރު މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން މަރަން ހުކުމް ކޮށްފައި ތިބި ބައެއް މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ތިން މީހެއްގެ މަރުގެ ހުކުމުގެ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމިފައިވާއިރު، ދެން ތިބި މީހުންގެ މައްސަލަތައް އިސްތިއުނާފް މަރުހަލާގައި ދަނީ ހިނގަމުންނެވެ.